އެމްއެލްސީން ޑިގްރީ އަށް ކިޔަވައިދިނުން ލަސްވަނީ ސަރުކާރުން ލިބެން ޖެހޭ ހުއްދަތައް ނުލިބިގެން: އިބްރާ

މަންދު ލާނިން ސެންޓަރު (އެމް.އެލް.ސީ) އިން ޑިގްރީ އަށް ކިޔަވައިދިނުން ލަސްވަމުން ދަނީ ސަރުކާރުން ލިބެންޖެހޭ ހުއްދަތައް ނުލިބިގެން ކަމަށް އެ ތަނުގެ ކައުންސެލިން ޗެއާމަން އިބްރާހިމް އިސްމާއީލް (އިބްރާ) ވިދާޅުވެއްޖެ އެވެ.
މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި އެ ސެންޓަރުގެ މިދިޔަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އިބްރާ ވިދާޅުވީ ޑިގްރީ އަށް ކިޔަވައިދިނުމުގެ ހުއްދަ ހޯދުމަށް އެދި ސަރުކާރަށް ހުށަހަޅާފައިވާތާ ތިން އަހަރުވެފައިވާ ކަމަށާއި ނަމަވެސް އަދިވެސް ހުއްދަ ލިބިފައި ނުވާ ކަމަށެވެ.
"ސަރުކާރުން ހުއްދަނުދެއްވަން ވިދާޅުވަނީ ކޮލެޖަކުން ނޫނީ ޑިގްރީއެއް ނުހެދޭނެކަމަށް،" އޭނާ ވިދާޅުވި އެވެ.
އިބްރާ ވިދާޅުވީ މަންދު ލާނިން ސެންޓަރުގައި ޑިގްރީ ކޯސްތައް ފެށުމުގެ ހުއްދަ ސަރުކާރުން ނުދެއްވާ ނަމަ، އެ ސެންޓަރު ކޮލެޖަކަށް ހެދުމުގެ ހުއްދަ އަށް ވެސް އެދިވަޑައިގެންފައިވާ ކަމަށެވެ. އެކަމަކު ކޮލެޖަކަށް ބަދަލުކުރުމުގެ ޝަރުތު ހަމަނުވާ ކަމަށް ވިދާޅުވެ ސަރުކާރުން އެކަމަށް ހުއްދަ ދެއްވާފައިނުވާކަން އޭނާ ފާހަގަ ކުރެއްވި އެވެ. އަދި މަންދު ލާނިން ސެންޓަރުގައި ޑިގްރީ ފެންވަރަށް ކިޔަވައިދިނުމަށްޓަކައި ވާންޖެހޭ ހުރިހާ ތައްޔާރީތައް ވެފައިވާއިރު ވެސް ސަރުކާރުން ހުއްދަ ނުދެއްވާތީ އިބްރާ ވަރަށް ބޮޑަށް ފާޑު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މަންދު ލާނިން ސެންޓަރަށް ނުވަ އަހަރު ވީއިރު މިހާތަނަށް ދިމާވާ އެންމެ ބޮޑު ދައްޗަކީ އެކަށީގެންވާ އިމާރާތެއް ނެތުން ކަމަށެވެ.
މަންދު ލާނިން ސެންޓަރުން މިދިޔަ އަހަރު ހިންގި ފަސް ކޯހަކުން 105 ދަރިވަރަކު ގްރެޖުއޭޓްވެފައި ވެ އެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި މަންދު ލާނިން ސެންޓަރުގެ އިނާމު ދިނުމުގެ ޖަލްސާގައި ދަރިވަރުންނަށް އިނާމު ދެއްވީ ތައުލީމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާ އަދި ކުރީގެ ޓޫރިޒަމް މިނިސްޓަރު ޑރ. މުސްތޮފާ ލުތުފީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ