ޓެނިސް ބޫޓެއް ތެރޭ ފޮރުވާފައި ހުރި ޑުރަގް ޕެކެޓުތަކަކާއެކު، އިންޑިއާ މީހަކު ހައްޔަރުކޮށްފި

ޓެނިސް ބޫޓު ކިބައެއްގެ ތެރޭ ފޮރުވާފައި ހުރި މަސްތުވާތަކެތި ޕެކެޓުތަކާއެކު، ރާއްޖެ އައި އިންޑިއާ މީހަކު ހައްޔަރުކޮށްފިއެވެ. ކްރިމިނަލް ކޯޓުން މިއަދު ނެރުނު ބަންދު އަމުރުގައިވާ ގޮތުން، މަސްތުވާތަކެއްޗާއެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކުރީ އިންޑިއާއަށް ނިސްބަތްވާ، އުމުރުން 30 އަހަރުގެ ފިރިހެނެކެވެ. އަމުރުގައިވާ ގޮތުން، އެ މީހާގެ ފޮށި ބަލައި ފާސްކުރިއިރު، އެ މީހާގެ ފޮށިން ނެގި ކޮތަޅެއްގެ ތެރޭ އޮތް ބޫޓު ކިބައެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ހުރި ދެ ޕެކެޓު ފެނިފައިވެއެވެ. އެ ތަކެތި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ޓީއެޗްސީއަށް ފައްސިކަމަށް، ބަންދު އަމުރުގައި ބަޔާންކޮށްފައިވެއެވެ. ދައުލަތުގެ ފަރާތުން މި މައްސަލައިގައި ވަކީލެއްގެ ފުރުސަތަކަށް އެދިފައިވާތީ، ފަސް ދުވަހަށް އޭނާ ބަންދުކުރަން ނިންމައިފައިވާ ކަމަށް، މައްސަލަ ބެއްލެވި ގާޟީ ޢާއިޝަތު ނުޒުހާ ކުރެއްވި އަމުރުގައިވެއެވެ. މީގެ ދެ ހަފުތާކުރިން، މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއް ހިންގައި، 21 ކިލޯގެ މަސްތުވާތަކެއްޗާއެކު ފުލުހުން ތިން މީހަކު ހައްޔަރުކޮށްފައިވެއެވެ. އޭގެ ތެރޭ އަވައްޓެރި ބަންގްލަދޭޝްއަށް ނިސްބަތްވާ ދެ މީހަކު ހިމެނެއެވެ. އެ މީހުންނަށް ކުރާ ތުހުމަތަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތި ޓްރެފިކްކުރުމެވެ. އެ މައްސަލައިގައި ބަންގްލަދޭޝްގެ ދެ މީހުން 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން ހުކުމްކޮށްފައިވެއެވެ. https://sun.mv/221056 ފާހަގަކުރެވޭ ގޮތުގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ބިދޭސީންގެ ތެރޭގައި މި ފަހުން އިންޑިއާގެ މީހުން އިތުރުވެފައި ވަނިކޮށް، އެ ގައުމުގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން ކަންބޮޑުވުން ފާޅުކޮށް ޚާއްސަ އެޑްވައިޒަރީއެއް ނެރެފައިވެއެވެ. އެންސީބީން ނެރުނު "ހައި-ޕްރަޔޯރިޓީ އެޑްވައިޒަރީ"ގައި ފާހަގަކޮށްފައިވާ ގޮތުގައި، ގައުމެއްގެ ގާނޫނު ނޭނގުމަކީ ކުށުން ބަރީއަވުމަށް ދެއްކޭނެ އުޒުރެއް ނޫނެވެ. އެހެންކަމުން، ރާއްޖެއަށް ދަތުރުކުރާ އިންޑިއާ ރައްޔިތުން ހަރުކަށި އަދަބުތަކުން ސަލާމަތްވުމަށްޓަކައި ގާނޫނަށް ބޯލެނބުން މުހިންމު ކަމަށް އެ ބިއުރޯއިން ބުނެފައިވެއެވެ. މީގެ އިތުރުން، އެއާޕޯޓުތަކާއި ބަނދަރުތަކުން ދަތުރުކުރާއިރު ގޮތް ނޭނގޭ މީހުން ދޭ ތަކެއްޗާ ހަވާލުނުވުމަށާއި، އަމިއްލަ ދަބަސްތަކަށް ސަމާލުވުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ. މި ފަހަކަށް އައިސް އިންޑިއާ މީހުން މަސްތުވާތަކެއްޗާއެކު ހައްޔަރުކުރާ މިންވަރު ވަނީ އިތުރުވެފައެވެ. މިދިޔަ މާރިޗު މަހު އެކަނި ވެސް ތިން މައްސަލައެއްގައި އިންޑިއާގެ ފަސް މީހަކު ހައްޔަރުކޮށްފައި ވާއިރު، އޭގެ ތެރޭގައި 6.7 ކިލޯގެ ހަޝިޝް އޮއިލް އެތެރެކުރަން އުޅުނު ބަޔަކު ހިމެނެއެވެ. އަދި މި މަހުގެ ތެރޭގައި ވެސް ވެލާނާ އެއާޕޯޓުން މަސްތުވާތަކެއްޗާއެކު އިންޑިއާގެ ހަތަރު މީހަކު ވަނީ އަތުލައިގަނެފައެވެ. ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ވެސް ވަނީ ރާއްޖޭގެ ގާނޫނުތަކަށް ފުރިހަމައަށް ބޯލެނބުމަށް ދަތުރުވެރިންނަށް އިލްތިމާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ