ކައުންސިލް އިދާރާތަކުގެ މަގާމުތަކަށް މުވައްޒަފުން ނަގަން ހުއްދަދީފި

ކައުންސިލް އިދާރާތަކުގެ އިދާރީ އޮނިގަނޑުގައި ހުރި ހުސް މަޤާމުތަކަށް މުވައްޒަފުން ނެގުމާއި އިދާރާތަކަށް އައު މަޤާމު އުފައްދައިދިނުން ވަގުތީ ގޮތުން މަޑުޖައްސާލުމަށް ސިވިލް ސާވިސް ކޮމިޝަނުން އަންގާފައި އޮތް އެންގުން މިއަދު އުވާލައިފިއެވެ.
ސިވިލްސާވިސް ކޮމިޝަނުން ބުނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުން ކަށަވަރުކުރުމުގެ ޚާއްޞަ ޤާނޫނުގެ ދަށުން ލޯކަލް ގަވަރމަންޓް އޮތޯރިޓީން ހޯދަންޖެހޭ ހުއްދައާއި މާލިއްޔަތާބެހޭ ސަރކިއުލަރގެ ދަށުން މިނިސްޓްރީ އޮފް ފިނޭންސުން ހޯދަންޖެހޭ ހުއްދަ ހޯދުމަށް ފަހު، ކައުންސިލްގެ އިދާރާތަކުގެ މަޤާމުތަކަށް މުވައްޒަފުން ހޯދުމުގެ މަސައްކަތް "ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަންކުރުމުގެ މިންގަނޑުތަކާއި ޢުޞޫލުތައް" އާ އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށް ގެންދިޔުމަށް އަންގާ ކަމަށެވެ.
ކައުންސިލް އިދާރާތަކުގެ އިދާރީ އޮނިގަނޑުގައިވާ ހުސް މަޤާމުތަކަށް މުވައްޒަފުން ނެގުން ވަގުތީ ގޮތުން މަޑުޖައްސާލާފައި ވަނީ މިއަހަރުގެ ފެބުރުއަރީ މަހުގެ ހަވަނަ ދުވަހުގައެވެ.
ކައުންސިލްތަކަށް އިދާރީ މުވައްޒަފުން ހޯދުމުގެ ހުއްދަ ސިވިލް ސާވިސް ކޮމިޝަނުން އަލުންދިން އިރު ކޮވިޑް-19 އާއި ގުޅިގެން ހަރަދު ކުޑަކުރުމަށް އެޅި ބައެއް ފިޔަވަޅުތަކަށް މިހާރު އަންނަނީ ލުއިތައް ދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ