2012 ވަނަ އަހަރު ހުސް ދިވެހިންގެ ކުންފުންޏަކަށް ވާނެ: އެމްޕީއެލް

ވިޔަފާރި ބަނދަރުގެ ވަޒީފާތަކުގައި ތިބި ބިދޭސީން ވަކިކޮށް 2012 ވަނަ އަހަރު އަންނަން ވާއިރަށް ހުސް ދިވެހިން ތިބޭ ކުންފުންޏަކަށް ވެގެންދާނެ ކަމަށް ވިޔަފާރި ބަނދަރު ހިންގާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑު (އެމްޕީއެލް) އިން ބުނެފި އެވެ.
މާލޭ ވިޔަފާރި ބަނދަރުގެ ރިހިޔޫބީލް ފާހަގަކުރުމުގެ ގޮތުން ބޭއްވި ހަފުލާގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ހުސެއިން ހިލްމީ ވިދާޅުވީ އެ ކުންފުނިން 2010 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރަމުން ދިޔަ 124 ބިދޭސީންގެ ތެރެއިން 70 ޕަސެންޓް މީހުން ވަކިކޮށް އެ މަގާމުތަކަށް ދިވެހިން ނަގާފައިވާ ކަމަށެވެ. މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ  25 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ޓަކައި މާލޭ ވިޔަފާރި ބަނދަރުގައި ބޭއްވި ރަސްމިއްޔާތު.
"އަޅުގަނޑުމެން މިހާރު މަސައްކަތް ކުރަމުން މިދަނީ 2012 ވަނަ އަހަރު އަންނަންވާއިރަށް މި ކުންފުނީގައި ތިބި ހުރިހާ ބިދޭސީން ވަކިކޮށް އެ މަގާމުތަކަށް ދިވެހިން ނެގުމަށް. އެކަމަށްޓަކައި އަޅުގަނޑުމެން އެޕްރެންޝިޕް ޕްރޮގްރާމްތަކެއް ވެސް ކުރިއަށް ގެންދަން. އަދި މުވައްޒަފުން ތަމްރީން ކުރުމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރަމުން މިދަނީ. އެ މަސައްކަތުގެ ދަށުން ކުންފުނީގެ 700 އަށް ވުރެ ގިނަ މުވައްޒަފުންނަށް ތަފާތު ދާއިރާތަކުން ތަމްރީން ދީފައިވޭ،" ހުސެއިން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބަނދަރުން ދޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން މިއަހަރު 102 މިލިއަން ރުފިޔާގެ އިކްއިޕްމަންޓް ހޯދަން އޯޑަރު ދީފައިވާ ކަމަށެވެ.
އެމްޕީއެލް އިން އަންނަނީ މާލޭ ވިޔަފާރި ބަނދަރު ތަރައްގީ ކުރުމުގެ އިތުރުން ހުޅުމާލޭގައި ކޮންޓެއިނާ ބަހައްޓާނެ ޓާމިނަލަކާއި ތިލަފުށީގައި ޑޮކްޔާޑެއް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ކުޅުދުއްފުށީ ބަނދަރުގެ 51 ޕަސެންޓް ހިއްސާ ގަނެ އެ ބަނދަރު ވެސް ތަރައްގީ ކުރަމުން މިހާރު އަންނަނީ އެމްޕީއެލް އިންނެވެ.
މާލޭ ވިޔަފާރި ބަނދަރުގެ ރިހި ޔޫބީލް ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުންޏަށް ގިނަ ދުވަހު ޚިދުމަތް ކުރި މުވައްޒަފުންގެ އަގު ވަޒަންކުރުމުގެ ގޮތުން ފިލައެއް ދިނެވެ. އަދި މިދިޔަ އަހަރު ރާއްޖެ އަށް އެންމެ ގިނަ ކޮންޓެއިނާ ގެނައި ކުންފުންޏާއި އެންމެ ގިނައިން ފައިސާ ދެއްކި ކުންފުންޏަކަށް ހޮވިފައިވާ ލިލީ އިންޓަނޭޝަނަލަށް ވެސް ޚާއްސަ ފިލައެއް ދީފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ