ކުރީގެ ލީގަލް ރިފޯމް މިނިސްޓަރު ނަޝީދު ޑީއާރުޕީން ވަކިވެވަޑައިގެންފި

ކުރީ ސަރުކާރުގެ ލީގަލް ރިފޯމް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ހދ. ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު، އޭނާ ހުންނެވި ޑީއާރުޕީން މިދިޔަ އާދީއްތަ ދުވަހު ވަކިވެވަޑައިގެންފި އެވެ.
ދެ ހާސް ފަސް ވަނަ އަހަރުން ފެށިގެން ޑީއާރުޕީގެ މެމްބަރެއްގެ ގޮތުގައި ހަރަކާތްތެރިވެ ވަޑައިގަންނަވަމުން ގެންދެވި ނަޝީދު އެ ޕާޓީން ވަކިވެވަޑައިގެންނެވިކަން ޑީއާރުޕީގެ އަމީން އާންމު ޑރ. އަބްދުﷲ މައުސޫމް ވެސް މިއަދު ކަށަވަރުކޮށްދެއްވި އެވެ. އެހެން ނަމަވެސް ވަކިވެވަޑައިގަތުމަށް ނަޝީދު ފޮނުއްވި ސިޓީގައި ޕާޓީން ވަކިވެވަޑައިގެންނެވި ސަބަބު ވިދާޅުވެފައި ނެތްކަމަށް ޑރ. މައުސޫމް ވިދާޅުވި އެވެ.
ނަޝީދު އޭނާގެ އަމިއްލަ ބްލޮގް އެމްނަޝީދުޑޮޓްކޮމްގައި ލިޔުއްވާފައިވާ ގޮތުގައި ވެސް ޑީއާރުޕީން ވަކިވެވަޑައިގެންނެވި ސަބަބެއް ސިޓީގައި ލިޔުއްވާފައެއްނުވާނެ އެވެ. ބްލޮގްގައި ނަޝީދު ވިދާޅުވެފައިވަނީ މި އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން އޭނާ އުޅުއްވަމުން ގެންދެވީ ޑީއާރުޕީއާ ދުރުގައި ކަމަށާއި މަޖިލީހުގެ ގޮނޑި ކާމިޔާބުކުރެއްވީ ވެސް މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ކެމްޕޭންކުރައްވައިގެން ކަމަށެވެ.
"ފާއިތުވި މަސްތަކުގައި ސިޔާސީ ގޮތުން ޕާޓީއާ އަޅުގަނޑާ އެއްވެސް ގުޅުމެއް ނެތް. ސިޔާސީ ސަބަބުތަކަށްޓަކައި ރައްޔިތުންގެ މަޖިލީހުގައި ވެސް އަޅުގަނޑު ހަރަކާތްތެރިވަމުން ގެންގޮސްފައިވާނީ އަމިއްލަ ހައިސިއްޔަތުން. އެހެންވީމަ އަޅުގަނޑުގެ މި ނިންމުމަކީ ކުއްލި ނިންމުމަކަށް ނުވާނެ،" މިދިޔަ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް މައުމޫނަށް ކެމްޕޭންކޮށްދެއްވުމުގައި އިސް ދައުރެއް އަދާކުރެއްވި ނަޝީދު އޭނާގެ ބްލޮގްގައި ލިޔުއްވާފައިވެ އެވެ.
ޑީއާރުޕީން ނަޝީދު ވަކިވެވަޑައިގެންނެވި ސަބަބާއި އޭނާގެ ސިޔާސީ ކުރިމަގާ ބެހޭ ގޮތުން، ނަޝީދުގެ ފޯނުން ޖަވާބު ނުދެއްވާތީ އެއްވެސް އެއްޗެއް ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ