ވިހި އަހަރު ވަންދެން ކޯމާގައި އޮތް ސައުދީ ޕްރިންސް އަވަހާރަވެއްޖެ

ކާރު އެކްސިޑެންޓެއްގެ ސަބަބުން 20 އަހަރު ވަންދެން ކޯމާގައި އޮންނެވި ސައުދީ ޕްރިންސް ނުވަތަ "ސްލީޕިން ޕްރިންސް"ގެ ނަމުން މަޝްހޫރުވެފައިވާ އަލް ވަލީދު ބިން ޚާލިދު އަވަހާރަވެއްޖެއެވެ. ސައުދީ އަރަބިއްޔާގެ ޚާއްސަ މެޑިކަލް ފެސިލިޓީއެއްގައި ޕްރިންސް އަވަހާރަވެފައިވާކަން އެނގުމާއެކު ގިނަ ބަޔަކު އަންނަނީ އެކަމާ ހިތާމަ ފާޅުކުރަމުންނެވެ. ވަލީދު އަވަހާރަވިއިރު، އުމުރުފުޅުން 36 އަހަރެވެ. 1990ވަނަ އަހަރުގެ އޭޕްރީލް މަހު އުފަންވެވަޑައިގެން ޕްރިންސް އަލް ވަލީދަކީ ސައުދީގެ މަޝްހޫރު ޝާހީ އާއިލާއެއް ކަމަށްވާ ޕްރިންސް ޚާލިދު ބިން ތަލާލް އަލް ސައުދުގެ ދޮށީ ދަރިކަލުން އަދި ބިލިއަނަރު ޕްރިންސް އަލް ވަލީދު ބިން ތަލާލްގެ ކޮއްކޯފުޅެވެ. އުމުރުފުޅުން އެންމެ 15 އަހަރުގައި ލަންޑަނުގައި އަސްކަރީ ކެޑޭޓެއްގެ ގޮތުގައި ކިޔަވާ ވިދާޅުވަމުން ދަނިކޮށް 2005ވަނަ އަހަރު މަގުމަތީގައި ހިނގި ބޮޑު އެކްސިޑެންޓެއްގައި ސިކުނޑިއަށް ބޮޑެތި އަނިޔާތަކެއް ލިބިވަޑައިގެން ސިކުނޑިއަށް ލޭ އެޅުނެވެ. އެމެރިކާ އަދި ސްޕެއިންގެ ޚާއްޞަ ޑޮކްޓަރުން ހިމެނޭހެން ފަރުވާ ދިން ނަމަވެސް އަލް ވަލީދަށް ޝިފާއެއް ލިބިވަޑައެއްނުގަތެވެ. ދޭތެރެ ދޭތެރެއިން އިޚްތިޔާރުން ބޭރުގައި ކުރާ ހަރަކާތްތަކުން އުއްމީދެއް ލިބުނު ނަމަވެސް، ޕްރިންސް އަލް ވަލީދު 20 އަހަރަށް ވުރެ ގިނަ ދުވަހު އޮންނެވީ ކޯމާއެއްގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ