މައުލޫމާތުގެ ތެދު، ދޮގު ކަށަވަރުކުރާނެ ގޮތް ކިޔައިދޭން ފޯރަމެއް ބާއްވައިފި

ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ ބެޗްލާ އޮފް އާޓްސް އިން މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސް ކޯހުގެ ދަރިވަރުންތަކެއް އިސްނަގައިގެން ކުރިއަށްގެންދާ 'ނޯ ކެޕް ޖަސްޓް ފެކްޓްސް' ކެމްޕެއިންގެ ދަށުން ލިބޭ މައުލޫމާތުގެ ތެދު، ދޮގު ކަށަވަރުކުރާނެ ގޮތްތައް ކިޔައިދިނުމަށް އިއްޔެ ފޯރަމެއް ބާއްވައިފި އެވެ.
ވީ ކިހިނެއް؟ - މާލޭގެ އެކި ސްކޫލުތަކާއި އެމްއެންޔޫގެ ކޯސްތަކުގެ ދަރިވަރުންނާ އެކު އެމްއެންޔޫގައި އިއްޔެ ކުރިއަށް ގެންދިޔަ ޕެނަލް ޑިސްކަޝަންގައި ވަނީ ނޭނގި ފަތުރާ ދޮގު މައުލޫމާތާއި ގަސްތުގައި ފަތުރާ ދޮގު މައުލޫމާތުގެ ތަފާތާއި އެ ފަދަ މައުލޫމާތުތައް ދެނެގަންނާނެ ގޮތްތައް ބައިވެރިންނަށް ކިޔައިދީފަ އެވެ.
ތަފްސީލް -  މި ކެމްޕޭނުގެ މައިގަނޑު މަގުސަދަކީ ދޮގު މައުލޫމާތު ފެތުރުން މަދުކުރުމަށް ސްކޫލު ނިންމާ ދަރިވަރުންނާއި ކޮލެޖުުތަކާއި ޔުނިވާސިޓީތަކުގައި ކިޔަވަމުން އަންނަ ދަރިވަރުން ހޭލުންތެރިކުރުވުމެވެ.
ބައިވެރިންނާ މުހާތަބުކުރައްވާ ވާހަކަ ދައްކަވަމުން އެމްއެންޔޫގެ ފެކަލްޓީ އޮފް އާޓްސްގެ ޑީން އާސިމް އަބްދުއްސައްތާރު ވަނީ ޔުނިވާސިޓީގައި ކިޔަވައިދޭ އެއްޗެހި އަމަލީ މައިދާނުގައި ބޭނުންކޮށް އަދި އިތުރަށް މުޖުތަމައުއަށް ފައިދާ ހުރި ކަންކަން ކޮށްދިނުމުގެ މުހިއްމުކަން ފާހަގަކުރައްވައިފަ އެވެ،
ފޯރަމްގެ ބައިވެރިންގެ ތެރެއިން ގުރުއަތުން ހޮވުނު ދަރިވަރަކަށް އިނާމެއްގެ ގޮތުގައި ލެޕްޓޮޕެއް ވަނީ ދީފަ އެވެ. އެ ލެޕްޓޮޕް ލިބުނީ އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގައި ގްރޭޑު 12ގައި ކިޔަވަމުން އަންނަ ދަރިވަރު އައިޝަތު އަޒްހާ އަހުމަދަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ