އޮމާން ހަންގަނޑެއް ކޮންމެ މީހަކު ވެސް ބޭނުންވެއެވެ. އުމުރު މަތިވަމުންދާ ވަރަކަށް މިކަމަށް ދެވޭ ސަމާލުކަން ވެސް އިތުރުވެއެވެ. އެއީ ހަޔާތުން ފާއިތުވާ ކޮންމެ ދުވަހަކާ އެކު ހަންގަނޑުގައި ރުލެއް ޖެހުމުގެ ކަންބޮޑުވުން އޮންނާތީއެވެ. ނަމަވެސް، މިކަން ބަދަލުކުރަން ބޭނުންވާ މީހުންނަށް އޮތް އުފާވެރި ހަބަރަކީ ގިނައިން ވިޓަމިން ސީ ބޭނުންކުރުމެވެ.
ޔުނިވަސިޓީ އޮފް އޮޓާގޯގެ ސައެންސްވެރިން ދާދި ފަހުން ކުރި ދިރާސާއަކުން އެނގުނު ގޮތުގައި ކެއުމުގައި ވިޓަމިން ސީ އެކުލެވޭ ބާވަތްތައް ގިނައިން ބޭނުންކުރުމަކީ، އެމީހެއްގެ ހަންގަނޑު އާވެ ތާޒާވާ ކަމެކެވެ. ގިނައިން ވިޓަމިން ސީ ބޭނުންކުރާ މީހުންގެ ހަންގަނޑުގައި، ކޮލާޖެން އުފެއްދުމުގެ ގާބިލުކަން އިތުރުވެ، ހަންގަނޑު އޭގެ އަމިއްލަ ޒާތުގައި އާވެ ތާޒާވެއެވެ.
ޖާނަލް އޮފް އިންވެސްޓިގޭޓިވް ޑާމަޓޮލޮޖީގައި ޝާއިއުކޮށްފައިވާ ދިރާސާ ރިޕޯޓްގައި ބުނެފައިވާ ގޮތުން މީހާގެ ހަންގަނޑުގައި ވިޓަމިން ސީ ހިމެނޭ މިންވަރުން އެ ދައްކައިދެނީ، އެމީހާގެ ލޭގައި ވިޓަމިން ސީ ދައުރުކުރާ މިންވަރެވެ. ލޭގައި ވިޓަމިން ސީ ދައުރުކުރާ މިންވަރު އިތުރު ކުރެވޭނީ ގިނައިން މޭވާ ކެއުމުން ކަމަށް ސައެންސްވެރިން ބުނެއެވެ.
މި ދިރާސާ ހަދާފައިވަނީ ނިއު ޒީލޭންޑުގެ 12 މީހަކާއި ޖަރުމަން ވިލާތުގެ 12 މީހަކު ބައިވެރިކޮށްގެންނެވެ. މި ދެ ގުރޫޕުގެ ދިރާސާތައް ހެދީ އެ ބަޔަކު ނިސްބަތްވާ ގައުމެއްގައި ވަކިވަކިންނެވެ. މި ދިރާސާގައި މި މީހުންނަށް ކޮންމެ ދުވަހަކު ސަންގޯލްޑް ކީވީ ފުރުޓްގެ ދެ މޭވާ ކާން ދެއެވެ. އެއަށް ފަހު އެމީހުންގެ ލޭ ތަހުލީލުކުރުމުން، ލޭގައި ވިޓަމިން ސީ އެކުލެވޭ މިންވަރު މަތިވެފައިވާކަން ފާހަގަކުރެވުނެވެ.
އެއާ އެކު އެމީހުންގެ ހަންގަނޑުގައި ވިޓަމިން ސީ އެކުލެވޭ ނިސްބަތް ވެސް މަތިވެފައިވެއެވެ. މި ބަދަލުގެ ސަބަބުން ހަންގަނޑު އިތުރަށް ބޯވެ (ކޮލާޖެން އުފެދި) ހަންގަނޑުގެ ބޭރު ފަށަލަ އޭގެ އަމިއްލަ ޒާތުގައި އަލުން އުފެދި ތާޒާވިއެވެ.
މި ދިރާސާގެ ސައެންސްވެރިން ބުނި ގޮތުގައި ލޭގައި އެކުލެވޭ ވިޓަމިން ސީ، ހަންގަނޑުގެ ހުރިހާ ފަށަލަތަކަކަށް ވަދެގަންނަކަން ވަނީ ސާބިތުކުރެވިފައެވެ. އޭގެ ނަތީޖާއަކަށް ވަނީ، ހަންގަނޑުގެ މަސައްކަތް އިތުރަށް ހަރުދަނާވުމެވެ. އެހެންކަމުން، އަހަރެމެން ކުރަންޖެހޭ ކަމަކީ ހަންގަނޑުގެ މަސައްކަތް ފުރިހަމަކުރުމަށް އަހަރެމެންނަށް ދެވެން އޮތް އެންމެ ފުރިހަމައަކަށް އެހީތެރިވެދިނުމެވެ.
އެއީ، ހަންގަނޑަށް ބޭނުންވާ މިންވަރަށް ވިޓަމިން ސީ ފޯރުކޮށްދިނުމެވެ. އަދި އެކަން ކުރަން އެންމެ ރަނގަޅު ގޮތަކީ ވެސް، އެކަމަށްޓަކައި ލައްވާފައިވާ ގުދުރަތީ ނިޒާމުގެ ތެރެއިން ވިޓަމިން ސީ ހަންގަނޑަށް ފޯރުކޮށްދިނުމެވެ. ހަށިގަނޑުގައި ދައުރުވާ ލޭގެ ޒަރީއާއިންނެވެ.
ހަންގަނޑުގައި ކޮލާޖެން އުފެއްދުމަށްޓަކައި ވިޓަމިން ސީ ބޭނުންވެއެވެ. އެހެންކަމުން ގައިގައި އުނގުޅަން އުފައްދާ ވަރަށް ގިނަ ބާވަތުގެ ކްރީމްތަކާއި ލޯޝަންތަކުގައި ވިޓަމިން ސީ ހިމަނާފައި ހުރެއެވެ. ވިޓަމިން ސީ އަކީ ފަސޭހަކަމާއެކު ފެނުގެ ތެރެއަށް ގިރިގެން ދާ އެއްޗަކަށް ވިޔަސް، ހަންގަނޑުގެ ބޭރު ފަށަލަ ފޫއަޅުވާލާފައި އެތެރެއަށް ވަންނަ މިންވަރު ވަރަށް ދަށެވެ.
ނަމަވެސް މި ދިރާސާއިން އެނގުނު ގޮތުގައި ލޭގެ ތެރޭގައި ހުންނަ ވިޓަމިން ސީ، ވަރަށް ފަސޭހަކަމާއެކު ހަންގަނޑުގެ ތެރެއަށް ދަމައިގަނެއެވެ. މި ގޮތުން ހަންގަނޑުގެ ތެރެއަށް ދަމައިގަންނަ ވިޓަމިން ސީ، ހަންގަނޑުގެ އެންމެ ބޭރު ފަށަލައާ ހަމައަށް ވެސް ވާސިލުވާ ކަން ދިރާސާއިން ސާބިތުވެއެވެ.
މި ދިރާސާ ކުރިއަށް ގެންދިޔައީ ދެ ފިޔަވައްސަކަށެވެ. ފުރަތަމަ ފިޔަވަހީގައި ބެލީ، ލޭގައި އެކުލެވޭ ވިޓަމިން ސީ އާއި ހަންގަނޑުގައި ވިޓަމިން ސީ ހުންނަ މިންވަރާ ދެމެދުގައިވާ ގުޅުމެވެ. އެކަން ބެލީ، އެމީހުންގެ ހަމުގެ ޓިޝޫ ނަގައި ލެބޯޓެރީގައި ތަހުލީލުކޮށްގެންނެވެ.
ދެ ވަނަ ފިޔަވަހީގައި ބެލީ، މި ދެ ގުރޫޕުގެ މީހުންނަށް ސަންގޯލްޑް ކީވީ ފުރުޓުގެ ދެ މޭވާ ކޮންމެ ދުވަހަކު ކާން ދޭން ފެށުމުގެ ކުރިންނާއި ކާންދިނުމަށް ފަހުގައި، އެމީހުންގެ ލޭގައި ވިޓަމިން ސީ އެކުލެވޭ މިންވަރަށް އައި ތަފާތެވެ. އެމީހުންނަށް ކޮންމެ ދުވަހަކު ދެ ކީވީ ފުރުޓް – ގާތްގަނޑަކަށް 250 މައިކްރޯގްރާމްގެ ވިޓަމިން ސީ – އަށް ހަފުތާ ވަންދެން ކާން ދިނެވެ.
މި ފިޔަވަހީގައި ދެން ކުރި ކަމަކީ، ކީވީ ފުރުޓް ކާން ދޭން ފެށުމުގެ ކުރިން އެމީހުންގެ ހަންގަނޑުން ނަގާފައި ހުރި ޓިޝޫތަކާއި، އަށް ހަފުތާ ފަހުން ނެގި ޓިޝޫތައް، ލެބޯޓެރީގައި ތަހުލީލުކޮށް އަޅައި ކިޔުމެވެ. މި ތަހުލީލުތަކުން އެނގުނީ އެމީހުންގެ ހަމުގެ ބޯމިން އިތުރުވެފައިވާ ކަމާއި އެމީހުންގެ ހަންގަނޑުގެ ބޭރު ފަށަލަ އަލުން އުފެދި ތާޒާވެފައިވާ ކަމެވެ. އެހެންކަމުން، ވިޓަމިން ސީ އަކީ މީހާގެ ހަންގަނޑުގެ ތާޒާކަން ދެމެހެއްޓުމުގައި މުހިންމު ދައުރެއް އަދާކުރާ މާއްދާއެއް ކަމާމެދަކު ޝައްކެއް ނެތެވެ.
މި ދިރާސާގައި ކީވީ ފުރުޓް ބޭނުންކުރީ، މަތީ މިންވަރަކަށް ވިޓަމިން ސީ އެކުލެވޭ މޭވާއަކަށް ވާތީއެވެ. ނަމަވެސް، ތަރުކާރީ އާއި ހުތް މޭވާތަކާއި ބެރީގެ ބާވަތްތަކާއި ކެޕްސިކަމް އާއި ބޮރޮކޮލީ ފަދަ، ވިޓަމިން ސީ އެކުލެވޭ ތަރުކާރީތަކާއި މޭވާތަކުން ވެސް ހަމަ އެ ފައިދާ ލިބޭނެއެވެ.
ގިނައިން ވިޓަމިން ސީ ކެއުމުން ހަންގަނޑު އާވެ ގިނައިން ވިޓަމިން ސީ ކެއުމުން ހަންގަނޑު އާވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ