ސިފައިން ވެސް ބަލިވެ ފައިނަލުގެ އުންމީދުތައް ފެނަށް
ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަންސް (ކާވާ) މެންސް ޗެމްޕިއަންސް ލީގުގައި ރާއްޖޭގެ ލީގު ޗެމްޕިއަން ދިވެހި ސިފައިންގެ ކުލަބު ކުޅުނު ތިންވަނަ މެޗުން ވެސް ބަލިވެ މުބާރާތުގެ ފައިނަލަށް ދިއުމަށް ކުރި އުންމީދުތައް ފެނަށް ހިނގައްޖެއެވެ. ޖުމްލަ ހަ ޓީމާއެކު ރައުންޑް ރޮބިން އުސޫލުން ކުރިއަށްގެންދާ މި މުބާރާތުގައި ސިފައިން ކުޅުނު ތިން މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި ހެލްޕް ނޭޕާލާ ވާދަކޮށް 3-2 ސެޓުން ވަނީ ބަލިވެފައެވެ. ދެވަނަ މެޗުގައި ކަޒަކިސްތާނުގެ ޒައިކް ވީސީ އަތުން ތިން ސެޓުން ވަނީ ބަލިވެފައެވެ. މިއަދު ކުޅުނު ތިންވަނަ މެޗުގައި ސިފައިން ބަލިވީ ލަންކާގެ ޕޯޓްސް ޓީމާ ވާދަކޮށް 3-1 ސެޓުންނެވެ. މިއީ ސިފައިން މޮޅުވުމަށް އެންމެ ބޮޑަށް އުންމީދުކުރި އެއް މެޗެވެ. ދިވެހި ސިފައިންގެ ކުލަބާއި ލަންކާ ޕޯޓްސް ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: ސަން މި މެޗުގެ ފުރަތަމަ ސެޓު ލަންކާ ކާމިޔާބުކުރީ 25-20 އިންނެވެ. ދެވަނަ ސެޓު 23-25އިން ލަންކާ ކާމިޔާބުކުރި އިރު ތިންވަނަ ސެޓު ސިފައިން ވަނީ 25-20އިން ކާމިޔާބުކޮށްފައެވެ. އަދި ހަތަރުވަނަ ސެޓު ލަންކާ ކާމިޔާބުކުރީ 25-23އިންނެވެ. މި މެޗާއެކު ރައުންޑް ރޮބިން އުސޫލުން ކުރިއަށްގެންދާ މި މުބާރާތުގެ ފައިނަލަށް ދިއުމުގެ ހުރިހާ ދޮރެއް ސިފައިންނަށް ވަނީ ބަންދުވެފައެވެ. ކޮންމެ ޓީމަކަށް ބާކީ ދެ މެޗު އޮތްއިރު ސިފައިން މިވަގުތު އޮތީ އެއް ޕޮއިންޓާއެކު ފަސްވަނައިގައެވެ. ހަ ވަނައިގައި އޮތީ ރާއްޖޭގެ ކުލަބު އެޗްޑީސީއެވެ. އެޗްޑީސީއަށް ވެސް ވަނީ ފައިނަލުގެ ދޮރު ބަންދުވެފައެވެ. ދިވެހި ސިފައިންގެ ކުލަބާއި ލަންކާ ޕޯޓްސް ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: ސަން ކޮންމެ ޓީމެއް ތިން މެޗު ކުޅެ ނިމުނުއިރު އެއްވަނައިގައި ޒައިކް ވީސީ އޮތީ ނުވަ ޕޮއިންޓާއެކުއެވެ. ދެވަނައިގައި ކިރްގިސްތާނުގެ ބިޝްކެކް އަށް ޕޮއިންޓާއެކު އޮތްއިރު، ތިންވަނައިގައި އޮތް ހެލްޕް ނޭޕާލަށް ވަނީ ހަ ޕޮއިންޓު ލިބިފައެވެ. ރޭންކިންގެ އެއްވަނަ އާއި ދެވަނައަށް ވާދަކުރަނީ މި ތިން ޓީމެވެ. ސިފައިން އަތުން ހޯދި މޮޅާއެކު ލަންކާ ޕޯޓްސްއަށް ތިން ޕޮއިންޓު ވަނީ ލިބިފައެވެ. މުބާރާތުގެ ފައިނަލް ކުޅޭނީ ލީގު ބުރު ނިމޭއިރު އެއްވަނަ އަދި ދެވަނަ ޓީމެވެ. ތިންވަނަ އަދި ހަތަރުވަނަ ރޭންކިން މެޗެއް ކުޅޭއިރު، ފަސްވަނަ އަދި ހަވަނަ ޓީމުގެ މެދުގައި ވެސް ރޭންކިން މެޗު ކުޅޭނެއެވެ. މުބާރާތުގެ ކުޅުން ދެން ކުރިއަށްދާނީ ހޯމަދުވަހުއެވެ. އެ ދުވަހު ވެސް ތިން މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ