ސީމެގުން އަޅާނެ ފިޔަވަޅަކާމެދު ސަރުކާރުގެ ކަންބޮޑުވުމެއް ނެތް: އައްބާސް

ކޮމަން ވެލްތު މިނިސްޓްރިއަލް އެކްޝަން ގުރޫޕް (ސީމެގުން) ރާއްޖެއާ މެދު އަޅާފާނެ ފިޔަވަޅަކާ މެދު ސަރުކާރުގެ ކަންބޮޑުވުމެއް ނެތްކަމުގައި ރައީސް އޮފީހުން ބުނެފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އައްބާސް އާދިލް ރިޒާ މިއަދު ވިދާޅުވީ ރައީސުލްޖުމުހުރިއްޔާ އުފައްދަވާފައިވާ އިންކުއަރީ ކޮމިޝަން މިނިވަން ނޫންކަމަށް ބުނެ ސީމެގުން އަޅައިފާނެ ފިޔަވަޅަކަށް ސަރުކާރުން މާބޮޑަށް ކަންބޮޑު ނުވާ ކަމަށާއި ނަމަވެސް ރާއްޖޭގެ ނަން ހުތުރުވާ ފަދަ ކަމެއް އަންނަ ނަމަ އެކަމާ މެދު ސަރުކާރު ވިސްނައި ސުލަހްވެރިކަމާ އެކު އެކަމެއްގައި ހަމަޖެހޭ ގޮތެއް އޮތްތޯ ސަރުކާރުން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
"މިއަކީ ސަރުކާރުން އެހާ ބޮޑަށް ކަންބޮޑުވާކަމެއް ނޫން. ރާއްޖޭގެ އިދިކޮޅު ބައެއް ފަރާތްތަކުން މިކަން މާބޮޑު ކަމެއްގެ ގޮތުގައި ދެކެމުން ދިޔަސް ދައުލަތުގެ ހައިސިއްޔަތުން އެހާ ކަންބޮޑުވާ ކަމެއް ނޫން،" އައްބާސް ވިދާޅުވި އެވެ.
ސީމެގުން މިދިޔަ މަހު ރާއްޖެއާ ގުޅޭ ގޮތުން ނެރެފައިވާ ރިޕޯޓްގައި ބުނެފައި ވަނީ ވެރިކަން ބަދަލުވި ގޮތް ބެލުމަށް އުފެއްދި ނެޝަނަލް އިންކުއަރީ ކޮމިޝަނަކީ މިނިވަން ކޮމިޝަނެއް ނޫން ކަމަށާއި އެކޮމިޝަން ހަތަރު ހަފުތާގެ ތެރެގައި އަލުން ކޮމިޝަން އެކުލަވައި ނުލައިފި ނަމަ އެ ޖަމާއަތުން ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.
ސީމެގުން އިންކުއަރީ ކޮމިޝަނަށް ބަދަލު ގެންނަން ދީފައިވާ މުއްދަތު މާދަމާ ހަމަވާއިރު ރާއްޖޭގެ ކަންކަން އޮބްޒާވުކުރަން ކޮމަން ވެލްތުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ މަންދޫބު ސާ ޑޮން މެކެނެން ރާއްޖޭގެ ސިޔާސީ ޕާޓީތަކާއި ސަރުކާރާ އެކު ވަނީ މަޝްވަރާތަކެއް ކުރައްވާފަ އެވެ. އިންކުއަރީ ކޮމިޝަނަށް އިތުރު މެންބަރުން ހުށަހެޅުމަށް ސަރުކާރުން އެއްބަސްވެފައިވާ ކަމަށް ސިޔާސީ ޕާޓީތަކުން ބައިވެރިވެ ވަޑައިގެންނެވި ބޭފުޅުންވަނީ ވިދާޅުވެފަ އެވެ.
އައްބާސް ވިދާޅުވީ ކޮމިޝަނާ ގުޅޭ ޝަކުވާތައް އެކިއެކި ފަރާތްތަކުން ހުށެއެޅުމުން ކޮމިޝަނުގެ ކަންކަން އޮބުޒާވް ކުރުމުގެ ފުރުސަތު ވެސް ހުޅުވާލެވިފައިވާ ކަމަށާއި ކޮމިޝަނުގައި ތިއްބެވި މެންބަރުންނާއި މެދު ބަޔަކު ހިންހަމަނުޖެހުން ފާޅުކުރި ނަމަވެސް މިހާރު އެތިއްބެވި ތިން ބޭފުޅުންނަކީ ރާއްޖެ އިން ނެގެންތިބި ވަރަށް ގާބިލް ބޭފުޅުން ކަމަށެވެ.
"ދިވެހި ސަރުކާރުން ވަނީ އދ. ގައާއި ކޮމަންވެލްތުގައި ވެސް ޓެކްނިކަލް އެސިސްޓެންޓް ދުނިޔޭގެ ފެންވަރުގެ ފަނޑިޔާރުކަން ކުރައްވާ ފައިވާ ބޭފުޅުންގެ ފަންނީ ލަފާ ހޯއްދަވައި ދެއްވުމަށް ވެސް އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވާނީ އެދިފައި. އެހެންވީމާ މިހާރުގެ ވާހަތަކުގެ ނަތީޖާއެއްގެ ގޮތުން އެފަދަ އެހީތެރިކަމެއް ލިބިގެން ދިއުމަކީ ސަރުކާރު އެދޭ ގޮތް،" އައްބާސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ