އޮބާމާ އާއި ރައީސް ޑރ ވަހީދު ބައްދަލު ކުރައްވައިފި

އެމެރިކާގެ ނިއުޔޯކުގައި މިހާރު ކުރިއަށްދާ އދ.ގެ ޖެނެރަލް އެސެމްބްލީގެ ތެރެއިން ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙަންމަދަ ވަޙީދު ޙަސަން މަނިކު މިއަދު އެމެރިކާގެ ރައީސް ބަރަކް އޮބާމާއާ ބައްދަލު ކުރައްވައިފިއެވެ.
ރަޢީސް ވަހީދު ކުރެއްވި ޓުވީޓެއްގައި މިއަދު ވިދާޅުވެފައިވަނީ މިބައްދަލު ވުމުގައި ރާއްޖޭގެ ރައްޔިތުންނަށް ރައީސް އޮބާމާ ހެޔޮ އެދުން ފޮނުއްވާފައިވާ ކަމަށެވެ.
މިބައްދަލުވުމުން ކުރިއަށް ދިއައީ ރައީސުލް ޖުމްހޫރިއްޔާ އދ.ގެ ޖެނެރަލް އެސެމްބްލީގައި ވާހަކަފުޅު ދެއްކެވިތާ ކުޑަ އިރުކޮޅެއް ފަހުން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އައްބާސް އާދިލް ރިޒާ ވިދާޅުވިއެވެ. އަދި ރާއްޖެ ފަދަ ކުދި ޤައުމުތަކުން ޑިމޮކްރަސީއާއި ޤާނޫނު އަސާސީ ދެމެހެއްޓުމަށް ކުރާ މަސައްކަތަށް އެމެރިކާއިން ބަލައިގަންނަ ކަން މިކަމުން ދޭހަވާކަމަށް ވެސް އައްބާސް ވިދާޅުވިއެވެ.
އައްބާސް ވިދާޅުވީ މިބައްދަލުވުމުގައި އެމެރިކާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުމުގެ މައްޗަށް އޮބާމާ ވާހަކަފުޅު ދެއްކެވި ކަމަށެވެ.
މީގެ އިތުރުން ރައީސުލް ޖުމްހޫރިއްޔާ އިއްޔެ އދ ގެ ސެކެޓްރީ ޖެނެރަލް ބަންކީ މޫންއާ ބައްދަލު ކުރައްވާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވެފައިވެއެވެ. ރައީސް ވަނީ އދ. ގެ އާންމު ބައްދަލުވުމުގައި އިއްޔެ ތަގްރީރު ކުރައްވައި ގައުމުތަކަށް ބޮޑެތި ބައެއް ގައުމުތަކުން ފޯރުވާ ނުފޫޒުތަކުގެ މައްޗަށް ވާހަކަފުޅު ދައްކަވާފައެވެ. އަދި ކުދި ގައުމުތަކަށް ބައިނަލްއަގްވާމީ މައިދާނުގައި އިންސާފު ލިބެނީ ކުޑަކޮށް ކަމަށާއި އެކަމާ ހިތާމަކުރައްވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ