ސްޓުޓްގާޓް (ޑިސެމްބަރު 7) - ޖަރުމަނު ލީގުގައި ރޭ ހެރީ ކޭން ހެދި ހެޓްރިކާ އެކު ސްޓުޓްގާޓް އަތުން ބަޔާން މިއުނިކުން 5-0 އިން ފަސް ތަރީގެ މޮޅެއް ހޯދައިފި އެވެ.
މި މެޗުން ލިބުނު މޮޅާ އެކު، ބަޔާނުން ޖަރުމަނު ލީގުގެ އެއް ވަނައިގައި އޮތީ 13 މެޗުން 37 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތީ ރޭ އައިންޓްރަކްޓް ފްރޭންކްފާޓް އަތުން 6-0 އިން މޮޅުވެ، 13 މެޗުން 29 ޕޮއިންޓް ހޯދާފައިވާ އާރްބީ ލައިޕްޒިގު އެވެ.
ރަށުންބޭރުގައި ކުޅުނު ބަޔާނުން ރޭގެ މެޗުގެ 11 ވަނަ މިނިޓްގައި ލީޑުނެގި އެވެ. މި ލަނޑު ޖެހީ މައިކަލް އޮލީސޭ ދިން ބޯޅައަކުން ކޮންރަޑް ލައިމާ އެވެ.
ދެ ވަނަ ހާފުގައި ބަދަލަކަށް ކުޅެން އަރައި ކޭން ހެޓްރިކެއް ހެދިއިރު، ބަޔާނުގެ އަނެއް ލަނޑު ޖެހީ ޖޯސިޕް ސްޓަނިސިޗް އެވެ. ކޭންގެ ތިން ލަނޑުގެ ތެރެއިން އެއް ލަނޑު ޖެހީ ޕެނަލްޓީ އަކުންނެވެ. ބަޔާނުން މި މެޗުގައި، ފަހު ދެ ގޯލު ޖެހިއިރު، ސްޓުޓްގާޓް ކުޅެމުންދިޔައީ ކުޅުންތެރިއަކު މަދުކޮށެވެ. އެއީ، 81 ވަނަ މިނިޓްގައި ސްޓުޓްގާޓްގެ ލޮރެންޒް އަސީނޯން ގަސްތުގައި ބޯޅައިގައި އަތްލުމުން، އޭނާ އަށް ސީދާ ރަތް ކާޑެއް ދައްކާފައިވާތީ އެވެ.
ރޭގެ ލަނޑުތަކާ އެކު، ކޭން ވަނީ މި ސީޒަނުގެ ހުރިހާ މުބާރާތެއްގައި މިހާތަނަށް 22 މެޗުން 28 ލަނޑު ޖަހައިފަ އެވެ. އޭގެއިން 17 ލަނޑު ޖެހީ ޖަރުމަނު ލީގުގަ އެވެ. ބަޔާނުން އަންނަނީ ކޭންގެ އެއްބަސްވުން އާ ކުރަން މަޝްވަރާކުރަމުންނެވެ.
ކޭންގެ ހެޓްރިކާ އެކު ބަޔާނަށް ފަސް ތަރީގެ މޮޅެއް ކޭންގެ ހެޓްރިކާ އެކު ބަޔާނަށް ފަސް ތަރީގެ މޮޅެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ