ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ވަހީދު ކުރެއްވި ކޮރަޕްޝަންގެ ތުހުމަތުތައް ރައީސް މުހައްމަދު މުއިއްޒު ދޮގުކުރައްވައިފި އެވެ.
ޖިނާއީ ދައުވާތަކާ ގުޅިގެން ކްރިމިނަލް ކޯޓުގައި އޮތް ހުކުމްކުރުމުގެ އަޑުއެހުމަށް ވަނުމުގެ ކުރިން ޝަމްއާން ނޫސްވެރިންނަށް ވިދާޅުވީ ހޯމް މިނިސްޓަރު އަލީ އިހުސާން ހިންގަމުން ދިޔަ ކޮރަޕްޝަންގެ ވާހަކަތައް މުއިއްޒުއާ ހިސާބަށް ގެނެސްދިނުމުން އެކަމަށް ފިޔަވަޅު ނޭޅުމަކީ ވެސް ކޮރަޕްޝަން ކަމަށެވެ.
"ރައީސް ފިޔަވަޅެއް ނޭޅުއްވުމަކީވެސް ހަމަ ކޮރަޕްޝަންގެ އަމަލެއް ނޫންތޯ. މިހާރު ރައީސަށް ހަމަ ސީދާ މިކަން ހިނގަމުންދާކަން އެނގިހުރެ އެކަން ނުހުއްޓުވީމަ އެއީ ހަމަ ކޮރަޕްޝަންގެ އަމަލެއް. އެހެންވީމަ ރައީސްވެސް މިކަމުގައި ބައިވެރިވާ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" ޝަމްއާން ވިދާޅުވި އެވެ.
އެކަމާ ގުޅިގެން ސަރުކާރުގެ އިސް ތަރުޖަމާން މުހައްމަދު ހުސެން ޝަރީފް (މުންދު) ސޯޝަލް މީޑިއާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެއީ ދޮގު ވާހަކަތަކެއް ކަމަށެވެ.
"ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން، ރައީސުލްޖުމްހޫރިއްޔާއަށް ނިސްބަތްކޮށް މިއަދު މީޑިޔާގައި އެ ދެއްކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް،" އެ ޕޯސްޓުގައި ލިޔުއްވަފައިވެ އެވެ.
ޝަމްއާން މިއަދު ވިދާޅުވީ ބަންގްލަދޭޝް މީހުންގެ ވޯކް ޕާމިޓްތައް އެޕްރޫވްކުރަނީ ސީދާ އިހުސާން މެދުވެރިކޮށް ކަމަށާއި އެކަމަށް ކޮރަޕްޝަންގެ ގޮތުގައި 8،000ރ. ނަގަމުންދާކަން ޔަގީންވުމުން އެކަން މުއިއްޒުއަށް އެންގީ ކަމަށެވެ.
"ވަރަށް ސާފު އިބާރާތުން ރައީސަށް ދެންނެވިން. ޗެޓްލޮގްތައް ހުންނާނެ. ރައީސާއެކު ދެކެވުނު ވާހަކަތައްވެއްޖެއްޔާ. އޯޑިއޯވެސް ހުންނާނެ. އެހެންނަމަވެސް އަޅުގަނޑު ފޯނު މިވަގުތު އޮތީ އަޅުގަނޑު ހައްޔަރުކުރިއިރު ޕޮލިހުގެ ބެލުމުގެ ދަށުގައި،" ޝަމްއާން ވިދާޅުވި އެވެ.
ޝަމްއާން ތުހުމަތުކުރައްވާ ގޮތުގައި އޭނާ ފްރޭމްކުރީ އިހުސާން އާއި އެޓާނީ ޖެނެރަލް މުހައްމަދު އުޝާމް އެވެ.
ބިދޭސީން ގެނައުމުގެ ކޯޓާ އާއި ވޯކް ޕާމިޓް ދޫކުރުމުގައި ހޯމް މިނިސްޓަރު އިހުސާން ކޮރަޕްޝަން ހިންގާ ކަމުގެ ހެކި ރައީސް މުއިއްޒަށް ހުށަހެޅުމުން، އެއީ ޒާތީ ކަމެއް ކަމަށް ރައީސް ވިދާޅުވި ކަމަށް ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ވިދާޅުވެއްޖެއެވެ. ޝަމްއާން މިހެން ވިދާޅުވީ އޭނާގެ މައްޗަށް އުފުލާފައިވާ ޖިނާއީ ދައުވާތަކުގެ ހުކުމް ކުރުމުގެ ކުރިން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި ބިދޭސީއެއްގެ އަތުން ފައިސާ ނެގި ކަމުގެ ތުހުމަތުގައި ޝަމްއާނުގެ މައްޗަށް ތިން ދައުވާ ކުރެ އެވެ. އެއީ ފޭރުމުގެ ކުށުގެ ދައުވާއާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާ އަދި މަނީ ލޯންޑަރިން ކުށުގެ ދައުވާ އެވެ.
"އެމައްސަލައިގައި އެންމެ ފަހުން އަޅުގަނޑަށް ގުޅިދުވަހު ’މިކަން އިތުރު ގޮތަކަށް ބަދަލެއް ނުވާނެ’ ކަމަށް ބުނެ ކޯފާ އިސްކުރައްވާ އަޅުގަނޑަށް އިންޒާރު ދެއްވި،" ޝަމްއާން ވިދާޅުވި އެވެ.
ކޮންޓްރޯލާގެ މަގާމުން މާޗު 21، ގައި ޝަމްއާން ވަކިކޮށް، އޭގެ އެއް ދުވަސް ފަހުން ފުލުހުން އޭނާ ހައްޔަރު ކުރި އެވެ. އެ މައްސަލާގައި އޭނާގެ ބަންދަށް ފުރަތަމަ ޖެހީ 15 ދުވަހެވެ. އެއަށް ފަހު އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން އަމުރުކުރީ އޭޕްރީލް 6، ގަ އެވެ. މައްސަލައާ ގުޅިގެން ޝަމްއާން ވަނީ ބަންދުގައި 278 ދުވަސް ހޭދަކޮށްފަ އެވެ. އޭނާ ބަންދުން ދޫކޮށްލީ މިދިޔަ އަހަރުގެ ޑިސެމްބަރު 25، ގަ އެވެ.
ޝަމްއާންއާއެކު އިތުރު ބަޔަކު ވެސް އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރި އެވެ. އޭގެ ތެރޭގައި ހިމެނެނީ އިމިގްރޭޝަން އޮފިސަރުންތަކަކާއި އާންމުންގެ މީހެކެވެ. އޭގެ ތެރެއިން ބައެއް މީހުން ދައުލަތާއެކު އިއުތިރާފު އެއްބަސްވުން ވެސް ހެދި އެވެ.
ކޮރަޕްޝަންގެ ތުހުމަތުތައް ރައީސް ދޮގު ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ