ސީލައިފްއަށް ފައިސާ ދެއްކި ފަރާތްތަކަށް ބަދަލު ދިނުން މަޑުޖައްސާލުމަށް އަންގައިފި

ސީލައިފްއަށް ފައިސާ ދެއްކި ފަރާތްތަކަށް ބަދަލު ދިނުން މަޑުޖައްސާލުމަށް، އެސެޓް ރިކަވަރީ ކޮމިޝަނުން އެޗްޑީސީއަށް އަންގައިފިއެވެ.
އެޗްޑީސީއަށް މިގޮތަށް އަންގާފައިމިވަނީ ސީލައިފް މައްސަލާގައި އެ ކުންފުންޏާއި ސަރުކާރާއި އެޗްޑީސީއަށް ދައުވާކުރި ފަރާތްތަކާއެކު ކޯޓުން ބޭރުން ސެޓެލްމެންޓް އެގްރިމެންޓަކަށް އައިސްފައިވަނިކޮށެވެ. އަދި ސަރުކާރުގެ ހައުސިންގް ސްކީމަކުން ސީލައިފަށް ފައިސާ ދެއްކި ފަރާތްތަކަށް ފްލެޓްދޭން އެޗްޑީސީއިން ނިންމާފައިވަނިކޮށެވެ. އެސެޓް ރިކަވަރީއިންދަނީ އެކަމާ ގުޅޭ މައްސަލައެއް ތަހުގީގު ކުރަމުންނެވެ.
ސީލައިފް ގްލޯބަލް އަށް ހުޅުމާލޭގައި ގިނަ އަދަދެއްގެ ފްލެޓްތަކެއް އެޅުމަށް 2014 ވަނަ އަހަރުގެ މަރޗު މަހުގެ 13 ވަނަ ދުވަހު ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހަވާލު ކޮށްފައިވެއެވެ. އެޗްޑީސީން އެ ކުންފުންޏާ ހަވާލުކުރީ ކޮންޓްރެކްޓަރ ފައިނޭންސުގެ އުސޫލުން 3000 ހައުސިން ޔުނިޓް އެޅުމަށެވެ.
މި މައްސަލާގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) ހޯދަން އިންޓަޕޯލުން ރެޑް ނޯޓިސްވެސް ވަނީ ނެރެފައެވެ. ނަމަވެސް މިއަދާއި ހަމައަށްވެސް އައްމަޓީގެ އެއްވެސް ހަބަރެއްނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ