ނޫސްވެރިކަމުގެ މިނިވަންކަމަށް ފުލުހުން ވަނީ އަރައިގެންފައި: މީޑިއާ ކައުންސިލް

އޮކްޓޯބަރު ،25 2010 ވަނަ ދުވަހުގެ ރޭ ސަރުކާރާ އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރި މުޒާހަރާ ކަވަރުކުރަން އުޅުނު ނޫސްވެރިންނަށް، ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގާއި މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގަށް ދިވެހި ފުލުހުން އަރައިގެންފައިވާ ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން މިއަދު ބުނެފި އެވެ.
އެ ހާދިސާގައި ނޫސްވެރިންނަށް ލިބުނު ގެއްލުންތައް ބަލައި ދިރާސާކުރުމަށް ފަހު އެ ކައުންސިލުން ތައްޔާރުކުރި ރިޕޯޓް ނެރުމަށް ފަހު އެމްއެމްސީގެ ރައީސް މުހައްމަދު ނަޒީފު ވިދާޅުވީ އެ ކައުންސިލުން ބެލިބެލުމުން އެރޭ ފުލުހުންގެ ފަރާތުން ނޭދެވޭ ކަންތައްތަކެއް ހިނގާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި މީޑިއާގެ ބައެއް ފަރާތްތައް ވެސް އަޚުލާގީ މިންގަނޑުން ނައްޓާލާފައިވާކަން ފާހަގަކުރެއްވުނު ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެރޭގެ ހާދިސާ ދިރާސާކުރުމުން މީޑިއާ އިން ފާހަގަކޮށްފައިވާ ބައެއް ކަން ސާބިތުވެގެންދިޔަ. އެއާއެއްކޮށް އޭގެ ކުރިން ވާހަކަދައްކަމުން ދިޔަ ގޮތަށް ފުލުހުން އިނގިލި ދިއްކުރަމުން ގެންދިޔަ މީޑީއާ އަށް. މީޑިއާ ވަރަށް ބޮޑަށް ފުލުހުންނާ ދިމާލަށް އިނގިލި ދިއްކުރަމުން ގެންދިޔަ. އަޅުގަނޑުމެންގެ ތެރެއިން ބައެއް ބޭފުޅުންނަށް އެބަހުރި އަޅުގަނޑުމެން މިކިޔާ އެތިކަލް މިންގަނޑުތަކާ ނައްޓާލާފައިވާ ބައެއް ކަންކަން،" ނަޒީފު ވިދާޅުވި އެވެ.
ފުލުހުންނަށް ގޯސްކޮށް ކުރެވިފައިވާ ކަންކަމާ މެދު ވާހަކަ ދައްކަވަމުން ނަޒީފް ވިދާޅުވީ އަންހެން ނޫސްވެރިއެއްގެ ފުރަގަހުން އުނަގަނޑާ ދިމާލުން ފުލުހުން މުގުރެއްގެ ކޮޅުން ގަސްދުގައި ޖަހާފައިވާ ކަން ކަށަވަރުވެފައިވާ ކަމަށެވެ.
ނަޒީފު ވިދާޅުވީ އެ ދިރާސާ ރިޕޯޓްގެ މައްޗަށް ބިނާކޮށް ކައުންސިލުން އަޅަން ޖެހޭ ފިޔަވަޅުތަކެއް ނިންމާނެ ކަމަށެވެ. ނަމަވެސް އެއީ ކޮންކޮން ފިޔަވަޅުތަކެއް ކަމެއް އޭނާ ވިދާޅެއްނުވެ އެވެ.
"މިގަޑީގަ ސީދާ ދަންނަވާކަށް ނޭނގެ. ކައުންސިލުން އެކަމާ [އަޅާނެ ފިޔަވަޅަކާ] މެދު ގޮތެއް ނިންމާނީ،" ނަޒީފު ވިދާޅުވި އެވެ.
މީޑިއާ ކައުންސިލްގެ ރިޕޯޓްގައި އެ ހާދިސާގައި ފުލުހުންގެ އަމަލުތަކުގެ ސަބަބުން ނޫސްވެރިންނަށް ޖިސްމާނީ ގެއްލުމާއި ނޫސްވެރިން ގެންގުޅުނު ތަކެއްޗަށް މާއްދީ ގެއްލުން ދީފައިވާ ކަމަށް ބުނެފައިވެ އެވެ. އަދި ދިވެހި މީޑިއާ އަށް ފުލުހުންގެ ހަރުކަށި އަމަލުގެ ސަބަބުން ކުރިމަތިވި ނަފްސާނީ ނުތަނަވަސްކަމާއި ބިރުވެރިކަން އެއީ މީޑިއާ ކައުންސިލުން އެންމެ ފުޅާ މާނާގައި ކުށްވެރިކުރާ ކަމެއް ކަމަށް ވެސް ބުނެފައިވެ އެވެ.
އެ ރިޕޯޓްގައި ބުނެފައި ވަނީ ވޭތުވެދިޔަ ދެތިން އަހަރު ތެރޭ ދިވެހި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކުން ތަހައްމަލުކޮށްފައިނުވާ ފަދަ އުނދަގޫތަކާއި ހުރަސްތަކާއި އަނިޔާ އެރޭ ފުލުހުންގެ ފަރާތުން ލިބުނު ކަމަށެވެ. އަދި އެއްވެސް އިންޒާރެއް ދިނުމަކާނުލައި މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ފުލުހުން ބޭނުންކުރި ކަރުނަ ގޭހުގެ ކެނިސްޓައަކުން ނޫސްވެރިއެއްގެ ބޮލުގައި ޖެހި އަނިޔާވުމުގެ އިތުރުން ފޮރިން މިނިސްޓްރީގެ ހުޅަނގު ގޯޅީގަ އާއި އަމީރު އަހުމަދުމަގުގައި ނޫސްވެރިންނާއި ފުލުހުންނާ ދެމެދު ކުރިމަތިލުން ހިނގައި ނޫސްވެރިންތަކަކަށް އަނިޔާވެ، އިކްއިޕްމަންޓްތަކަށް އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށް ވެސް އެ ރިޕޯޓްގައި ބުނެފައިވެ އެވެ.
އެރޭ ފުލުހުން ތައްޔާރުވެފައި ވަނީ އެ ސަރަހައްދަށް އެއްވެސް މީހަކު ވަނަނުދިނުމަށާއި އެކަމުގައި މީޑިއާގެ ފަރާތްތައް ވެސް އިސްތިސްނާކޮށްފައިނުވާކަން ކޮމިޓީ އަށް ފާހަގަކުރެވިފައިވާ ކަމަށް ބުނެފައިވެ އެވެ. މީޑިއާގައި މަސައްކަތްކުރާ އަށް މީހަކަށް އެކިވަރުގެ ޖިސްމާނީ އަނިޔާތަކެއް ލިބި ފަރުވާ ހޯދިކަމުގެ ބަޔާންދީފައިވާ ކަމަށް ވެސް ރިޕޯޓްގައިވެ އެވެ.
އެ ރިޕޯޓް ނިންމާލަމުން ބުނެފައި ވަނީ މީޑިއާ މެދު ފުލުހުން އަމަލުކޮށްފައިވާ ގޮތާ މެދު ކައުންސިލުން ހިތާމަކުރާ ކަމަށެވެ. އަދި އެފަދަ ކަމެއް ތަކުރާރުވެގެން ނުވާނެ ކަމަށް ގަބޫލުކުރާ ކަމަށް ވެސް މީޑިއާ ކައުންސިލުގެ ރިޕޯޓްގައި ބުނެފައިވެ އެވެ.
ނަޒީފް ވިދާޅުވީ އެ މައްސަލައާ ގުޅިގެން ކައުންސިލުން ހިންގީ ތަހުގީގެއް ނޫން ކަމަށާއި އެއީ ދިރާސާއެއް ކަމަށެވެ. އަދި އެ ދިރާސާ އަށް ފަހު ބެލީ ދެން ކުރެވޭނީ ކޮން ކަމެއްތޯ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ