ރައްޔިތުން އަތް ދޮންނަން ވައްދާފައި، ސަރުކާރުން ދައުލަތް ދޮވެލައިފި

ކޮވިޑް-19 އާއި ގުޅިގެން ރައްޔިތުން އަތް ދޮންނަން ވެއްދުމަށްފަހު، ސަރުކާރުން މުޅި ދައުލަތް ދޮވެލައިފި ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް މިހެން ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން ހެލްތު މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީން ހަރަދުކޮށްފައިވާ ގޮތުގެ އޮޑިޓް ރިޕޯޓާއި ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައިގެ ބަހުސް ކުރައްވަމުންނެވެ.
ޝިޔާމް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދިވެހި ރައްޔިތުން ގެއަށް ވައްދައި، ގައިދިރުކޮށް ތިބެ އަތް ދޮންނަން ވިދާޅުވި ކަމަށާއި ރައްޔިތުން އަތް ދޮންނަން ވެއްދުމަށްފަހު ސަރުކާރުން މުޅި ދައުލަތް ދޮވެލިތަން ފެނިގެން ގޮސްފައިވާ ކަމަށެވެ.
"ރައްޔިތުން އަތް ދޮންނަން ވައްދާފައި މުޅި ދައުލަތެއް ދޮވެލީ" ޝިޔާމް ވިދާޅުވިއެވެ.
ހެލްތް މިނިސްޓްރީ ޓޫރިޒަމް މިނިސްޓްރީގެ އިތުރުން ފިނޭންސް މިނިސްޓްރީގެ މައްސަލަ ވެސް މީގައި އެބައޮތް ކަމަށާއި އެގޮތުން ގެރެންޓީ އަކާއި ނުލައި ވެންޓިލޭޓަރުގެ ގަތުމުގެ ޖުމްލަ އަގުގެ 90 ޕަސެންޓަށްވާ ފައިސާ ފިނޭންސް މިނިސްޓަރު ދޫކުރަންޖެހޭ ސަބަބާއި މެދު ޝިޔާމް ވަނީ ސުވާލު އުފައްދަވާފައެވެ.
އަދި މިކަންކަން ކުރުމަށް އެޓާނީ ޖެނެރަލް ވެސް ލަފާދެއްވާފައިވާ ކަމަށާއި މަޖިލީހުން ހަދާ ގާނޫނުތަކާއި ހިލާފަށް އޭޖީ އަށް ދެއްވޭނެ ލަފާއެއް ނޯންނާނެ ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.
މީގެއިތުރުން ޝިޔާމް ވަނީ ފޮރިން މިނިސްޓްރީގެ އޮޑިޓް ރިޕޯޓެއް ވެސް އެބައޮތް ކަމަށާއި ނަމަވެސް އެ ރިޕޯޓު ހާމަނުކުރަނީ އިންތިހާއަށް ވައްކަން ހިނގާފައިވާ ކަމަށް އެ ރިޕޯޓުގައި ބުނާތީ ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ. އަދި އެ ރިޕޯޓު ހާމަކުރެވޭނެ ގޮތެއް ހަދައިދިނުމަށް މަޖިލީހުގެ ރައީސްގެ ކިބައިން ޝިޔާމް ވަނީ އެދިވަޑައިގެންފައެވެ.
އަދި ކޮވިޑްގެ ކަންކަމަށް ސަރުކާރުން 1 ބިލިއަން ރުފިޔާ ހަރަދުކުރި ކަމަށް ވަޒީރުން ވިދާޅުވަމުންދާ ކަމަށާއި ނަމަވެސް ހިލޭ މާސްކެއް ވެސް ރަށްރަށަށް ނުލިބޭ ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ