ފުވައްމުލަކަށް ފެނުގެ މައްސަލަ ދިމާވެ، ފެން ކަނޑަން ޖެހުމުން މިދިޔަ މަހަށް ބިލު ނުކުރަން ނިންމައިފި
މިދިޔަ މަހު ފުވައްމުލައް ސިޓީގައި، ފެނުގެ މައްސަލަ ދިމާވެ، ފެން ކަނޑަން ޖެހުމުން މިދިޔަ މަހަށް އެ ސިޓީގެ ފެން ބިލު ނުކުރުމަށް އެ ސިޓީއަށް ފެން ފޯރުކޮށްދޭ ފެނަކަ ކޯޕަރޭޝަނުން މިއަދު ނިންމައިފިއެވެ. ގާތްގަނޑަކަށް 11،000 އަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ފުވައްމުލަކުގެ ފެނުގެ ޚިދުމަތް ވަގުތީ ގޮތުން މެދުކެނޑި، ފެނަށް ޖެހި، ދުވަސްތަކެއް ވިއެވެ. އެ ރަށަށް ފެން ދޫކުރަން ފެށި ފަހުން ވެސް، ފެން ނުސާފު ކަމަށް ބުނެ، އެ ރަށު މީހުން ކަންބޮޑުވުން ފާޅުކުރިއެވެ. އޭގެފަހުން މިއަދު ފެނަކައިން ނެރުނު ބަޔާނެއްގައި ބުނީ، މިދިޔަ ދުވަސްތަކުގައި ފުވައްމުލައް ސިޓީގެ ފެނުގެ ނެޓުވޯކުގެ މަސައްކަތްތައް ކުރަމުން ދިޔައިރު، އެކި ވަގުތުތަކުގައި ފެން ކެނޑުމާއި ޕްރެޝަރު ދަށްވުން ފަދަ ކަންކަަން ދިމާވި ކަމަށެވެ. ފުވައްމުލަކުގައި ފެނަށް ޖެހިފައި އޮތްއިރު، ޕިކަޕަކަށް ފެން ކޭސްތަކެއް ބަރުކޮށްފައި ފޮޓޯ/ އަލީ ޝަރީފް އެހެންވެ، އެ ސިޓީގެ ރައްޔިތުންނަށް ލުޔެއް ދިނުމަށް ކަމަށް ބުނެ، ފެނަކައިން ވަނީ، މިދިޔަ މަހު ފުވައްމުލަކުގެ ފެނަށް ބިލު ނުކުރަން ނިންމާފައެވެ. އޭގެއިތުރުން، އެ ސިޓީއަށް ދިމާވި ފެނުގެ މައްސަލަ ހައްލުކޮށް ރަނގަޅު ފެންވަރެއްގައި ފެނުގެ ޚިދުމަތް ދިނުމަށް ކުރަން ޖެހޭ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރާ ކަމުގެ ޔަގީން ވެސް ފެނަކައިން ވަނީ ދީފައެވެ. ފުވައްމުލަކުގެ ފެނުގެ ރައްކާތެރިކަމާ މެދު ސުވާލު އުފެދިފައި ވަނިކޮށް، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން ވަނީ، އެކި ސަރަހައްދުތަކުން ފެން ނަގައިގެން ތަހުލީލު ވެސް ކޮށްފައެވެ. އެ ތަހުލީލުތަކުގެ ނަތީޖާއާ ހަވާލާދީ އެމްއެފްޑީއޭއިން ބުނީ، އެ ފެނަކީ ސިއްހަތާ ބެހޭ ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ ފެނުގެ މިންގަނޑަށް ފެތޭ ފެނެއް ކަމަށެވެ. އެކަމަކު، އަންނަ ފެން ނުސާފު ފެން ކަމަށް ބުނެ، ނުސާފު ފެން ތަށިތަކެއްގެ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. އެ ކަން އެ ސިޓީގެ ކައުންސިލުން ވަނީ، ހެލްތު މިނިސްޓްރީއާ އިދާރާތަކަށް ހުށަހަޅާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ