ކުރިއަށްއޮތް 24 ގަޑިއިރުގެ ތެރޭގައި ލަންކާގެ ސަލާމަތީ ބާރުތަކުގެ އިސްވެރިން ބަދަލުކުރަނީ

ކުރިއަށްއޮތް 24 ގަޑިއިރުގެ ތެރޭގައި ސްރީލަންކާގެ ސަލާމަތީ ބާރުތަކުގެ އިސްވެރިން ބަދަލުކުރުމަށް ނިންމައިފިއެވެ.
ލަންކާގެ ސަލާމަތީ ބާރުތަކުގެ އިސްވެރިން ބަދަލުކުރުމަށް ނިންމެވިކަން އެ ގައުމުގެ ރައީސް މައިތުރިޕާލާ ސިރިސޭނާ އިއުލާންކުރެއްވީ ލަންކާއަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ގައުމާ މުހާތަބުކުރައްވައި، ދެއްކެވި ވާހަކަފުޅުގައެވެ.
ސިރިސޭނާ ވިދާޅުވީ ކުރިއަށްއޮތް ތަނުގައި ޓެރަރިސްޓު ހަމަލާތަކުން ސަލާމަތްވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުގައި ޕޮލިސް ޑިޕާޓްމަންޓް އަދި ދިފާއީ ބާރުތަކަށް ބަދަލުތަކެއް ގެންނާނެ ކަމަށެވެ.
ލަންކާގައި ދިން ބުމުގެ ހަމަލާގައި 300 އަށްވުރެ ގިނަ މީހުން މަރުވެފައިވާ އިރު، އޭގެ ތެރޭގައި ބޭރު ގައުމުތަކުގެ މީހުން ވެސް ހިމެނެއެވެ. ހާލު ދެރަ ބައެއް މީހުންނަށް އަދިވެސް ފަރުވާދެމުން އަންނާތީ މަރުވި މީހުންގެ އަދަދު އަދިވެސް މައްޗަށް ދާނެ ކަމަށް ލަފާކުރެވެއެވެ.
އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމިއްޔާ އިން މި ހަމަލާތަކުގެ ޒިންމާ އުފުލި ނަމަވެސް، ލަންކާގެ މާސް މީޑިއާ މިނިސްޓަރު، ރުވާން ވިޖޭވަރްދަނާ މިއަދު ވިދާޅުވީ މި ހަމަލާތައް ދީފައި ވަނީ، ލަންކާގެ މުސްލިމް ޖަމާއަތެއް ކަމަށްވާ ނެޝަނަލް ތައުހީދު ޖަމާއަތުން ކަމަށް މިހާތަނަށް ކުރި ތަހުގީގުތަކުން އެނގިފައިވާ ކަމަށެވެ. އަދި ލަންކާގައި އެ ޖަމާއަތުގެ ހަރަކާތްތައް ހިންގުން މަނާކޮށް ޓެރަރިސްޓު ޖަމާއަތެއްގެ ގޮތުގައި ލިސްޓު ކުރުމަށް ވެސް އޭނާ ވަނީ ގޮވާލައްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ