އަބޫ ދާބީ، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޑިސެމްބަރު 7) - ރެޑްބުލްގެ ރޭސަަރު، ނެދަލެންޑްސްގެ މެކްސް ވާސްޓެޕަން، އަބޫ ދާބީ ގްރޯން ޕްރީގެ ކޮލިފައިން ބުރުގައި ތަފާތު ދައްކައި، ރެކޯޑް ކާމިޔާބީގެ އުންމީދު ދަމަހައްޓައިފި އެވެ.
ފޯމިއުލާ 1 ރޭސިންގެ މި ސީޒަނުގެ ތާވަލުގެ އެއް ވަނައިގައި އޮތީ އިނގިރޭސި ތަރި، ލާންޑޯ ނޮރިސް އެވެ. އެއީ، ހަތް ރޭސް ކާމިޔާބުކޮށް، 17 ޕޯޑިއަމް ފިނިޝްއާ އެކު، 408 ޕޮއިންޓް ހޯދައިގެންނެވެ.
ދެ ވަނައިގައި އޮތް ވާސްޓެޕަން އަށް ވަނީ ހަތް ރޭސް ކާމިޔާބުކޮށް 14 ޕޯޑިއަމް ފިނިޝްއާ އެކު، 396 ޕޮއިންޓް ލިބިފަ އެވެ. އަދި، ތިން ވަނައިގައި އޮތް އޮސްޓްރޭލިއާގެ އޮސްކާ ޕިއާސްޓްރީ ވަނީ ހަތް ރޭސް ކާމިޔާބުކޮށް، 15 ޕޯޑިއަމް ފިނިޝްއާ އެކު، 392 ޕޮއިންޓް ހޯދައިފަ އެވެ.
މެކްލަރެންގެ ދެ ރޭސަރުން، ނޮރިސް އާއި ޕިއާސްޓްރީއާ ދެކޮޅަށް އަހަރުގެ ފަހު ރޭސް، އަބޫ ދާބީ ގްރޯން ޕްރީގައި، ވާސްޓެޕަން ނުކުންނައިރު، މި ރޭސް ކާމިޔާބުކޮށްގެން، އޭނާ އަށް ލެޖެންޑަރީ ރޭސަރު، މައިކަލް ޝޫމަކާގެ ރެކޯޑާ ހަމަކުރެވޭނެ އެވެ. މިހާތަނަށް ޖެހިޖެހިގެން ފަސް އަހަރު ފޯމިއުލާ 1 ކާމިޔާބުކުރި ހަމައެކަނި ރޭސަރަކީ، ޝޫމަކާ އެވެ.
އަބޫ ދާބީ ގްރޯން ޕްރީގައި، ނޮރިސް އަށް ޕޯޑިއަމް ފިނިޝް އެއް ލިބިއްޖެނަމަ، އޭނާ އަށް ފޯމިއުލާ ވަން ކާމިޔާބުކުރެވޭނެ އެވެ. ނޮރިސް ހަތަރު ވަނަ އަށް ނޫނީ އެ އަށް ވުރެން ދަށުން ނިންމައި، ވާސްޓެޕަން މި ރޭސް ކާމިޔާބުކޮށްފިނަަމަ، އޭނާ އަށް ޗެމްޕިއަންކަން ލިބޭނެ އެވެ.
އަބޫ ދާބީ ގްރޯން ޕްރީގެ ކޮލިފައިން ފަހު ސެޝަންގައި ވާސްޓެޕަން ވަނީ ކުރިހޯދައިފަ އެެވެ. އެއީ، ދެ ވަނައިގައި ނިންމި، ނޮރިސް އަށް ވުރެން 0.201 ސިކުންތު އަވަހަށް ނިންމައިގެންނެވެ. އަދި، ތިން ވަނަ ހޯދި ޕިއާސްޓްރީ އަށް ވުރެން ނޮރިސް އަވަހީ، 0.029 ސިކުންތެވެ.
ފޯމިއުލާ ވަން ރޭސިންގެ ދުނިޔޭގެ ޗެމްޕިއަންކަން ހަތް ފަހަރު ހޯދާފައިވާ، ލެވިސް ހެމިލްޓަން އަށް ކޮލިފައިންގައި އެދެވޭ ތަފާތެއް ނުދެއްކި ފަށަން ޖެހިފައިވަނީ، 16 ވަނައިގަ އެވެ.
އަބޫ ދާބީ ގްރޯން ޕްރީ ފަށާނީ މިއަދު ރާއްޖެ ގަޑިން އިރުއޮއްސި ހައެއް ޖަހާއިރު އެވެ.
ވާސްޓެޕަން، ރެކޯޑް ކާމިޔާބީގެ އުންމީދު ދަމަހައްޓައިފި ވާސްޓެޕަން، ރެކޯޑް ކާމިޔާބީގެ އުންމީދު ދަމަހައްޓައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ