މެލޭޝިޔާ ކުންފުންޏަށް އެޗްޑީސީން 352 މިލިއަން ރުފިޔާ ދައްކަން ޖެހިއްޖެ

މެލޭޝިޔާގެ ޑަބްލިއު.ޒެޑް.އާރް ޕްރޮޕަޓީއާ ހަވާލުކުރެވުނު 25 ބުރީގެ އިމާރާތް އެޅުމަށް އެކުންފުނިން މިހާތަނަށް ކުރި މަސައްކަތަށް ދޭން ޖެހޭ ފައިސާ ދިވެހި ސަރުކާރުން ނުދީގެން އޭޝިއަން އިންޓަނޭޝަނަލް އާބިޓްރޭޝަން ކޯޓަށް ހުށައެޅި މައްސަލަ ދިވެހި ސަރުކާރާ ދެކޮޅަށް ނިމި، 352 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދައްކަން ހުކުމްކޮށްފިއެވެ.
މިއިމާރާތް އަޅަން ބިޑަކާ ނުލާ މެލޭޝިޔާ ކުންފުންޏާ ހަވާލުކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. އެކުންފުނިން ބުނީ އިމާރާތުގެ ފުރަތަމަ މަރުހަލާގެ މަސައްކަތް ނިމުމުން، އެޗްޑީސީން ދައްކަން ޖެހޭ ފައިސާގެ އެއްވެސް މިންވަރެއް ލިބިފައިނުވާ ކަމަށެވެ.
އަދި ކޯޓަށް މައްސަލަ ހުށައެޅީ މިކަމާ ގުޅިގެން ދިވެހި ސަރުކާރުގެ އެއްބާރުލުން ނުލިބި ލަސްވުމާ ގުޅިގެން ކަމަށް މެލޭޝިޔާ ކުންފުނިން މައްސަލަ ހުށައެޅި އިރު ބުނެފައިވެއެވެ. އެއީ މިދިޔަ އަހަރު ސެޕްޓެމްބަރު މަހު ތެރޭގައެވެ.
ކޯޓުން ހުކުމް ކުރީ، 2018 ވަނަ އަހަރު ފޮނުވި ބިލުތަކަށް ލިބުނު ފައިސާ، މިހާރުގެ އެކްސްޗޭންޖް ރޭޓާ އެއްވަރަށް ހަމަކޮށް ދެއްކުމަށެވެ. އެއީ 22 މިލިއަން ޑޮލަރެވެ.
މެލޭޝިޔާ ކުންފުނިން ބުނެފައިވަނީ އިމާރާތް ނޭޅުމަށް މިސަރުކާރުން ނިންމީ، އިމާރާތުގެ 20 ޕަސެންޓު މަސައްކަތް ނިމިފައިވަނިކޮށް ކަމަށެވެ. އަދި ޕައިލިންގެ 60 ޕަސެންޓު މަސައްކަތް ނިމިފައިވާނެ ކަމަށެވެ. އެއްބަސްވުމުގައި އެ މަސައްކަތް ނިމުމުން އެޗްޑީސީން ދައްކަން ޖެހޭ ފައިސާ ދެއްކުމުން މަސައްކަތް ކުރިއަށްދާނެ ގޮތަށް އޮތް ނަމަވެސް މިސަރުކާރު އައިސް ވަނީ އެ ޕްރޮޖެކްޓު ހުއްޓާލާފައެވެ.
އަދި މެލޭޝިޔާ ކުންފުންޏަސް ދައްކަން ޖެހޭ ފައިސާ ނުދައްކާ ހިފަހައްޓާފައެވެ. އެކުންފުނިން ބުނީ މިސަރުކާރުގެ އިސް އެއްވެސް ވެރިޔެއް، ޕްރޮޖެކްޓު ހުއްޓާލީ ކީއްވެކަން ވެސް އަންގާފައިނުވާ ކަމަށެވެ. އަދި ފޮރިން މިނިސްޓަރާއި ފިނޭންސް މިނިސްޓްރަށް ސިޓީ ފޮނުވައިގެން ޖަވާބެއް ހޯދަން ކުރި މަސައްކަތް ވެސް ކާމިޔާބު ނުވި ކަމަށް ކުންފުނީގެ ޗެއާމަން ކުރިން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ