ކޮވިޑް-19: ރާއްޖޭގެ ސްކޫލްތައް ހުޅުވަން ސިއްހަތު ޖަމްއިއްޔާއިން އެހީ ވަނީ

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ސްކޫލްތައް ބަންދުކޮށްފައިވާ މި ދަނޑިވަޅުގައި، އަލުން ސްކޫލްތައް ހުޅުވުމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން އެހީ ވުމަށް ނިންމައިފިއެވެ.
ސްކޫލްތައް ބަންދު ކުރުމަށްފަހު އަލުން ހުޅުވާނީ ހުރިހާ ދަރިވަރުންނަށް ރައްކާތެރިކަން ކަށަވަރު ކުރުމަށް ފަހު ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
ކޮވިޑާއި ގުޅިގެން ރާއްޖޭގެ ސްކޫލްތައް ބަންދު ކޮށްފައިވަނީ މިދިޔަ މަހުގެ މާޗްމަހުގެ ތެރޭގައެވެ. އޭގެ ފަހުން އޮންލައިން ކްލާސްތައްވެސް އައީ ގެނެސްދެމުންނެވެ. ދާދި ފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ފުރަބަންދުގެ މުއްދަތައް ލުއިތަކެއްދީ ސްކޫލްތައް ހުޅުވުމުގެ ވިސްނުން ހުރި ކަމަށް ވިދާޅުވެފައެވެ.
އެޑިއުކޭޝަން މިނިސްޓްރީން ދާދި ފަހުން ބުނީ ސްކޫލްތައް ފަށަން މިހާރު ތައްޔާރުވަމުންދާ ކަމަށާއި އަދި އެކަން ކުރާނީ ސްކޫލްތައް ރައްކާތެރިތޯ ކަށަވަރުކުރުމަށް ފަހު ކަމަށެވެ.
އެހެން ކަމުން އެޑިއުކޭޝަންގެ އިސްބޭފުޅުން ވަނީ ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ޑރ. އަރުވިންދު މާތޫރުއާއެކު އޮންލައިން ބައްދަލުވުމެއް ބާއްވާފައެވެ.
މި ބައްދަލުވުމުގައި އެ ޖަމްއިއްޔާއިން ވަނީ ރާއްޖޭގެ ސްކޫލްތައް އަލުން ހުޅުވުމަށް ތައްޔާރުވުމަށް އެހީތެރިވުމުގެ ގޮތުން ސެނިޓައިޒް ކުރުމަށް ބޭނުން ކުރާ ތަކެތި އަދި މީހުން ތަމްރީނު ކޮށްދިނުމަށް އެއްބަސްވެފައެވެ.
އެޑިއުކޭޝަނަނުން ވަނީ ދެން ސްކޫލްތައް ހުޅުވޭއިރު ކުދިން ސްކޫލަށް ވެއްދުމުގެ ކުރިން ހުން ހުރިތޯ ބަލާނެ ކަމަށްވެސް ބުނެފައެވެ. ސްކޫލްތައް ހުޅުވާނެ ވަކި ސީދާ ދުވަހެއް ސަރުކާރުން އިއުލާނު ކޮށްފައެއް ނުވެއެވެ. މީގެ ކުރިން ބުނެފައިވަނީ އަންނަ މަހުގެ 16 ގެ ފަހުން ހުޅުވޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ