ބިގަށް ފައިސާ ދިނުމުގެ ލަފާ އޭޖީ ރިވިއު ނުކުރި މައްސަލައިގައި ސުވާލު އުފައްދައިފި

ސާވިސް މީޑިއާ (ޕީއެސްއެމް)އިން ބިޒްނަސް އިމޭޖް ގްރޫޕް(ބިގް)އަށް 30 މިލިއަން ރުފިޔާ ދޫކުރީ ކުރީގެ ސަރުކާރުގައި އެޓާނީ ޖެނެރަލްގެ އޮފީހުން އެ ކުންފުންޏަށް ދީފައިވާ ލަފަޔަކަށް ބުރަވެ، ކަމަށް އެޓާނީ ޖެނެރަލް ވިދާޅުވުމުން އެކަމާ މެދު މަޖިލީހުގެ ތަޅުމުގައި ސުވާލު އުފައްދައިފި އެވެ. އެޓާނީ ޖެނެރަލް، އިބްރާހިމް ރިފްއަތު މިއަދު މަޖިލީހަށް ހާޒިރުކޮށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ސުވާލު ކުރެއްވީީ، ބިގްއަށް ދޭން ހުކުމްކޮށްފައިވާ 78 މިލިއަން ރުފިޔާގެ ތެރެއިން 30 މިލިއަން ރުފިޔާ ބިގްއަށް ދޫކުރުމުގައި ކަން ހިނގާފައިވާ ގޮތް ސާފުކުރުމަށެވެ. މެންބަރު ޖާބިރުގެ އެ ސުވާލާ ގުޅިގެން އެޓާނީ ޖެނެރަލް، ރިފްއަތު ވިދާޅުވީ ބިގްއަށް ފައިސާ ދޫކުރުމަށް ސިވިލް ކޯޓުން ކޮށްފައިވާ ހުކުމަކީ ދައުލަތަށް ރައްދުވާ ގޮތަށް އޮތް ހުކުމެއް ނޫން ކަމަށާއި އެހެން ކަމުން އެ މައްސަލައިގައި ކޯޓްތަކުގައި ވަކާލާތުކޮށް ޖަވާބުދާރީވާން ޖެހޭނީ، އެކަން ރައްދުވާ ކުންފުނިން ކަމަށެވެ. އަދި އެ އުސޫލުގެ ދަށުން އެޓާނީ ޖެނެރަލްކަމާ ހަވާލުވި ފަހުން، ބިގްއަށް އެއްވެސް ފައިސާއެއް ދޫކުރަން ބަންޑާރަ ނައިބުގެ އޮފީހުން ދީފައިވާ އެއްވެސް ލަފައެއް ނޯންނާނެ ކަމަށް ވެސް ރިފްއަތު ވިދާޅުވި އެވެ. އެހެން ނަމަވެސް، އޭނާ ވިދާޅުވީ އެމްއެންބީސީ އުވާލައި އެމްބީސީ އުފެއްދުމުގެ ގާނޫނު ފާސްވުމާ އެކު ޕްރައިވެޓައިޒޭޝަން ބޯޑުން އެދިގެން 22 ސެޕްޓެމްބަރު 2016 ގައި އޭރުގެ އެޓާނީ ޖެނެރަލްގެ އޮފީހުން ޑެޕިއުޓީ އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ސޮއިކުރައްވާ ލަފާދެއްވާފައި އޮތީ، އެމްބީސީ އާއި އެމްއެންބީސީ އުވާލުމުން އެ ކުންފުނީގެ ދަރަންޏާއި ހުރިހާ ޒިންމާތަކެއް ޕީއެސްއެމްއިން ނަގަން ޖެހޭ ކަމަށެވެ. އަދި ޕީއެސްއެމްއިން ފައިސާ ދޫކުރީ އުޝާމް ސޮއިކުރައްވާ ދެއްވި އެ ލަފާގެ މައްޗަށް ބުރަވެ ކަމަށް ވެސް ރިފްއަތު ވިދާޅުވި އެވެ. "އެ ލަފާ އަރުވާފައި ވަނީ 22 ސެޕްޓެމްބަރު 2016 ގައި. އެ ބޯޑަށް ފޮނުވި ސިޓީގައި ސޮއި ކުރައްވާއި ވަނީ ޑެޕިއުޓީ އޭޖީ އަހުމަދު އުޝާމް. އެހެންވެ އެ ކުންފުންޏަށް ފައިސާ ދޫކޮށްފައި ވަނީ އަހުމަދު އުޝާމްގެ ލަފާގެ މަތިން،" ރިއްފަތު ވިދާޅުވި އެވެ. އެކަމާ ގުޅިގެން ވިލިމާލެ ދާއިރާގެ މެންބަރުކަން މިހާރު ފުރުއްވަމުން ގެންދަވާ އުޝާމް ސުވާލުކުރަން ލިބުނު ފުރުސަތުގައި ރިފްއަތާ ސުވާލު ކުރެއްވީ، އޭނާގެ މަގާމު ހައިސިއްޔަތުން އޭޖީ އޮފީހުން ދީފައިވާ އެ ލަފާ ގޯސް ނަމަ، ރިވިއު ނުކުރެއްވީ ކީއްވެގެން ތޯ އެވެ. އަދި މީގެ ކުރިން އޭޖީ އޮފީހުން ދީފައިވާ އެތައް ލަފައެއް ރިފްއަތު އޭޖީ ކަމާ ހަވާލުވެ ރިވިއު ކުރެއްވި ކަން ވެސް އުޝާމްގެ ސުވާލުގައި ފާހަގަ ކުރެއްވި އެވެ. އެހެން ނަމަވެސް، ރިޔާސަތުން ވަނީ އުޝާމްގެ ވާހަކަތަކަށް ހުރަސްއަޅައިފަ އެވެ. "އަޅުގަނޑު އޭޖީ އޮފީހުގައި 10 އަހަރުވީއިރު 100 އެތައް ލަފައެއްގައި ސޮއިކުރިން. އެކަމަކު އޭގެ އެތައް ލަފައެއް ހުރީ މަނިކުފާނު އޭޖީ ކަމަށް ވަޑައިގެން ބަދަލުކޮށްފައި. ޖީއެމްއާރުގެ ޓެކްސް ދެއްކުމާއި ޓީޖީޓީގެ ލަފާވެސް މަނިކުފާނު ރިވިއު ކުރައްވާފައިވޭ. ކީއްވެތޯ މި ލަފާ ނުކުރެއްވީ؟،" އުޝާމް ސުވާލު ކުރެއްވި އެވެ. އެކަމާ ގުޅިގެން އޭޖީ ރިފްއަތު ސީދާ އެ ސުވާލަށް ޖަވާބު ނުދެއްވާ ވިދާޅުވީ އުޝާމްގެ ސުވާލަކީ މިއަދުގެ މައުލޫއާ ގުޅުން ނެތް ސުވާލެއް ކަމަށެވެ. އަދި ވިދާޅުވީ ބިގްއަށް ފައިސާ ދިނުމުގެ މައްސަލައަކީ ދައުލަތަށް ދައުވާ ލިބޭ މައްސަލައަކަށް ނުވާތީ، އޭޖީ އޮފީހުން ދީފައި އޮތް ލަފައެއް ރިވިއުކުރަން ވިސްނަން ޖެހޭ ހުއްޖަތެއް ނޯންނާނެ ކަމަށެވެ. ސިވިލް ކޯޓުން ޖޫން، 7، 2016 ގައި ހުކުމް ކޮށްފައި ވަނީ އެމްއެންބީސީއާ އެކު ބިގުން ހަދާފައި އޮތް އެއްބަސްވުން އުސޫލުތަކާ ހިލާފަށް ބާތިލްކޮށްފައި ވާތީ 78 މިލިއަން ރުފިޔާ އެމްއެންބީސީއިން އެ ކުންފުންޏަށް ދެއްކުމަށެވެ. ބިގުން ދައުވާ ކުރީ އެ ކުންފުންޏަށް ލިބެން ޖެހޭ ފަސް މިލިއަން ރުފިޔާ ހޯދުމަށެވެ. އެހެން ނަމަވެސް އެ އަދަދު ހުކުމުގައި ބޮޑުވީ ޖޫރިމަނާ ފައިސާ ހިމެނުމުން އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ