ރައްޔިތުން ބޭނުމީ ރައީސަށް އިތުރު ދައުރެއް ދޭން: ޝާހިދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އިތުރު ދައުރެއް ދޭން ރައްޔިތުން ބޭނުންވާ ކަމަށް ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ރޭ "ރާއްޖެޓީވީ" ގައި ވާހަކަދައްކަމުން ޝާހިދު ވިދާޅުވީ ރާއްޖެއަށް ކުރިއެރުމާއި، ލާބައާއި މަންފާ އޮތީ ބައިނަލްއަގުވާމީ ގުޅުންތައް އިތުރަށް ބަދަހީކޮށްގެން ކަމަށާއި ކުރިން ރާއްޖޭގައި ވެރިކަން ކުރި ސަރުކާރަކީ ވަށައިގެން ފަންފުޅަފަތް ޖަހާލައިގެން ފިލާތިބެ މަސައްކަތް ކުރި ބައެއް ކަމަށެވެ.
އެގޮތުން ބޭރު މީހަކާއި ބައްދަލުކޮށްލަން ނުކެރޭ ކަމަށާއި، ބޭރު މީހަކާއި ބައްދަލުކޮށްފިއްޔާ ވެސް އެވަނީ އެމީހަކަށް ވިކުނީ ކަމަށް ޝާހިދު ވިދާޅުވި އެވެ. އޭރު ވެރިކަމުގައި ތިބީ އެހާވެސް ނަފްސުގެ މައްޗަށް އިތުބާރު ނެތް ބޭފުޅުން ކަމަށާއި ނަމަވެސް މިހާރު ދުނިޔޭގެ ކިތަންމެ ބޮޑު ގައުމެއްގެ މަންދޫބަކާވެސް ބައްދަލުކުރަނީ ފަހުރުވެރި ކަމާއެކީގައި ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ހާރިޖީ ސިޔާސަތުގެ އަސްލު ބިންގާއެޅިފައި އޮތީ، ރައީސުލްޖުމްހޫރިއްޔާ މިދިޔަ ގައުމީ ދުވަހު ވިދާޅުވި ފަދައިން، އަޅުގަނޑުމެންގެ މިނިވަންކަމުގެ އެންމެ ވަރުގަދަ ޒައީމް، އައްސުލްތާން އަލްގާޒީ މުހައްމަދު ތަކުރުފާނުލްއައުޒަމް ނުވަތަ ބޮޑުތަކުރުފާނާއި ހަމައިންނޭ. އެއީ ބޭރު ފަރާތްތަކާއި ގުޅިގެން މަސައްކަތް ކުރުން. މި ސަރުކާރުން އެ ގެންގުޅުއްވަނީ އެ ސިޔާސަތު. ގުޅިގެން މަސައްކަތް ކުރުން." ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ އެ ސިޔާސަތު އިިދިކޮޅު ފަރާތްތަކުގައި ނެތް ކަމަށާއި މިހާރުވެސް ގޮވަމުން ގެންދަވަނީ "މިވެނި ބައެއް އައުޓް، އެވެނި ބައެއް އައުޓް" ކުރަން ކަމަށެވެ. އަދި މިއަދު ދުނިޔެ އޮތީ ލާމެހިފައި ކަމަށާއި ވަކިވެގަނެގެން ނޫޅެވޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
"މި ސަރުކާރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަދި އިތުރު ދައުރަކަށް ދިވެހި ރައްޔިތުން ބޭނުންވާކަން އެއީ މާ ސާފުކޮށް އަޅުގަނޑުމެންނަށް އެނގެން އޮތް ހަގީގަތެއް." ޝާހިދު ވިދާޅުވި އެވެ.
ޝާހިދު މިހެން ވިދާޅުވި އިރު ވެރިކަމުގެ އިތުރު ދައުރެއްގެ ޝައުގުވެރިކަން ރައީސް ވަނީ މީގެކުރިން ފާޅުކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ