ދިވެހި ބަހާއި ގައުމިއްޔަތާ ބެހޭ ހާއްސަ މުޝީރަކަށް އާދަމް ނަސީރު

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރުގެ މަގާމުގައި ކުރިން ހުންނެވި އާދަމް ނަސީރު އިބްރާހިމް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މުޝީރެއްގެ މަގާމަށް އައްޔަންކުރައްވައިފިއެވެ.
އާދަމް ނަސީރު، ރައީސް އޮފީހުގެ މަގާމަކަށް އައްޔަންކުރެއްވީ އިއްޔެގެ ވަގުތެއްގައެވެ. އޭނާ އައްޔަންކުރައްވާފައިވަނީ ދިވެހިބަހާއި ސަގާފަތް އަދި ހެރިޓޭޖް ދާއިރާގެ މުޝީރެއްގެ ގޮތުގައެވެ.
ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފު (މުންދު) ވިދާޅުވީ، އެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވަން އޭނާ ފައްޓަވާފައިވާކަމަށާއި އެ މަގާމުގެ މަސްއޫލިއްޔަތު ވަރަށް އަވަހަށް ހިއްސާކުރައްވާނެ ކަމަށެވެ.
އޭޕްރީލް މަހުގެ 14 ވަނަ ދުވަހު ވަޒީރުކަމުގެ މަގާމުން އިސްތިއުފާ ދެއްވި އާދަމް ނަސީރާއެކު އޭރު ބައެއް އިތުރު ވަޒީރުންތަކެއް އިސްތިއުފާދެއްވިއެވެ. އޭގެ ތެރެއިން ބައެއް ބޭފުޅުން ވެސް ވަނީ އެހެން މަގާމުތަކަށް ބަދަލުކޮށްފައެވެ.
އެގޮތުން، ލޯކަލް ގަވަމަންޓް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވި އާދަމް ޝަރީފް ގަތަރުގެ ސަފީރު ކަމަށް އަދި ޓޫރިޒަމް އެންޑް އެންވަޔަރްމެންޓް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވި ތޯރިގް އިބްރާހީމަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ސަފީރުކަމަށް ވަނީ އައްޔަންކުރައްވައިފައެވެ. އަދި ހެލްތު މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވި އަބްދުﷲ ނާޒިމް ރައީސް އޮފީހަށް މިނިސްޓަރުގެ މަގާމަށް ވަނީ އައްޔަން ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ