ޔާމީން ފަތަން މާފުށީގައި ޓްރެކެއް ހަދަނީ

މަނީލޯންޑަރިން މައްސަލާގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ފެތުމަށް މާފުށީގައި ފަތާ ޓްރެކެއް އެޅުމުގެ މަސައްކަތް ފަށައިފި އެވެ.
ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ މާފުށީ ބިން ހިއްކުމުގެ މަސައްކަތް ކުރިޔަށް ދާތީ މޫދަން އެރެން އޮތް ތަނަށް ބާރު އޮއެވަރެއް އަންނަ ކަމަށާއި އެ ހާލަތުގައި އެތަނަށް އަރަން ރަނގަޅު ނުވާނެ ކަމަށެވެ. އެހެންކަމުން ރައީސް ޔާމީން މޫދަށް އެރޭނެ އިންތިޒާމް ހަމަޖައްސަން ފަތާ ޓްރެކެއް ގާއިމް ކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށް އިމްރާން ވިދާޅުވި އެވެ. 
"ފެތުމުގެ މައްސަލާގައި އަޅުގަނޑު އެތަނަށް ގޮސް ބެލިން. މާފުށި ހިއްކަން ފެށުމުގެ ނަތީޖާއެއް ގޮތުން މޫދަން އެރެން އޮތް ތަނަށް ވަރަށް ބާރު އޮއެވަރެއް އާދޭ. އެހެންވެ އަޅުގަނޑު ދެންނެވިން އަޅުގަނޑަކަށް ނުކެރޭނޭ  ޔާމީން އެތަނަށް މޫދަށް އެރުވާކަށް އެހާލަތުގަ. އެހެންވެ އެތަނުގައި މޫދަށް އެރޭނެ އިންތިޒާމް ހަމަޖައްސާނަމޭ ޓްރެކެއް ކޮންމެވެސް ވަރެއްގެ ހަދާފަ އިންތިޒާމް ގާއިމް ކުރީމަ އެކަން ކުރާން،" އިމްރާން ވިދާޅުވި އެވެ. 
މީގެ އިތުރުން ވެސް ރައީސް ޔާމީންއަށް ފޯރުކޮށްދޭން ޖެހޭ ހުރިހާ ވަސީލަތްތަކާއި ހިދުމަތްތަކެއް ފޯރުކޮށްދެމުން އަންނަ ކަމަށް އިމްރާން ވިދާޅުވި އެވެ. އެގޮތުން ޓީވީ އިން ހުރިހާ ޗެނަލެއް ލިބޭނެ އިންތިޒާމް ހަމަޖައްސަމުން އަންނަ ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ. 
"އަޅުގަނޑުމެން ޔަގީންކަން ދެން އެއްވެސް އަސާސީ ހިދުމަތެއް އުނި ނުކުރާނެ ކަމަށް. އެ ބޭފުޅުން އަޅުގަނޑުމެން ކަން ކުރި ގޮތައް ވުރެ މާ ބޮޑުތަނުން ރަނގަޅަށް ކަން ކުރާނެ ކަން އަދި އެކަން ކުރާޚަން ވެސް އެ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ،" އިމްރާން ވިދާޅުވި އެވެ.
އިމްރާންގެ މި ވާހަކަތަކާ ގުޅިގެން ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު ވިދާޅުވީ ރައީސް ޔާމީންގެ ފަރާތުން ފަތާ ޓްރެކްއަކަށް ނުވަތަ އެހެން ކަމަކަށް ވެސް އެދިފައި ނުވާނެ ކަމަށެވެ. އެހެން ނަމަވެސް އެންމެނަށް ވެސް ލިބޭ ހެއްގުތައް އެމަނިކުފާނަށް ވެސް ލިބެން ޖެހޭ ކަމަށް ޖަމީލު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ