ޔާމީންގެ ހިޔާލެއް: ޕީޖީ އައްޔަންކޮށް ވަކިކުރުމުގެ ބާރު ދޭންވީ ބާ ކައުންސިލަށް

ޕްރޮސިކިއުޓަ ޖެނެރަލް (ޕީޖީ) ގެ މަގާމަށް މީހުން އައްޔަންކުރުމާއި ވަކިކުރުމުގެ ބާރު ރައްޔިތުންގެ މަޖިލީހުން ނެގުމަށް ފަހު، އެ ބާރު ބާ ކައުންސިލަށް ދިނުން މާ ރަނގަޅު ވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ. 
އާދީއްތަ ދުވަހުގެ ރޭ ޕީއެންއެފްއިން ބޭއްވި ޖަލަސާގައި ޔާމީން މިހެން ވިދާޅުވީ، ޕީޖީގެ މިނިވަންކަމާ ގުޅޭގޮތުންނާއި މިހާރުގެ ޕީޖީ އައްބާސް ޝަރީފަށް ފާޑުވިދާޅުވަމުންނެވެ.
ޔާމީން ވިދާޅުވީ، ކުރިން ވެސް އަދި މިހާރުވެސް ޕްރޮސިކިއުޓަ ޖެނެރަލަކީ މިނިވަން މީހެއް ނޫން ކަމަށެވެ. ނަމަވެސް، ޕީޖީއަކީ ބާ ކައުންސިލަށް ޖަވާބުދާރީވާ މީހަކަށް ހަދައި، އެ ކައުންސިލްގެ ތެރެއިން ރެގިއުލޭޓްކޮށް، އައްޔަންކޮށް އަދި ވަކިކުރާ މީހަކަށް ވެއްޖެނަމަ ކަންކަން "ލައްކަތަނުން ރަނގަޅުވެދާނެ" ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
މިހާރުގެ ޕީޖީ އައްބާސް ޝަރީފާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ، މަގާމާ ހަވާލުވި ދުވަހު "މީހެއްގެ މޫނަކަށް ކަނދުރާއަކަށް ނުބަލާނެ" ކަމަށް އައްބާސް ވިދާޅުވި ނަމަވެސް، ފެންނަމުންދަނީ އޭގެ އިދިކޮޅު މަންޒަރު ކަމަށެވެ.
"އެހެންނޫންތޯ ވާނީ ދަރިވަރުވެގެން މިއައީ ސާހިބާ ކައިރިން. ސާހިބާ އޮފީހުގައި ހުރި މީހެއް. އޭނަ ބުނާ ގޮތަކަށް ބުނި ކަމެއް ކޮށްދޭނެ ކަމުގެ ވައުދު ބަސް އެއްބަސް ކުރުވާފައި ނެރޭ ޕްރޮސިކިއުޓަ ޖެނެރަލަކަށް މިހަދަނީ އައްބާސް ޝަރީފު،" ޔާމީން ވިދާޅުވި އެވެ.
އައްބާސްއަކީ ރަނގަޅު ގާނޫނީ ވަކީލަކަށް ވިޔަސް، ޕީޖީގެ މަގާމުގައި އޭނާގެ ކިބައިގައި ހުންނަންޖެހޭ "ކަރިޝްމާއާއި، ގަޓްސް އަދި ޑިސިޕްލީން" ނެތް ކަމަށް ޔާމީން ވިދާޅުވި އެވެ. އަދި މީގެ ސަބަބުން ޖިނާއީ ތަހުގީގުތައް ވަރަށް ބޮޑަށް ގޯސްވެ، ސަރުކާރުން ބުނާ ގޮތަށް ހުކުމްކޮށްލަން ކޯޓުތަކަށް ފަސޭހަވެގެން ގޮސްފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ޕީޖީ ފަދަ މިނިވަން މަގާމުތަކަށް މީހުން އައްޔަންކުރުމާއި ވަކިކުރުމުގެ ބާރު މަޖިލީހުގެ ތެރެއިން ވަކިކުރަންޖެހޭ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ. 
އެމަނިކުފާނު ސިފަކުރެއްވި ގޮތުގައި ރައްޔިތުންގެ މަޖިލީހަކީ މިހާރު "ނީލަމެއް ފަދަ ތަނެއް" ކަމަށާއި، އެއީ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރާ ތަނަކަށް ވުރެ ބޮޑަށް، ވެރިޔަކަށް ހުންނަ މީހެއްގެ ރުއްސުމާއި ފުއްސުން ހޯދަން މަސައްކަތްކުރާ ބައެއް އުޅޭ ތަނެކެވެ. އަދި މިހާރު މަޖިލީހަކީ ރައްޔިތުން ތަމްސީލުކޮށްދޭ  ތަނެއް ނޫން ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ