މިނިސްޓަރު ސައީދުއަށް؛ މި ސުވާލުތަކަށް ޖަވާބެއް ދެއްވާށެވެ؟ މިނިސްޓަރު ސައީދުއަށް؛ މި ސުވާލުތަކަށް ޖަވާބެއް ދެއްވާށެވެ؟

އޯގަސްޓު 20، 2023، ގައި، އޭރު ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު އަދި މިހާރު އިކޮނޮމިކް މިނިސްޓަރު، މުހައްމަދު ސައީދުގެ ގިނަ ސުވާލުތަކެއް އެމްޑީޕީ ސަރުކާރަށް އަމާޒުކޮށް އެކްސްގައި ޕޯސްޓެއް ކުރެއްވި އެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަކީ އެމްޑީޕީ ސަރުކާރުގެ ތަސައްވުރެކެވެ. އެ ބިޔަ މަޝްރޫއުއާއެކު "އިގުތިސޯދު ފެނުން ތޮޅިލައި އުދަވާން ފަށާނެ" ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސިފަކުރައްވާފައިވެ އެވެ.
އެ ހުވަފެން ހަގީގަތަކަށް ހެދުމަށްޓަކައި އިންޑިއާގެ އެގްޒިމް ބޭންކުން 136.6 މިލިއަން ޑޮލަރުގެ ލޯނެއް ނެގި އެވެ. ހިތްގައިމު ޓާމިނަލަކާއި ދިގު ރަންވޭއަކާއެކު ތަރައްގީކުރި އެއާޕޯޓު މިދިޔަ ނޮވެމްބަރު 9، ގައި ރަސްމީކޮށް ހުޅުވާފައި ވާއިރު، އެ އެއާޕޯޓުގެ އަމާޒަކީ އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދިނުމެވެ.
މިއީ ރާއްޖޭގެ ތާރީހުގައި އުތުރުގައި ހިންގި އެންމެ އަގު ބޮޑު، އަދި އެންމެ ބިޔަ މަޝްރޫއު އެވެ. މި މަޝްރޫއުއިން އިގުތިސާދަށް ގެނުވާނެ ބަދަލާއި ދިރުން މިނިސްޓަރު ސައީދު ވެސް ހިމެނޭ ގޮތަށް އޭރުގައި އިދިކޮޅުގައި ތިބި އެންމެންނަށް ވެސް ރަނގަޅަށް އެނގެ އެވެ.
ނަަމަވެސް ސިޔާސީ ވާދައިގެ ސަބަބުން އެ މަންޒަރު ފެންނަ ކަމަށް ދައްކަން ބޭނުމެއް ނުވި އެވެ. އެ މީހުން ދެއްކީ މުޅިން އެހެން ވާހަކަ އެކެވެ.
ސައީދު އޭރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި އޮތީ ހަނިމާދޫ އެއާޕޯޓު ޕްރޮޖެކްޓާ ގުޅޭ ގޮތުން ސަރުކާރަށް ބުނެނުދެވުނު ވާހަކަތަކެއް ހުރި ކަމާއި، އެ މަޝްރޫއުގެ ސަބަބުން ދިވެހިރާއްޖޭގެ މިނިވަންކަން ގެއްލިފައިވާ ވާހަކަ އެވެ. އެހެންވެ، ގިނަ ސުވާލުތަކެެއް ކުރެއްވާފައިވެ އެވެ. އެއީ؛
ސައީދު އޭރު އަނިމާދޫ އެއާޕޯޓު ސިފަ ކުރެއްވީ ދުއްޕާނެއްގެ ގޮތުގަ އެވެ. ނަމަވެސް އެ އެއާޕޯޓު ހުޅުވަން ބޭއްވި ޖަލްސާގައި ރައީސް މުހައްމަދު މުއިއްޒު އަދި ރަސްމިއްޔާތަށް ފަހު ދައުލަތުގެ މީޑިއާ އާއި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ ހަނިމާދޫ އެއާޕޯޓަކީ އުތުރުގެ ރަށްތަކަށް ތަރައްގީގެ އިންގިލާބެއް ގެނެސްދޭނެ ތަނެއް ކަމަށެވެ.
ހަނިމާދޫ އެއާޕޯޓަށް 138 މިލިއަން ޑޮލަރު ހަރަދު ކުރިއިރު، އުތުރުގައި ޓޫރިސްޓު އެނދު ނެތް ކަމަށް މިހާރުގެ އިކޮނޮމިކް މިނިސްޓަރު އޮގަސްޓު 20، 2023، ގައި ވިދާޅުވިއިރު، ރަނގަޅު ސިޔާސަތެއް ދަށުން އެނދު އުފައްދަން މި ސަރުކާރުން ވޭތުވެދިޔަ ދެ އަހަރު މަަސައްކަތް ކުރިނަމަ، ސައީދު ކަންބޮޑުވި ކަންކަމަށް އޮންނާނީ ހައްލު ލިބިފަ އެވެ.
ސައީދު ވެސް ކަންބޮޑުވި ހަނިމާދޫގައި އޮތް ޑޯނިއާ މަތިންދާ ބޯޓު އަދިވެސް އެބަ އޮތެވެ. ހެލިކޮޕްޓަރުތައް ވެސް އެބަ އުދުއްސަ އެވެ. ހަމައެކަނި ބަދަލުކުރީ ޔުނިފޯމު ނުލާ މީހުންނަށެވެ. ނަމަވެސް މިހާރު ވެސް މަތިންދާ ބޯޓާއި ހެލިކޮޕްޓަރުތައް ދުއްވަނީ އިންޑިއާގެ ޑިފެންސް މިނިސްޓްރީގެ ދަށުގައި އޮތް ހިންދުސްތާން އެރޯނޮޓިކްސް ކުންފުނީގެ މުވައްޒަފުން ކަމަށް ދިވެހި ސަރުކާރުން ބުނެ އެވެ.
ކެމްޕޭނުގައި، އެތައް ހާސް އިންޑިއާ ސިފައިން ތިބި ކަމަށް ވިދާޅުވެފައި އޮއްވައި، ވެރިކަމަށް ވަޑައިގެން ހާމަކުރެއްވި ނަންބަރުތައް ކުރިން ދެއްކި ވާހަކަތަކާ ދިމާ ނުވުމުން، ވެރިކަން ހޯދުމަށް ޕީޕީއެމް/ޕީއެންސީން އުފެއްދީ ފިތުނައެއްކަން ގަބޫލު ކުރެވެ އެވެ.
އިންޑިއާ އަސްކަރިއްޔާ ގާއިމުކޮށްފައި އޮތީ ހަނިމާދޫ، ކައްދޫ، ސ. ގަމުގަ އެވެ. މީގެ ކޮންމެ ތަނެއްގައި ވެސް 25 އަށް ވުރެ ގިނަ އިންޑިއާ މީހުން ތިއްބެވެ. އެހެންވެ، އެ ތިން ޕްލެޓުފޯމުގައި އޭރު ވެސް ތިބި އިންޑިއާ ސިފައިންގެ އަދަދު 80 އަށް ނާރަ އެވެ.
ހަނިމާދޫ އެއާޕޯޓު ތަރައްގީކުރަން ސިފައިންނެއް ނެތެވެ. އުތުރު ތިލަފަޅު (ޔޫޓީއެފް) ގައި ވެސް އިންޑިއާ ސިފައިންގެ މީހަކު ނެތެވެ.
ސައީދު، އޭރު ވެސް ހުންނެވީ ޒިންމާދާރު މަގާމެއްގަ އެވެ. ސުވާލު ކުރެވޭނެ، މަޖިލީހުގައި ހުރި ލިޔުންތައް ބެލޭނެ މަގާމެއްގަ އެވެ. ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ޑިފެންސް މިނިސްޓްރީން މަޖިލީހުގެ ކަމިޓީގައި ވެސް އޮތީ ހާމަކޮށްފަ އެވެ. ނަމަވެސް އެއިން އެއްވެސް ކަމެއް ބެލުމެއް، ހޯދުމެއް ނެތި ވާހަކަތައް ދެއްކެވި އިރު، މިއަދު އަމަލު ކުރައްވަމުން ގެންދަވަނީ އޭރު ދެއްކި ވާހަކަތަކާ ދިމާ އިދިކޮޅަށެވެ.
އޭރު ވެސް މިހާރު ވެސް، ހަނިމާދޫ އެއާޕޯޓު އަކީ އަސްކަރީ މަރުކަޒެއް ނޫނެވެ. އެއީ އުތުރު ސަރަހައްދުގައި އިގްތިސާދީ ހަރަކާތްތައް ފުޅާކުރުމަށް ތަރައްގީކުރި މަދަނީ ބައިނަލްއަގުވާމީ އެއާޕޯޓެކެވެ. މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ފުރިހަމަ އޮތޯރިޓީގެ ދަށުން ހިންގާ ވައިގެ ބަނދަރެކެވެ. އެއާ ޓްރެފިކް، ކަސްޓަމްސް، އިމިގްރޭޝަން، އޭވިއޭޝަން ސެކިއުރިޓީ، މި ހުރިހާ ކަމެއް ދެމިއޮތީ ދިވެހި ދައުލަތަށެވެ.
މިކަންކަން ބަދަލުކުރަން ކުރިން ނިންމާފައި އޮތް ނަމަ އެކަން މި ސަރުކާރުން ހާމަކޮށްދޭން ޖެހެ އެވެ. މީގެ ތިން އަހަރު ކުރިން އެކްސްގައި ސައީދު އުފެއްދެވި ސުވާލުތަކަށް ޖަވާބެއް ދެއްވާށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ