އޮސްޓްރޭލިޔާގެ ސަފީރު ވަދާއީ ޒިޔާރަތް ކުރައްވައިފި

އޮސްޓްރޭލިޔާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅައިފައި ހުންނަވާ ސަފީރު ޑރ. ގްރެގަރީ އެލަން ފްރެންޗް ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމުގެ އަރިހަށް ވަދާއީ ޒިޔާރަތް ކުރައްވައިފި އެވެ.
އިއްޔެ މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވެވި މި ބައްދަލުކޮށްލެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، އޮސްޓްރޭލިޔާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅައިފައިވާ ސަފީރުގެ މަގާމުގައި ހުންނަވައިގެން، ދެގައުމުގެ ދެ މެދުގައި އޮތް ގާތް ރަހުމަތްތެރި ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ޑރ. ފްރެންޗް ކުރައްވައިފައިވާ މަސައްކަތްޕުޅުތަކަށްޓަކައި އޭނާއަށް ޝުކުރު އަދާކުރެއްވި އެވެ. ރައީސްގެ ވާހަކަފުޅުގައި އޮސްޓްރޭލިޔާ އާއި ރާއްޖެއާ ދެގައުމުގެ ދެމެދުގައި އޮތް ގުޅުމުގެ މައްޗަށް ބައްލަވާލައްވަމުން ރާއްޖޭގެ ތަރައްގީއަށް އޮސްޓްރޭލިޔާ ސަރުކާރުން ވެދޭ އެއްބާރުލުން ފާހަގަކުރެއްވި އެވެ. ޚާއްސަކޮށް ރާއްޖޭގެ ކިޔަވާ ކުދިންނަށް އޮސްޓްރޭލިޔާ ސަރުކާރުން ދޭ ފުރުސަތުތަކަށް ރައީސް ޝުކުރު އަދާކުރެއްވި އެވެ.
ޑރ. ފްރެންޗް ދެއްކެވި ވާހަކައިގައި އޮސްޓްރޭލިޔާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅި ސަފީރުގެ މަގާމުގައި ހުންނަވައިގެން ރާއްޖެއަށް ޚިދުމަތް ކުރެއްވުމަކީ އޭނާއަށް ވަރަށް ބޮޑު އުފާފުޅެއް ލިބިވަޑައިގެންނެވި ކަމެއް ކަމަށް ވިދާޅުވި އެވެ. އޭނާގެ ވާހަކައިގައި ރާއްޖެއަށް އައިސްފައިވާ ތަރައްގީ ފާހަގަކުރައްވަމުން، ރާއްޖެއަކީ އިންވެސްޓްކުރުމަށް ވަރަށް ރަނގަޅު ފުރުސަތުތަކެއް އޮތް ގައުމެއް ކަމުގައި ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ