އޮލިންޕިކް ކޮމެޓީ ފަޅާލައި ބައެއް ތަކެތި ވަގަށް ނަގައިފި

ހެންވޭރު ބޯޅަ ގޭގައި ހުންނަ އޮލިންޕިކް ކޮމިޓީގެ އޮފީހާއި އެ އިމާރާތުގައި ހުންނަ ދެ ގުދަނެއް ރޭގެ ވަގުތެއްގައި ބަޔަކު ފަޅާލައި ކޮމިޓީގެ ތެެރެއިން ބައެއް ތަކެތި ވަގަށް ނަގައިފި އެވެ.
މޯލްޑިވްސް އޮލިންޕިކް ކޮމިޓީގެ ޖެނެރަލް ސެކެޓްރީ މުހައްމަދު މަރުޒޫހު (މަރޭ) މިއަދު ވިދާޅުވީ އެ ކޮމިޓީގެ ކުޑަދޮރެއް ފަޅާލައިގެން ބަޔަކު ވަދެ ކޮމެޓީގެ މީޓިން ރޫމްގައި އޮތް ލެޕްޓޮޕަކާއި ޕްރޮޖެކްޓަރެއް ވަގަށް ނަގާފައިވާ ކަމަށާއި އޮފީސް ފަޅާލާފައިވާކަން އެނގުނީ މިއަދު ހެނދުނު އޮފީހަށް ދިޔައިރު އޮފީސް ތެރޭގައި ހުރި ފައިލްތައް ހާވައި ވަތްގަނޑުތައް ހުޅުވާފައި ހުރުމުން ކަމަށެވެ.
އޭނާ ވިދާޅުވީ އޮފީހުގައި ފައިސާ ބަހައްޓާފައި ނުހުންނާނެ ކަމަށެވެ.
"އޮފީސް ތެރެ ފަޅައިލައިގެން ވަދެ ފައިލްތައް ހުރީ ވަރަށް ބޮޑަށް ހާވާފައި. ފޮރެންސިކް ޓީމުން އައިސް ޗެކްކުރި ކުރުމުން އެނގުނީ ގެއްލިފައި ހުރީ ލެޕްޓޮޕަކާއި ޕްރޮޖެކްޓަރެއްކަން،" މަރޭ ވިދާޅުވި އެވެ.
މަރޭ ވިދާޅުވީ ރޭގެ ވަގުތެއްގައި އޮލިންޕިކް ކޮމިޓީގެ އޮފީހުގެ އިތުރުން ބޯޅާގޭގެ ފަސްޓް ފްލޯގައި ހުންނަ އެކޮމިޓީގެ ގުދަނަކާއި ޔޫތު މިނިސްޓްރީގެ ގުދަނެއްގެ ވެސް ކުޑަދޮރު ހަލާކޮށްލައިގެން ބަޔަކު ވަދެފައިވާ ކަމަށެވެ. ނަމަވެސް އެތަންތަނުން އެއްވެސް އެއްޗެއް ގެއްލިފައިވާ ކަމެއް އަދި އެނގިފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ