އެންމެ ގިނައިން ޓެކްސް ފައިސާ ދައްކަނީ ބ.އަތޮޅުން. އެކަމަކު އަތޮޅު ތަރައްގީ ނުވޭ -ނައިބު ރައީސް

ޓެކްސްގެ ގޮތުގައި ދައުލަތަށް އެންމެ ގިނަ ފައިސާ ދައްކަނީ ބ.އަތޮޅުން ކަމަށް ވިޔަސް ބ.އަތޮޅު އޮތީ ތަރައްގީ ނުވެ ކަމަށް ނައިބުރައީސް ފައިސަލް ނަސީމު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓް އަލީ ހުސައިން އަށް ތާއީދު ހޯއްދެވުމަށް އެދާއިރާގެ ރަށްތަކަށް ކުރެއްވި ޒިޔާރަތުގައި ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުންނެވެ.
ނައިބު ރައީސް ވިދާޅުވީ އަތޮޅުގެ ގިނަރަށްރަށުގެ ބަނދަރުތައް އޮތީ ހަލާކުވެފައިކަމަށާ، ފެނާއި ނަރުދަމާ ފުރިހަމަވެފައި ނެތް ރަށްރަށް ވެސް އެބަހުރި ކަމަށެވެ. މިކަން ހައްލުކުރެވޭނީ ކައުންސިލްތަކަށް ގާނޫނީ ބާރުވެރިކަން ހޯދައިދީގެން ކަމަށް ނައިބުރައީސް ވިދާޅުވިއެވެ.
ކައުންސިލްތަކަށް ގާނޫނީ ބާރުވެރިކަން ދީ، އަތޮޅުތަކުން ދައުލަތަށް ލިބޭ ޓެކްސް ފައިސާގެ ބައެއް ކައުންސިލްތަކަށް ދިނުމަކީ މި ސަރުކާރުގެ އިގްތިސާދީ ސިޔާސަތުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
 
ނައިބުރައީސް ވިދާޅުވީ މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކޮށްދިނުމަށް ވައުދުވެފައިވާ ކަންކަން ހާސިލް ކޮށްފައިވާކަމަށާ ކުރީގެ ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށް ނުދީ ހުރި އަސާސީ ޚިދުމަތްތައް މި ސަރުކާރުން ފުރިހަމަކޮށްދެއްވާނެ ކަމަށެވެ. އަދި މިކަންކަން ފުރިހަމަކުރައްވާނީ ގާނޫނީ އިމުގެ ތެރެއިން ތަފާތުކުރުމެއްނެތި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ބ. އަތޮޅަކީ ދައުލަތަށް އެންމެ ގިނަ ޓެކްސް ފައިސާ ވައްދާ އަތޮޅުކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވިދާޅުވެފައިވާއިރު ރާއްޖޭގައި އެންމެ ގިނަ ރިސޯޓްތައް ހިންގާ އެއް އަތޮޅަކީވެސް ބ.އަތޮޅުކަން ފާހަގަ ކުރެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ