ދެ އަހަރަށް ފަހު ހަންޔާމީދޫގައި މަލްޓި ގުރޭޑް އުވާލައި ވަކިން ކިޔަވައިދޭން ފަށައިފި

އދ. ހަންޏާމީދޫގައި، މަލްޓި ގްރޭޑް ސިސްޓަމަށް ކިޔަވައިދޭތާ ދެ އަހަރު ފަހުން، އެކަން ހުއްޓާލައި ވަކި ކުލާސްތަކުގައި ކިޔަވައިދޭން ފަށައިފިއެވެ.
ހަންޔާމީދޫ ކައުންސިލްގެ ރައީސް މުހައްމަދު ނާޒިމް ވިދާޅުވީ މިއަދުން ފެށިގެން އެރަށު ގުރޭޑް 4 އަދި 5 ގެ ދަރިވަރުންނަށް ވަކި ކުލާސްތަކުގައި ކިޔަވައިދިނުމަށް އެޑިއުކޭޝަނުން އަންގާފައިވާތީ އެގޮތަށް މިއަދުން ފެށިގެން އަމަލު ކުރަމުންދާ ކަމަށެވެ.
"އެޑިއުކޭޝަނުން ޕްރިންސިޕަލަށް ފޮނުވި ސިޓީގައި ވަނީ މަލްޓި ގުރޭޑް އުވާލައި މޮނޯ ގްރޭޑަށް ކިޔަވައިދިނުމަށް" ކައުންސިލް ރައީސް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ މިއަދު ދަރިވަރުންނަށް ސުކޫލުގައި ކިޔަވައިދެމުންދަނީ ވަކި ދެ ކުލާހެއްގައި ކަމަށެވެ. އެހެން ނަމަވެސް މީގެ ކުރިން އެރަށު ސުކޫލުގައި ގުރޭޑް 4 އަދި 5 ކިޔަވައިދެމުން ދިޔައީ އެއް ކުލާހެއްގެ ގޮތުގައި ކަމުން 45 މިނެޓުގައި ދެ ފިލާވަޅު އެއްކޮށްގެން ކިޔަވައިދޭން ޖެހެއެވެ.
އެރަށު ބެލެނިވެރިން ކުދިން ސުކޫލަށް ފޮނުވުން ހުއްޓަލީ ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައިވެސް ކުދިންގެ ކިޔެވުން ދަށްވެފައި ވާތީ އެގޮތަށް ކިޔަވައިދޭން ބޭނުން ނުވެގެންނެވެ.
ހަންޔާމީދޫގައި 2017 ވަނަ އަހަރުން ފެށިގެން ގުރޭޑް 4 އަދި 5 އެއްކޮށް މަލްޓީ ގްރޭޑްގެ ގޮތުގައި ކިޔަވައިދެމުން ދާތީ އެރަށު ބެލެނިވެރިން ވަނީ އެކަމާ ދެކޮޅަށް އިހްތިޖާޖްކޮށް، ސުކޫލަށް ދަރިވަރުން ފޮނުވުން ހުއްޓާލާފައެވެ. އެ މައްސަލައާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ ޓީމެއް މީގެ އެއް ދުވަސް ކުރިން އެރަށަށް ވަނީ ޒިޔާރަތްކޮށްފައެވެ.
ހަންޏާމީދޫގައި އިއްޔެ ސުކޫލު ކިޔެވުން ފަށާފައިވާއިރު، ގުރޭޑް 4 އަދި 5 ގެ ދަރިވަރުންތައް ސުކޫލަށް ގެންގޮސްފައެއް ނުވެއެވެ. 110 ކުދިން ތިބޭ ހަންޔާމީދޫ ސުކޫލުގައި ގުރޭޑް 4 އަދި 5 ގައި ކިޔަވަމުންދަނީ 18 ދަރިވަރުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ