އާސެނަލްއިން 22 އަހަރަށް ފަހު ޕްރިމިއަ ލީގުގެ ތަށި އުފުލާލައިފި

އާސެނަލް 22 އަހަރަށް ފަހު ފުރަތަމަ ފަހަރަށް އިނގިރޭސި ޕްރިމިއަ ލީގުގެ ތަށި މިރޭ އުފުލާލައިފި އެވެ.
ޕްރިމިއަ ލީގުގެ އެންމެ ފަހު މެޗުތައް އެއްފަހަރާ މިރޭ ކުޅުނު އިރު ރަށުން ބޭރުގައި ކްރިސްޓަލް ޕެލެސްގެ ދަނޑުގައި އާސެނަލް ލީގު ނިންމާލީ 2-1އިން މޮޅުވެ 85 ޕޮއިންޓާ އެކުގަ އެވެ. އެއީ ދެވަނަ ހޯދި މެންޗެސްޓަ ސިޓީއަށް ވުރެ ހަތް ޕޮއިންޓް ތަފާތެކެވެ. ސިޓީގެ އަމިއްލަ ދަނޑުގައި މިރޭ ވަނީ އެސްޓަން ވިލާ އަތުން 2-1 އިން ބަލިވެފަ އެވެ.
މިދިއަ ތިން ސީޒަން ވެސް އާސެނަލް ނިންމާލީ ދެވަނައިގަ އެވެ. އެކަމަކު ކޯޗު މިކޭލް އާޓެޓާގެ ބެލުމުގެ ދަށުން މި ސީޒަންގައި އާސެނަލް ފެނުނީ ތަފާތުކޮށެވެ. ޕްރިމިއަ ލީގުގެ އިތުރުން ޗެމްޕިއަންސް ލީގުގައި ވެސް މެ އެވެ. އަންނަ ހޮނިހިރުދުވަހުގެ ރޭ އޮންނަ ޗެމްޕިއަންސް ލީގު ފައިނަލްގައި ވާދަކުރާނީ އެންމެ ފަހުގެ ޗެމްޕިއަން ފްރާންސްގެ ޕީއެސްޖީއާ އެވެ.
މިރޭގެ މެޗަށް ފަހު އާޓެޓާ ބުނީ މިއީ އާސެނަލްގެ ކާމިޔާބީގެ އާ ފެށުމެއް ކަމަށެވެ.
ޗެމްޕިއަންސް ލީގު ފައިނަލް އޮތުމާއި މިރޭގެ މެޗުގެ ކުރިން ލީގުގެ ޗެމްޕިއަންކަން ކަށަވަރުވެފައި އޮތުމުން އާސެނަލްއިން ނެރުނީ ބެންޗު ޓީމެކެވެ. އެކަމަކު ފަހު ހާފުގައި މުހިންމު ބައެއް ކުޅުންތެރިން އެރުވި އެވެ.
އެންމެ ފަހުން އާސެނަލްއިން ލީގުގެ ޗެމްޕިއަންކަން 04-2003ގައި ހޯދީ އެއްވެސް މެޗަކުން ބަލިނުވެ އެވެ. އެއީ މިހާތަނަށް ޕްރިމިއަ ލީގުގައި އެއްވެސް ޓީމަކަށް ހެދުނު ރެކޯޑެއް ނޫންމެ އެވެ.
މެންޗެސްޓަ ސިޓީގެ ކޯޗަކަށް 10 އަހަރު ހުރެ، ބޮޑެތި އެތައް ކާމިޔާބީއެއް ހޯދައިދިން ޕެޕް ގާޑިއޯލާ، މިރޭގެ މެޗަށް ފަހު ވަނީ ސިޓީގެ ކޯޗުކަމުން ވަކިވެފަ އެވެ. ނަމަވެސް އޭނާގެ މި އަލްވަދާއުއަށް ހިޔަނި އެޅުނީ ވިލާ އަތުން ބަލިވުމުންނެވެ.
ގާޑިއޯލާއަކީ އިނގިރޭސި ފުޓްބޯޅައިގެ އެންމެ ކާމިޔާބު އެއް ކޯޗެވެ. އާޓެޓާގެ ނަޒަރުގައި އެންމެ މޮޅު ކޯޗެވެ. އާސެނަލްއާ ހަވާލުވުމުގެ ކުރިން އާޓެޓާއަކީ ގާޑިއޯލާގެ އެސިސްޓެންޓް ކޯޗެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ