އެމްއެންޑީއެފްގެ ސެންޓްރަލް އޭރިއާ އިފްތިތާހިކޮށްފި

ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި ގާއިމްކުރުމަށް ހަމަޖައްސާފައިވާ އެމްއެންޑީއެފްގެ ހަތަރު ސަރަހައްދީ ކޮމާންޑް ސެންޓަރުތަކުގެ ތެރެއިން ދެ ވަނަ ސެންޓަރު ކަމަށްވާ "އެމްއެންޑީއެފް ސެންޓަރަލް އޭރިއާ" އިއްޔެ އިފްތިތާހުކޮށްފި އެވެ.
އެމްއެންޑީއެފް ސެންޓްރަލް އޭރިއާގައި ހިމެނޭ އަތޮޅުތަކަކީ އއ، އދ، ވ، މ، ފ، ދ، ތ، އަދި ލ. އަތޮޅެވެ. އޭގެ އިތުރުން ކ. އަތޮޅު ވެސް ސެންޓްރަލް އޭރިއާގައި ހިމެނެ އެވެ. ނަމަވެސް މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި، ފުނަދޫ، އަދި ދޫނިދޫ ނުހިމަނަ އެވެ. އެ އަތޮޅުތަކުގެ ކަނޑުގެ ސަރަހައްދުތައް ވެސް ސެންޓްރަލް އޭރިއާގައި ހިމެނެ އެވެ.
ސެންޓަރަލް އޭރިއާގެ ކޮމާންޑް ސެންޓަރު ހުންނަނީ ހުޅުލޭގަ އެވެ. އެ ތަން ހުޅުވައިދެއްވުމަށް ފަހު ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ވޭތުވެ ދިޔަ އަށެއްކަ މަސް ތެރޭގައި އެމްއެންޑީއެފް ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި އެމްއެންޑީއެފްގެ ކޮމާންޑް ސެންޓަރުތައް ގާއިމްކުރުމުގެ އެންމެ މުހިންމު އެއް ބޭނުމަކީ އެމްއެންޑީއެފްގެ ހިދުމަތް ލާމަރުކަޒީކޮށް ރައްޔިތުންނަށް ފޯރުކޮށްދެއްވުން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
އޭގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ އެމްއެންޑީއެފް ލާމަރުކަޒީ ކުރުމަކީ ރާއްޖޭގެ ކަނޑުތައް ހިމާޔަތްކުރުމަށް އެޅޭ ވަރުގަދަ ފިޔަވަޅަކަށް ވާނެ ކަމަށެވެ. އަދި އުތުރުގެ ކޮމާންޑް އަންނަ ނޮވެމްބަރު 11 ގައި ގާއިމްކުރެވޭނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
ސެންޓްރަލް އޭރިއާ އިފްތިތާހުކުރުމުގެ ހަފްލާއަށް ފަހު، ސުނާމީގައި ހާލުގައިޖެހުނު ވިލުފުށީ ރައްޔިތުން އެ ރަށަށް އަލުން ބަދަލުކުރުމުގައި ހަރަކާތްތެރިވި ސިފައިންނަށް ސެޓްފިކެޓު ދިނުން ވެސް އޮތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ