އޭޝިއަން ކަޕް ކޮލިފައިންގައި ގައުމީ ފުޓްބޯޅަ ޓީމުން ކުޅެން އޮތް މެޗަށް ޕްރެކްޓިސް ފެށިއިރު، އެ ސެޝަނުގައި ބައިވެރިނުވެ، ފުޓްސަލް މުބާރާތެއް ކުޅެން ދިޔަ، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ މިޑްފީލްޑަރު، އަހުމަދު އައިހަމް (ފަތޯ)، ކުރެވުނު ކުށަށް މާފަށް އެދެފި އެވެ.
މި މަހު 18 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ފިލިޕީންސާ ދެކޮޅަށް އޭޝިއަަން ކަޕްގެ ކޮލިފައިންގައި ގައުމީ ޓީމުން ކުޅޭ މެޗަށް މިދިޔަ ހޯމަ ދުވަހު ހަވީރު ގައުމީ ފުޓްބޯޅަ ޓީމުން ވަނީ ޕްރެކްޓިސްތައް ފަށައިފަ އެވެ. އެފްއޭއެމުން 25 ކުޅުންތެރިންގެ ޕްރިލިމިނަރީ ސްކޮޑެއް ނަގައި، ޕްރެކްޓިސް ފެށިއިރު، އެ ސެޝަނުގައި އައިހަމް ބައިވެރިނުވެ، އެރޭ ވަނީ ތިލައުތުރު ފުޓްސަލް މުބާރާތުގައި ކުޅެފަ އެވެ.
އެއާ އެކު، އެފްއޭއެމް އިން ބަޔާނެއް ނެރެ އައިހަމް ގައުމީ ސްކޮޑުން ބާކީކުރިކަން އިއުލާނުކުރި އެވެ.
އައިހަމްގެ އިންސްޓަގްރާމް އެކައުންޓުގައި މިއަދު، އޭނާ ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ދާދި ފަހުން މި ހިނގި ކަންތައްތަކާ ގުޅިގެން ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗިން ސްޓާފުންނާއި ޓީމުގެ ކުޅުންތެރިންނާއި ރާއްޖޭގެ ފުޓްބޯޅައިގެ ހުރިހާ ސަޕޯޓަރންގެ ކިބައިން މާފަށް އެދޭ ކަމަށެވެ.
"އަހަންނަށް ކުރެވުނު ކުށުގެ ޒިންމާ މުޅިއެއްކޮށް އަހަރެން ނަގަން. އަހަރެންގެ ހަރަކާތްތައް ހުރީ ވަަރަށް އަންޕްރޮފެޝަނަލްކޮށް، ގައުމީ ޓީމުގެ ކުޅުންތެރިއެއްގެ ކިބައިގައި ހުންނަން ޖެހޭ މިންގަނޑާ އެއް ހަމައެއްގައެއް ނޫން،" އަައިހަމް ލިޔެފައިވެ އެވެ.
"ރާއްޖެ ތަމްސީލްކުރުމަކީ ކޮންމެ އެތުލީޓަކަށް ލިބޭނެ އެންމެ ބޮޑު ފަހުރު. ވަރަށް ބޮޑަށް ހިތާމަކުރަން އަހަރެން ގައުމީ ޓީމަށް ދޭ އަހައްމިއްޔަތުކަމާ މެދު މީހުން ސުވާލު އުފައްދަން ޖާގަ ދެވުނީތީވެ. އަދި، މީހުން އަހަންނަށް ކުރި އިތުބާރަށް ސުވާލު އުފައްދަން ޖާގަ ދެވުނީތީވެސް،"
އައިހަމް ބުނީ ކުރެވުނު ކަންތައްތަކުން އިބުރަތް ހާސިލްކޮށް، އޭނާގެ ފުށުން އެ ފަދަ ކަމެއް ތަކުރާރުނުވާނެ ގޮތަށް ކުރިއަށްދިއުމަށާއި ގައުމީ ޓީމުގެ ސްޓާފުންނާއި ކުޅުންތެރިންގެ އިތުބާރު ހޯދަން މަސައްކަތް ކުރާނެ ކަމަށެވެ. އަދި، ކުޅުންތެރިއެއްގެ ގޮތުގަޔާއި ޕްރޮފެޝަނަލެއްގެ ގޮތުގައި ކަންކަން ރަނގަޅުކުރަން މަސައްކަތް ކުރުމުގެ އަޒުުމުގައި ހުރި ކަމަށް އައިހަމް ވަނީ ބުނެފަ އެވެ.
ފިލިޕީންސް މެޗަށް ނެގި ޕްރިލިިމިނަރީ ސްކޮޑުގައި ހިމެނުނު އީގަލްސްގެ ގޯލްކީޕަރު މުހައްމަދު އަޝްވާނަށް ލިބުނު އަނިޔާއަކާ ހެދި އޭނާގެ ބަދަލުގައި، މާޒިޔާގެ ކީޕަރު އިޔާން އަބްދުލް އަލީމް (ޗިކީ) ވަނީ ޓީމަށް ނަގައިފަ އެވެ.
ކުރެވުނު ކުށަށް އައިހަމް މާފަށް އެދެފި ކުރެވުނު ކުށަށް އައިހަމް މާފަށް އެދެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ