ޔާމީން އަނެއްކާވެސް އައިޖީއެމްއެޗަށް ގެނެސްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަނެއްކާވެސް މިރޭ އައިޖީއެމްއެޗަށް ގެނެސްފިއެވެ.
ޔާމީން މިރޭ އައިޖީއެމްއެޗަށް ގެނެސްފައިވާއިރު އެމަނިކުފާނު އެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮންނެވުމަށްފަހު ޖަލަށް އަނބުރާ ގެންދިޔައީ މިއަދު ހެނދުނެވެ.
އައިޖީއެމްއެޗަށް ގެނެސް ޔާމީން އެޑްމިޓްކުރީ ހިތުގެ އާލާސްކަންފުޅަކާ ގުޅިގެންނެވެ. މިއީ ޖަލަށްލިފަހުން ޔާމީން އައިޖީއެމްއެޗަށް ގެނައި ތިން ވަނަ ފަހަރުއެވެ.
ޔާމީން މިރޭ އައިޖީއެމްއެޗަށް ގެނެސްފައިވާއިރު މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕްރޮގްރެސިވް ކޯލިޝަނުން ވަނީ އެމަނިކުފާނުގެ ހާލު ރަނގަޅު ނޫން ކަމަށް ބުނެފައެވެ. އަދި ގޭ ބަންދަށް ޔާމީން ބަދަލުކުރައްވައިގެން ތަހުގީގު ކުރިއަށް ގެންދެވުމަށް ވެސް އެ ބޭފުޅުން ވަނީ ސަރުކާރަށް ގޮވާލާފައެވެ.
"ޔާމީންގެ ސިއްހީ ހާލުކޮޅު މިވަގުތު ހުރި ގޮތުން ސަރުކާރަށް ގޮވާލަން ތަހުގީގު ކުރިއަށްދާއިރު ވެސް އެމަނިކުފާނަށް ގޭގައި ބަހައްޓައިދިނުމަށް. ހެއްކެއް ފޮރުވަން އުޅޭ ބޭފުޅެއް ނޫނޭ ރައީސް ޔާމީނަކީ. ތަހުގީގު ކުރިއަށް ނުގެންދާކަށް އަޅުގަނޑުމެން ނުގޮވަން" ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވިއެވެ.
ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތް ނިމެންދެން އެމަނިކުފާނު ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކުރީ އެ މައްސަލާގެ ހިމެނޭ ހެކިންނަށް ނުފޫޒު ފޯރުވާ ކަމުގެ ތުހުމަތުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ