ސުނާމީ ކާރިސާއާއި ގުޅިގެން ދޫކުރި ލޯނުތަކަށް ސަރުކާރުން ފައިސާ ދައްކައިދީފި

2004 ވަނަ އަހަރުގެ ޑިސެމްބަރު މަހު ދިވެހިރާއްޖެއަށް ދިމާވި ސުނާމީ ކާރިސާގައި ލިބުނު ގެއްލުންތައް ފޫބެއްދުމަށް ސަރުކާރާއި، ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން އަމިއްލަ ފަރުދުންނަށް ދޫކުރި ސުނާމީ ލޯނުތަކަށް ސަރުކާރުން ފައިސާ ދައްކައިދީފިއެވެ.
ރައީސް އޮފީހުން މިއަދު ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވީ ސުނާމީ ކާރިސާގައި ލިބުނު ގެއްލުންތައް ފޫބެއްދުމަށް އަމިއްލަ ފަރުދުންނަށް ދޫކުރި ލޯނުތަކުގެ ތެރެއިން 455 ލޯނަކަށް އަނބުރާ ނުދައްކާ ހުރި 30.4 މިލިއަން ރުފިޔާގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުމުގެ މަތީން، ސަރުކާރުން މިއަދު 15.2 މިލިއަން ރުފިޔާ ދައްކައިފި ކަމަށެވެ.
އެމަނިކުފާނު މިގޮތަށް ނިންމަވާފައިވަނީ މި ލޯނުތައް ދޫކޮށްފައިވާ ފަރުދުން ލޯނު އަނބުރާ ދެއްކުމުގައި ދަތިތަކެއް ހުރުމާއި، ލޯނު ނުދައްކާ ގިނަ ދުވަސްތަކެއް ވަމުންދާތީ މިކަމުގެ މައްޗަށް ރިޢާޔަތްކުރެއްވުމަށްފަހު ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.
މިގޮތުން، މި ލޯނުތަކަށް މިހާތަނަށް ނުދައްކާ ހުރި ފައިސާގެ %50 (ފަންސާސް އިންސައްތަ) ސަރުކާރުން ދެއްކުމާއެކު ބޭންކް އޮފް މޯލްޑިވްސް އިން ވަނީ ނުދައްކާ ބާކީ ހުރި 15.2 މިލިއަން ރުފިޔާ މަޢާފްކޮށްދީފައެވެ. މިއާއެކު މި ލޯނުތައް މިވަނީ ޚަލާސްކުރެވިފައި ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.
ސުނާމީ ކާރިސާ އާ ގުޅިގެން ދޫކޮށްފައިވާ ލޯނުތަކުގެ ތެރެއިން ފައިސާ ނުދައްކާ ހުރި އެއްވެސް ލޯނެއް މިހާރު ނެތްކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ