ޔާމީން އަކީ ވަރަށް ވަރުގަދަ ސިންގާއެއް: ޝަހީމް

ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަކީ ރާއްޖޭގެ އުފެދުނު ވަރަށް ވަރުގަދަ ސިންގާއެއް ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު އަދި މިދިޔަ ރިޔާސީ އިންތިހާބުގައި ޔާމީންގެ ރަނިންމޭޓު ޑރ.މުހައްމަދު ޝަހީމް ވިދާޅުވެއްޖެއެވެ.
ޝަހީމް މިހެން ވިދާޅުވީ ޔާމީން ޖަލަށްލުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދައްކަވަމުން ގެންދަވާ ވާހަކަތަކާ ގުޅިގެން ފޭސްބުކުގައި އާންމުކުރެއްވި ލިޔުމެއްގައެވެ.
އެގޮތުން ޝަހީމް ވިދާޅުވީ ޔަމީން ޖަލަށް ލުމަކީ ރާއްޖޭގެ ތާރީޚުގައި ހިނގާފައިވާ އެންމެ ބޭ އިންސާފު އަނިޔާ ކަމަށާއި އަދި ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ޙުކުމަކީ ރައީސް ޔާމީންގެ މައްސަލަ ބެއްލެވި ޤާޟީ ޢަޒުލުކޮށް، ފަނޑިޔާރުންނަށް ނުފޫޒު ހިންގައިގެން ކޮށްފައިވާ ޙުކުމެއްކަމަށް ބެލެވޭނެ ގޮތްތައް ފާޅުވާން އޮތް ޙުކުމެއް ކަމަށެވެ.
އަދި ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ޙުކުމަކީ އެމްއެމްޕީއާރުސީގެ ފައިސާގެ މައްސަލަ އޮއްބާލައި އަސްލު މުޖުރިމުން ފޮރުވަން ކޮށްފައިވާ ހުކުމެއް ކަމަށާއި މިއީ ވާ މަކުނު ގެއެއް ފަދަ އެއްވެސް އުރައްޕެއް ނެތް ކޯލިޝަންގެ އިސް ބައިވެރިންގެ ވަރުގަދަ ބަދަލު ހިފުމެއް ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.
" ރައީސް ނަޝީދެވެ! އެފައިސާ ރައީސް ޔާމީން އެކައުންޓަށް ޖަމާކުރި ކަމަށް ބުނާ މީހުން ކޮބާ؟ އެމްއެމްޕީއާރުސީގެ މައްސަލައިގައި ރާއްޖެ ގެނައުމަށް ރެޑް ނޯޓިސް، (ރައީސް ޔާމީންގެ ސަރުކާރުން) ނެރެފައިވާ ފަރާތްތައް ނުގެނެސް އެނޯޓިސް މި ސަރުކާރުން ކެންސަލްކޮށްލީ ކީއްވެ؟ އެމްއެމްޕީއާރުސީގެ މައްސަލައިގައި ރައީސް ޔާމީންގެ ސަރުކާރުގެ ދުވަސްވަރު ޙުކުމްކޮށްފައިވާ ފަރާތްތައް މި ސަރުކާރުން ގޭގައި ބައިތިއްބައި، މި ސަރުކާރުން ރައީސް ޔާމީން ޖަލުގައި ބަހައްޓަނީ ކީއްވެ؟ ފައިސާ ނެގިކަމަށްބުނެވޭ 200 މީހުން ކޮބާ؟ އެ ފައިސާ ކޮބާ؟" ޝަހީމް ވިދާޅުވިއެވެ.
މީގެއިތުރުން ޝަހީމް ވަނީ ރައީސް ނަޝީދަށް ވެސް އަދި މަނިކުފާނުގެ ސަރުކާރަކަށް ވެސް އެމްއެމްޕީއާރުސީގެ މައްސަލަ ބައްލަވަން ކެރިވަޑައިނުގަންނަވާނެ ކަމަށްވެސް ވިދާޅުވެފައެވެ. އެގޮތުން އެކަން ޢަދުލުވެރިގޮތުގައި ކޮށްފި ނަމަ އެންމެ ފުރަތަމަ ފަޟީޙަތްވެގެންދާނީ އެމްޑީޕީގެ ވެރިން ކަމަށާއި މިކަމަކީ އެންމެން ދަންނަ ބޮޑު ސިއްރެއް ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.
"ރައީސް ނަޝީދު އެވެ! ބުނެލަން ބޭނުންވަނީ "ބަނޑުއި ހޫނު ކަމުގައި ޖަންގަލީގައި މަރުވަނީ ކިތައް ވަރުގަދަ ސިންގާ ހެއްޔެވެ؟" ރައީސް ޔާމީން އަކީ ރާއްޖޭގެ އުފެދުނު ވަރަށް ވަރުގަދަ ސިންގާއެކެވެ. އެމަނިކުފާނުގެ ޙަޔާތްޕުޅު ސަލާމަތްކުރައްވާށެވެ!" ޝަހީމް ވިދާޅުވިއެވެ.
ޝަހީމްގެ މި ލިޔުން ނިންމަވާލައްވަމުން ވަނީ ޔާމީންގެ ސިއްހީ ހާލުކޮޅު ރަނގަޅު ނޫން ކަމަށް ވިދާޅުވެ، އެމަނިކުފާނު މިނިވަންކޮށްދެއްވުމަށް ނަޝީދަށް ގޮވާލާފައެވެ.
"ވަރަށް އިޚުލާޞްތެރިކަމާއެކު އެދި ބުނަމެވެ. ރައީސް ޔާމީން މިނިވަންކުރައްވާށެވެ. ޤާނޫނީ ޢަދުލުވެރިކަން ހިންގާށެވެ! ރައީސް ޔާމީންގެ ޞިއްޙީ ޙާލުކޮޅު ރަނގަޅެއް ނޫނެވެ. އެމަނިކުފާނު ގެއަށް ބަދަލު ކުރައްވާށެވެ! އެކަން ކުރެއްވޭނެ ބޭފުޅަކީ މަނިކުފާނެވެ" ޝަހީމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ