ލިޔުންތެރިންގެ މަސައްކަތުން މުޖުތަމައުގެ ސުލްޙަޔާއި އަމާންކަމަށް ދިރުން ގެނެސްދެއްވާ - އަޝްރަފް

ދިވެހިބަހުގެ ރިވެތި ހަމަތަކާއި އުސޫލުތައް ހިފަހައްޓައިދެއްވުމަށާއި، ލިޔުންތެރިންގެ މަސައްކަތްތަކުން މުޖުތަމައުގެ ސުލްޙަޔާއި އަމާންކަމަށް ދިރުން ގެނެސްދެއްވުމަށް ދިވެހިބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް ޢަލީ ގޮވާލައްވައިފިއެވެ.
އަޝްރަފް މިކަމަށް ގޮވާލެއްވީ މިއަދު ފާހަގަކުރަމުންދާ ދިވެހިރާއްޖޭގެ 27 ވަނަ ލިޔުންތެރިންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚާއްސަ މެސެޖުގައެވެ. ލިޔުންތެރިންގެ ދުވަހުގެ ގޮތުގައި ޖުލައިމަހުގެ 8 ވަނަ ދުވަސް ފާހަގަކުރުމަށް ސަރުކާރުން ކަނޑައެޅުއްވީ، ރާއްޖޭގައި ޗާޕްކޮށްގެން ފުރަތަމަ ޝާއިޢު ކުރެވުނު މަޖައްލާ "އަލްއިޞްލާޙު"ގެ ފުރަތަމަ އަދަދު ނިކުތް ދުވަހާއި ގުޅުވައިގެނެވެ.
ރާއްޖޭގެ ލިޔުންތެރިންގެ ދުވަހާއި ގުޅިގެން ދެއްވި މެސެޖުގައި ދިވެހިބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް ޢަލީ ވިދާޅުވީ، ގައުމީ ފެންވަރުގައި ލިޔުންތެރިންގެ ދުވަހެއް ފާހަގަ ކުރެވެމުން އަންނަތާ 27 އަހަރުވެފައިވާއިރު، އަދުގެ ލިޔުންތެރިކަމުގެ ފޭޑިޔާއި އުސްލޫބު ހުރީ އިއްޔެ އެ ކަންކަން ހުރި ހަމަތަކާއި ވައްޓަފާޅިއަކު ނޫންކަމަށެވެ. އަދި އިއްޔެ ލިޔުންތައް ނުކުތީ ޗާޕުވެގެންކަމަށާއި، މިއަދު ކުޑަ ސިކުންތެއްގެ ތެރޭ ލިޔުންތައް އެކިއެކި މަންސަތަކުގައި އާންމުވާކަމަށެވެ. މިއަދު ބަސް ބުނާތާ ހިނދުކޮޅެއް ނުވަނީސް އެ ބުނި ބަހެއް ފެންނަކަމަށާއި އިވޭކަމަށް އަޝްރަފް ވިދާޅުވިއެވެ. އަދި އަވަސްއަވަހަށް ބަދަލުވެ ފެތުރި ފުޅާވެ އާންމުވަމުންދާ މީސްމީޑިޔާއާއި މާސްމީޑިޔާގެ ސަބަބުން ލިޔުންތެރިކަން މިއަދު ވަރަލައި އުދުހެމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ފަންނިއްޔާތުގެ ރޮނގުތަކުން އަންނަ ކުރިއެރުން ބޮޑެތި ގައުމުތައް ދެކޭތާ ކުޑަ ހިނދުކޮޅެއްގެ ތެރޭ ދިވެހިރާއްޖެވެސް އެ ކަމެއް ތަޖުރިބާކުރާކަން ފާހަގަކުރެއްވިއެވެ.
އަޝްރަފް ވިދާޅުވީ، މިފަދަ ބަދަލުތަކާއެކު، ލިޔުންތެރިންގެ މަސައްކަތުގައި ކޮންމެހެން ހިފަހައްޓާން ޖެހޭ އަސާސްތަކެއް އެބަ ހުރިކަމަށެވެ. އެގޮތުން ބަހުގެ ހަމަތާއި ބަހަވީ ސިންދަފާތަށް ދޭން ޖެހޭ އިސްކަމާއި އަހައްމިއްޔަތަށް ސަމާލުކަންދޭންޖެހޭކަމަށް އަޝްރަފް ވިދާޅުވިއެވެ. އަދި ކުށް ނުލައި ސާފު ރީތި ދިވެހިބަހުން ބަޔާން ކުރުމުގެ އުސޫލު ހިފެހެއްޓުމާއި، ބަހާއި އަދަބުގެ ސައްހަ ފޭރާމުގައި މައުލޫމާތު އާންމުކޮށް ފެތުރުން މުހިއްމުކަމަށް އަޝްރަފް ވިދާޅުވިއެވެ.
ލިޔުންތެރިކަމަކީ ޙަޟާރަތެއްގެ ތަހުޒީބާއި ތަމައްދުންގެ މައި އަސާސްކަން ފާހަގަކުރައްވާ އަޝްރަފް ވިދާޅުވީ، ލިޔުމާ ނުލައި ހަރުދަނާ ނިޒާމެއް އެއްވެސް ހައިސިއްޔަތަކުން އެއްވެސް ނަޒަރަކުން ގާއިމެއް ނުވާނެކަމަށެވެ. އަދި ލިޔުމުގެ ނިޒާމެއް ނެތި މީސްތަކުންގެ ޖަޒުބާތެއް ރަމްޒެއް ނުވާނެކަމަށާއި، ލިޔުންތެރިކަމަކީ ރަސްމީ މުއާމަލާތުގެ އަސާސީ ރުކުނެއްކަމަށް ވިދާޅުވިއެވެ. ހަރުދަނާ ކޮންމެ ޙަޟާރަތެއްގައި މި އަސާސަށް ވަރަށް ބޮޑު އިސްކަމެއް ދީފައިވާކަން ފާހަގަކުރައްވާ، ލިޔުމާ ނުލައި މިއަދު މާދަމާއަށް ނުދެއްކޭނެކަމަށާއި، އިއްޔެ މިއަދަށް ނުބުނެދެވޭނެކަމަށް ބަހުގެ އެކެޑަމީގެ ރައީސް ވިދާޅުވިއެވެ. އަދި މި ސަބަބަށްޓަކާ ލިޔުމާއި ލިޔުންތެރިކަމާއި ލިޔުންތެރިންގެ ޚިދުމަތް ކޮންމެ އިރަކަށްވެސް، ކޮންމެ ޒަމާނަކަށްވެސް ކޮންމެ ޤައުމަކަށް ބޭނުންވާކަމަށް އަޝްރަފް ވިދާޅުވިއެވެ.
ގައުމެއްގެ ތަރައްޤީއާއި ތަހުޒީބުގައި ލިޔުންތެރިން އަދާކުރާ ދައުރު ގުޅިފައިވަނީ މުޖުތަމަޢުގެ ވިންދާއި، އާންމު ރައްޔިތުންގެ ހިތާކަން ފާހަގަކުރައްވާ، އަޝްރަފް ވިދާޅުވީ، ލިޔުންތެރިންނަކީ ގައުމުގެ މަސްލަޙަތާއި އިޖުތިމާޢީ އަދާލަތާއި، މުޖުތަމަޢުގެ ޞުލްޙަޔާއި ގުޅިފައިވާ މުހިއްމު ބައެއްކަމަށެވެ. އަދި ލިޔުންތެރިންގެ ނުފޫޒު ގަދަ މަސައްކަތްޕުޅުގައި ދިވެހިބަހުގެ ރިވެތި ހަމަތަކާއި އުސޫލުތައް ހިފަހައްޓަވައި ދެއްވާ، ބަހުގެ ރީތި ފަރާތް ލިޔުންތަކުން ހާމަކޮށް ދެއްކެވުމަށް އަޝްރަފް ގޮވާލެއްވިއެވެ. ޚަބަރާއި މައުލޫމާތު ފެތުރުއްވުމުގައްޔާއި އެކިއެކި އަދަބީ ލިޔުންތަކުގައިވެސް މި ހަމަ ހިފަހައްޓަވައި ދެއްވުމަށާއި، ލިޔުންތެރިންގެ މަސައްކަތްތަކުން މުޖުތަމައުގެ ސުލްޙަޔާއި އަމާންކަމަށް ދިރުން ގެނެސްދެއްވުމަަށްވެސް އަޝްރަފް ވަނީ ލިޔުންތެރިންނަށާއި، ލިޔުންތެރިކަމަށް ލޯބިކުރައްވާ އެންމެހައި ފަރާތްތަކަށް ގޮވާލައްވާފައެވެ.
ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ލިޔުންތެރިންގެ ދުވަހެއް ފާހަގަކޮށްފައިވަނީ ހިޖްރައިން 18 މުޙައްރަމް 1414، މީލާދީން 8 ޖުލައި 1993 ގައެވެ. މި އަހަރު މި ފާހަގަ ކުރަނީ 27 ވަނަ ލިޔުންތެރިންގެ ދުވަހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ