ރައީސް މުއިއްޒު އުޅުއްވަނީ ހުދުމުހުތާރު ވެރިކަމެއްކޮށް އިންތިހާބެއް ނުބާއްވަން: ފައްޔާޒު ރައީސް މުއިއްޒު އުޅުއްވަނީ ހުދުމުހުތާރު ވެރިކަމެއްކޮށް އިންތިހާބެއް ނުބާއްވަން: ފައްޔާޒު

ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންވަނީ ރާއްޖޭގައި ހުދުމުހުތާރު ވެރިކަމެއް ކުރައްވައި، އެއްވެސް އިންތިހާބެއް މި ގައުމުގައި ނުބާއްވަން ކަމަށް އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާާޓީ (އެމްޑީޕީ)ގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިރޭ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން ބޭއްވި ހަރުގެ ޖަލްސާގައި ފައްޔާޒް ވިދާޅުވީ ރައީސް މުއިއްޒުގެ ވިސްނުން ހުރީ 2013 ގައި ސުޕްރީމް ކޯޓުން ގައިޑްލައިންތަކެއް ނެރި، އިންތިހާބު އޮޅާލި ހިސާބަށް ގެންދިޔުމަށް ކަމަށެވެ.
"ޑރ. މުއިއްޒުގެ ވިސްނުން އެހެރީ ހުދުމުހުތާރު ވެރިކަމެއްކޮށް، ކުރިއަށް އޮތްތާގައި ދިވެހިރާއްޖޭގައި އިންތިހާބެއް ވެސް ނުބޭއްވުން. އިންތިހާބެއް ބޭއްވިޔަ ނުދިނުމަށްޓަކައި ސުޕްރީމް ކޯޓަށް ތިބޭފުޅުން ހަދުމަފުޅު ބަހައްޓަވާ 2013 ގައި ސުޕްރީމް ކޯޓުން ގައިޑްލައިންތަކެއް ނެރި، އިންތިހާބު އޮޅާލި. އެދިމާލަށް ގެންދިޔުމުގެ ވިސްނުމުގައި ޑރ. މުއިއްޒު އެެހެރީ،" މިދިޔަ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި ފައްޔާޒު ވިދާޅުވި އެވެ.
ސައްހަ ވޯޓެއް ރާއްޖޭގައި ދެން ބާއްވައިފިނަމަ ރައީސް މުއިއްޒުއަށް ދިވެހިން ވޯޓު ނުދޭނެކަން އެމަނިކުފާނަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައީސް މުއިއްޒު އިންތިހާބު ފަސްކުރުމަށް ކުރަމުންދާ މަސައްކަތް ހުއްޓުވަން އިހުތިޖާޖުތައްކޮށް މި ވެރިކަން ނިންމަން މަސައްކަތްކުރަން ޖެހޭ ކަމަށާއި އެކަމުގައި އެމްޑީޕީގެ މެންބަރުން ދެމިތިބޭނެ ކަމަށެވެ.
ފައްޔާޒު ވަނީ ރައީސް މުއިއްޒުއަށް ވޯޓު ދެއްވި ބޭފުޅުން ހިމެނޭހެން ރާއްޖޭގެ ހުރިހާ ރައްޔިތުން އެމަނިކުފާނާ ދެކޮޅަށް ނިކުތުމަށް ގޮވާލައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ