ޓެސްޓުކުރުމުގައި އެޗްޕީއޭގެ އަމިއްލަ ގައިޑްލައިނަށް ތަބާނުވޭ

ކޮވިޑް-19އަށް ޓެސްޓުކުރުމާ ގުޅޭ ގޮތުން އެޗްޕީއޭއިން އެކުލަވާލާފައިވާ ގައިޑުލައިނުގައިވާ އުޞޫލުތަކާ އެއްގޮތަށް ޓެސްޓުކުރުމުގެ ކަންކަން ކުރިއަށް ގެންގޮސްފައިނުވާކަން ހާމަވެއްޖެއެވެ. ކޮވިޑް-19 އާ ގުޅިގެން ކަންކަން ކުރަަންޖެހޭ ގޮތްތައް ހިމެނޭ ގައިޑުލައިނެއް އެޗްޕީއޭއިންވަނީ ޢާންމުކޮށްފައެވެ. އެފަރާތުން ޢާންމުކޮށްފައިވާ "Covid-19 quick reference guidelines" ގައި މީހަކު ބައްޔަށް ޝައްކުކުރެވި ތަޙުލީލުކުރެވި ބައްޔަށް ޕޮޒިޓިވްވެއްޖެ ނަމަ ކަންކުރަންޖެހޭނެ ގޮތް ސާފުކޮށް ބަޔާންކޮށްފައިވެއެވެ. އެގައިޑުލައިނުގައިވާ ގޮތުން އެފަދަ ފަރާތަކާ ބައްދަލުވީ ފަރާތްތަކުގެ ތެރެއިން ބަލި އެރުމުގެ ފުރުޞަތު ބޮޑު ފަރާތްތައް ޓެސްޓުކުރަންޖެހެއެވެ. އެގޮތުން އެގައިޑުލައިނުގެ 31 ވަނަ ޞަފުހާގައިވަނީ ކޮރޯނާ ވައިރަސްއަށް ޝައްކުކުރެވޭ ފަރާތެއްގެ ކިބާގައި އެބަލިޖެހޭ ވައިރަސް ހުރިކަން ދެނެގަތުމަށް ބޭނުންކުރާނެ މިންގަނޑުތަކުގެ އަލްގަރިދަމެއް ނުވަތު ޢަމަލުކުރާނެ އުޞޫލީ ތަރުތީބެކެވެ. މިތަރުތީބުގައި ބުނެފައިވާ ގޮތުން ބައްޔަށް މީހަކު ޕޮޒިޓިވްވެއްޖެނަމަ، އެމީހަކާ ބައްދަލުވި ފަރާތްތަކުގެ ތެރެއިން ހައިރިސްކް ކޮންޓެކްޓްސް (ބަލި ޖެހުމުގެ ފުރުޞަތު އޮތް ގާތްކަން ބޮޑު ފަރާތްތައް) އެކަހެރިކުރަންޖެހެއެވެ. ހަމައެހެންމެ އެއުޞޫލުތައް ބުނާ ގޮތުން އެކަހެރިކުރުމާއެކު، އެފަރާތްތައް ދެފަހަރެއްގެ މަތިން ޓެސްޓުކުރަންޖެހެއެވެ. ފުރަތަމަ ޓެސްޓަކީ އޭނާ އެކަހެރިކުރުމާއެކު ކުރާ ޓެސްޓެކެވެ. ފުރަތަމަ ސާމްޕަލް ނަގާތާ ދެ ހަފުތާ ފަހުން ދެވަނަ ސާމްޕަލެއް ނަގަންޖެހެއެވެ. އަދި ދެ ސާމްޕަލްވެސް ފުރިހަމައަށް ނެގެޓިވްވުމުން އެމީހަކު ކަރަންޓީނުން ދޫކޮށްލެވެއެވެ. މިކަމާ ގުޅިގެން ދިޔަރެސްގެ ފަރާތުން ނޫސްވެރިން ބައްދަލުވުމުގައި މިއުޞޫލަށް ޢަމަލުނުކުރެވެނީ ކީއްވެތޯ ސުވާލުކުރުމުން، ސަރުކާރުގެ ފަރާތުން ކޮވިޑް-19އާ ގުޅޭ ގޮތުން މަޢުލޫމާތު ހާމަކުރުމަށް ކަނޑައަޅާފައިވާ ތަރުޖަމާން މުޙައްމަދު މަބްރޫކު ޢަޒީޒް ވިދާޅުވީ އެސްއޯޕީގައި އޮތް ގޮތެއް ހިތްޕުޅުން ވިދާޅުވާން އެނގިވަޑައިނުގަންނަވާ ކަމުގައެވެ. އަދި އެސުވާލުގެ ޖަވާބު ބައްލަވާފައި މާދަމާ ޖަވާބުދެއްވާނެ ކަމުގައިވެސް މަބްރޫކު ވިދާޅުވިއެވެ. މިގޮތަށް އެޗްޕީއޭއިން ޢާންމުކޮށް ޝާއިޢުކޮށްފައިވާ ގައިޑުލައިނެއްގައި ބުނެފައިވީނަމަވެސް މިހާތަނަށް ސަރުކާރުން މަޢުލޫމާތު ދީފައިވާ ގޮތުގައި ހައިރިސްކު ކޮންޓެކްޓު ނުވަތަ ބަލިޖެހުމުގެ ފުރުޞަތު ބޮޑު ކޮންޓެކްޓުންވެސް ޓެސްޓުކުރަމުންދަނީ، ބަލީގެ ޢަލާމާތްތައް ފާޅުވާނަމައެވެ.
މިލިޔުން ކިޔާލުމުން
100 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ