ބޮޑު ހިޔާނާތުގެ ނަގުދު ފައިސާ ލިބުނު މީހުން ފުލުހުންގެ ތަހުގީގުން ހާމަވާނެ: އޭސީސީ

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ނަގުދު ފައިސާ ލިބުނު މީހުންގެ މައުލޫމާތު އޭސީސީގެ ތަހުގީގަށް ނުހޯދޭ ކަމަށާއި އެކަން ފުލުހުންގެ ތަހުގީގުން ހާމަވާނެ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ. ބޮޑު ހިޔާނާތާ ގުޅިގެން އޭސީސީއަށް ހޯދިފައިވާ ބައެއް މައުލޫމާތުތައް ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާ ހިއްސާކުރައްވަމުން އޭސީސީގެ ރައީސް މުއައްވިޒު ރަޝީދު ވިދާޅުވީ އެމްއެމްޕީއާރުސީގެ ފައިސާ ވަތް، އެސްއޯއެފްއިން ވަރަށް ގިނަ އަދަދަކުން ނަގުދު ފައިސާ ނަގާފައި ހުރި ކަމަށެވެ. އަދި އެ ނަގުދު ފައިސާ ލިބިފައިވާ ފަރާތްތަކެއް އޭސީސީއަށް ހޯދިފައި ނެތް ކަމަށް ވެސް މުއައްވިޒު ވިދާޅުވި އެވެ. "އިތުރަށް ތަހުގީގު ކުރަން އެހެންވެ، އަޅުގަނޑުމެން އެ މައްސަލަ ފުލުހަށް ފޮނުވީ. ފުލުހުން ތަހުގީގު ކުރާ ކަންތައްތަކުގެ ތެރެއިން ނަގުދު ފައިސާ ލިބުނު ފަރާތްތައް ހާމަވެގެން ދާނެ ކަމަށް މި ބެލެވެނީ،" މުއައްވިޒު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، އެމްއެމްޕީއާރުސީގެ ފައިސާ ގިނަ އަދަދަކަށް ލިބިފައިވާ 13 ފަރާތެއްގެ ނަން އޭސީސީއިން އެކުލަވާލި ރިޕޯޓްގައި މީގެ ކުރިން ހިމަނާފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން ގިނަ ފަރާތްތަކުން ތަހުގީގުގައި ބުނެފައި ވަނީ އެއީ ޑޮލަރު ގަތުމުގެ މުއާމަލާތްތަކެއްގެ ތެރެއިން ލިބުނު ފައިސާ ކަމަށެވެ. އަދި އެ މުއާމަލާތްތައް ހިންގި އިރު އެއީ ހިޔާނާތުގެ ފައިސާކަން ނޭނގޭ ކަމަށް ވެސް ގިނަ ފަރާތްތަކުން ބުނެފައިވާ ކަމަށް ވެސް މުއައްވިޒު ވިދާޅުވި އެވެ. "އެބޭފުޅުން ތަހުގީގުގައި އެހެން ވިދާޅުވި ނަމަވެސް، ޑޮލަރުގެ މުއާމަލާތް ކުރި ކަމުގެ ހެއްކެއް މީގެއިން އެއްވެސް ފަރާތަކުން ދައްކަވާފައެއް ނެތް،" މުއައްވިޒު ވިދާޅުވި އެވެ. އެމްއެމްޕިއާރުސީގެ ބޮޑު ހިޔާނާތުގެ ތަހުގީގުގައި ބޮޑެތި ހުރަސްތައް އެޅުނުކަން ފާހަގަ ކުރައްވަމުން މުއައްވިޒު ވިދާޅުވީ، އެކަމަށް އެޅުނު އެންމެ ބޮޑު ހުރަހަކީ ތަހުގީގަށް ބޭނުންވާ މައުލޫމާތު ދިނުމުގައި އިދާރާތަކުން ލަސްކުރުން ކަމަށެވެ. އެގޮތުން ބޭންކްތަކުގެ ތެރެއިން މައުލޫމާތު ނުލިބިގެން، ބޭންކްތަކުގެ ބޯޑް މެންބަރުންނާ ވެސް ބައްދަލު ކުރަން ޖެހުނު ކަމަށް މުއައްވިޒު ވިދާޅުވި އެވެ. މީގެ އިތުރުން ބައެއް ފަރާތްތައް ކޮމިޝަނަށް ހާޒިރު ކުރަން ޖެހުނީ ވެސް، އަމުރު ފޮނުވައިގެން ކަމަށް ވެސް މުއައްވިޒު ވިދާޅުވި އެވެ. "ވަރަށް ބޮޑެތި ދަތިތަކުގައި އަޅުގަނޑުމެން ހިޔާނާތުގެ ކަންކަން ތަހުގީގު ކުރަން ޖެހުނީ،" މުއައްވިޒު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ