"އިންޑިއާ މީހުންނާ ގުޅިގެން ބްރިޖެއް ނޭޅޭނެ": ޔާމީން

ސިވިލް އިންޖީނިއަރިންގެ މަސައްކަތުގައި އިންޑިއާ އުޅެނީ މާ ފަހަތުގައި ކަމަށާއި، ބްރިޖް އެޅުން ފަދަ މަސައްކަތްތަކަކީ އިންޑިއާއަށް ކުރެވޭނެ ކަމެއް ނޫންކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު، ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޔާމީން މިހެން ވިދާޅުވީ އައްޑޫ ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ސިޓީގެ ފޭދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.
ރައީސް ޔާމީން ވިދާޅުވީ މިހާރުގެ ސަރުކާރުން އިންޑިއާގެ ކުންފުންޏެއް ކަމުގައިވާ އެފްކޯންސް އިންފްރާސްޓަރަކްޗާސްއާއި ހަވާލުކޮށްފައިވާ ތިލަމާލެ ބްރިޖްގެ މަސައްކަތް ކުރިއަށް ދާތަން ނުފެންނަނީ، އިންޑިއާ އަކީ އެފަދަ މަސައްކަތް ކުރުމުގެ ތަޖުރިބާ ނެތް ގައުމަކަށް ވާތީ ކަމަށެވެ.
"އެ އަޅާ ބްރިޖްގެ މަސައްކަތް ސިމެންތި އަޅާ ހިސާބަށް ގޮއްސިއްޔާ ވެސް ފެންނީ ސިމެންތި ބާލިދީ ހިފައިގެން އިންޑިއާ މީހުން އުޅޭތަން. މީގެން ވެސް އެނގެނީ އެމީހުންނަށް މިކަހަލަ މަސައްކަތް ކުރަން ނޭނގޭ ކަން،" ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީނުގެ ވެރިކަމުގައި ވަނީ ޗައިނާގެ އެހީތެރުކަމުގަ ސިނަމާލެ ބްރިޖް އަޅާފައެވެ. އެކަމަށް އިޝާރާތް ކުރައްވާ ރައީސް ޔާމީން ވިދާޅުވީ ޗައިނާ އަކީ ސިވިލް އިންޖީނިއަރިންގެ ދާއިރާއިން ފުންނާބު އުސް ގައުމެއް ކަމަށެވެ.
ޔާމީން އިތުރަށް ވިދާޅުވީ ޗައިނާއާއި ގުޅިގެން ސިނަމާލެ ބްރިޖް އަޅަން ފެށުމާއިއެކު އިދިކޮޅު ފަރާތްތަކުން އެއީ ދަރަންޏެއް ކަމަށް ބުނެ އަޑުއުފުލި ކަމަށެވެ. ނަމަވެސް، ހަގީގީ ދަރަންޏަކީ ކޮބައިކަން މިއަދުގެ ސަރުކާރުގެ ހަރަދުތަކަށް ބަލާލުމުން އެނގިގެންދާ ކަމަށެވެ.
ރައީސް ޔާމީން ވަނީ އިންޑިއާ އާއި ހަވާލުކޮށްގެން މިހާރުގެ ސަރުކާރުން ބްރިޖް އަޅަން ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ނޫންކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ.
ތިލަމާލެ ބްރިޖްގެ ކަނޑުގެ އަޑިއަށް ޖަހާ ތަނބެއް މިދިޔަ އޮކްޓޫބަރު ނިމުމުގެ ކުރިން ފެންނާނެކަމަށް ތިލަމާލެ ބްރިޖް މަޝްރޫއުގެ ޕްރޮޖެކްޓް މެނޭޖަރު މުހައްމަދު ޖިނާން ވަނީ ކުރިން ވިދާޅުވެފަ އެވެ. އެކަމަކު އެ ތާރީހަށް ތަނބެއް ފެނިފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ