"އިންފޮމޭޝަން ކޮމިޝަނުން އާންމުކުރަން އެދުނީ މުންޑޫ ރައްޔިތުން ހުށަހެޅި ސިއްރު ޕެޓިޝަނެއްގެ މައުލޫމާތު"

އިންފޮމޭޝަން ކޮމިޝަނުން އާންމުކުރަން އެދެފައިވަނީ ލ.މުންޑޫ ރައްޔިތުން ހުށަހެޅި ސިއްރު ޕެޓިޝަނެއްގެ މައުލޫމާތު ކަމަށް އިލެކްޝަން ކޮމިޝަންގެ މެމްބަރު އަދި ތަރުޖަމާނު އަހުމަދު އަކުރަމް ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އަކްރަމް ވިދާޅުވީ އިންފޮމޭޝަން ކޮމިޝަނާއި އިލްކެޝަންސް ކޮމިޝަންގެ މެދުގައި ހިޔާލު ތަފާތުވުން އުފެދިފައިވަނީ ވެނިމިފައިވާ ކަމެއްގެ މައުލޫމާތު ތަކުރާރުކޮށް ހޯދުމަށް އިންފޮމޭޝަން ކޮމިޝަނުން މަސައްކަތް ކުރަމުންދާތީ ކަމަށެވެ. އިންފޮމޭޝަން ކޮމިޝަނުން ހޯދުމަށް މަސައްކަތް ކުރަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކުރިން އިލެކްޝަންސް އިން ދާއިރާތައް ކަނޑައެޅި އިރު މުންޑޫއިން ބައެއް ފަރާތްތަކުން އެބޭފުޅުން މިހާރުވެސް ހިމެނޭ ގަމު ދާއިރާއިން ވަކިވެ އިސްދޫ ދާއިރާއަށް ބަދަލުވުމަށް އެދި ހުށަހެޅި ސިއްރު ޕެޓިޝަންގެ މައުލޫމާތު ކަމަށް އަކްރަމް ވިދާޅުވިއެވެ.
އަކްރަމް ވިދާޅުވީ މި ޕެޓިޝަނަކީ ސިއްރު ޕެޓިޝަނަކަށް ވުމުގެ އިތުރުން އޭގައި ހިމެނޭ މައުލޫމާތަކީ ތިންވަނަ ފަރާތެއްގެ މަސްލަހަތު ހިމެނޭ، އާންމުކޮށްފިނަމަ ބައެއްގެ މަސްލަހަތު ގެއްލި، ބައެއްގެ އިންސާނީ ކަރާމާތައް އުނިކަމެއް އަންނާނެ ފަދަ ކަންތައްތަކެއް ހިމެނޭ ކަމެއްގެ ގޮތުގައި އިލެކްޝަންސް އިން ދެކޭ ކަމަށެވެ. އަދި މި މައްސަލައިގައި ފުރަތަމަ މި ޕެޓިޝަނުގައި ސޮއިކުރެއްވި ފަރާތަކާ މެދު ފިޔަވަޅު އެޅުމަށް ނިންމައި، މުންޑޫ ކައުންސިލުން ޕެޓިޝަނުގައި ސޮއި ކުރެއްވި ބޭފުޅުންގެ ތަފްސީލު ދެއްވުމަށް އެދި އިލެކްޝަނަށް ހުށަހެޅިކަމަށް އަކްރަމް ވިދާޅުވިއެވެ. ނަމަވެސް އެ ޕެޓިޝަނަކީ ގާނޫނީ ހުދޫދުގެ ތެރެއިން އެބޭފުޅުންނަށް ލިބިފައިވާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ތެރެއިން ފާޅުކޮށްފައިވާ ހިޔާލެއްކަމުން މި ފަރާތްތަކާ މެދު ފިޔަވަޅު އަޅަން ޖެހޭ ސަބަބެއްނެތް ކަމަށް އިލެކްޝަންސް އިން ގަބޫލުކުރާ ކަމަށް އަކްރަމް ވިދާޅުވިއެވެ. އަދި މީގެ އިތުރަށް ހުށަހަޅާފައިވާ ޕެޓިޝަނަކީ ސިއްރު ޕެޓިޝަނެއް ކަމުން އޭގެ މައުލޫމާތު އާންމު ކުރެވެން ނެތުމުން އެމައުލޫމާތު މުންޑޫ ކައުންސިލާ ހިއްސާކުރެވެން ނެތްކަން އެންގި ކަމަށް އަކްރަމް ވިދާޅުވިއެވެ.
ޕެޓިޝަންގައި ސޮއިކުރި އެކި ބޭފުޅުން އިލެކްޝަންސްއަށް ގުޅުމަށްފަހު ރަށު ތެރޭ ބިރުދައްކާ ވާހަކައިގެ އިތުރުން ޕެޓިޝަން ހުށަހެޅި މީހުން އެނގިއްޖެ ނަމަ އެމީހުންނަށް އެކި ޖެއްސުން ކުރާނެކަމުގެ ބިރު ހިއްސާކޮށްފައިވާ ކަމަށާއި މި ނިންމުމަކީ މުންޑޫގެ ހަމަޖެހުން އޮތް ނިންމުމެއްކަމަށް އަކްރަމް ވިދާޅުވިއެވެ. އަދި މި މައުލޫމާތު ހާމަވެއްޖެ ނަމަ މުންޑޫ ކަހަލަ ކުޑަ މުޖުތަމައުއެއްގައި އެތައް ހަމަނުޖެހުން ހިނގާނެކަން އަކްރަމް ފާހަގަކުރެއްވި އެވެ. އަދި މުންޑޫ ކައުންސިލާ މައުލޫމާތު ހިއްސާކުރެވެން ނެތްކަން އެންގި ފަހުން އިންފޮމޭޝަން ކޮމިޝަނުން އެ މައުލޫމާތު އެ ކޮމިޝަނާ ހިއްސާކުރަން އެދުނު ކަމަށް އަކްރަމް ވިދާޅުވިއެވެ. ނަމަވެސް މި މައުލޫމާތަކީ ތިންވަނަ ފަރާތެއްގެ މަސްލަހަތު ހިމެނޭ ކަމެއް ކަމުން އެކަން ކުރަން އިލެކްޝަންސް އިން ދެކޮޅު ހެދުމުން އެ މައުލޫމާތު އާންމު ނުކޮށްފި ނަމަ އޯޕަން ހިއަރިންއަކަށް ދާނެކަމަށް އިންޒާރުދީ އިލެކްޝަންސްއަށް ސިޓީއަކުން އެންގި ކަމަށް އަކްރަމް ވިދާޅުވިއެވެ.
މި މައްސަލަ ވާހަކަ ދައްކައިގެން ހައްލު ކުރަން އިލެކްޝަނުން ބޭނުންވާކަމަށް އަކްރަމް ފާހަގަކުރައްވައި ވިދާޅުވީ މިކަމާ ގުޅިގެން އިލެކްޝަންސްގެ ނައިބު ރައީސް އާއި ލޯޔަރުންގެ ޓީމަކުން އިންފޮމޭޝަމް ކޮމިޝަނާ ބައްދަލުކުރެއްވި ކަމަށެވެ. އަދި އިލެކްޝަންސް އިން މި ޕެޓިޝަންގެ މައުލޫމާތު އާންމުކުރެވެން ނެތް ސަބަބު ސާފުކޮށް ކިޔައިދިނުމުންވެސް އިންފޮމޭޝަން ކޮމިޝަނުން އޯޕަން ހިއަރިންއަކަށް ދިއުމަށް ނިންމާފައިވާ ކަމަށް އަކްރަމް ފާހަގަކުރެއްވިއެވެ. އަކްރަމް ވިދާޅުވީ އިންފޮމޭޝަން ކޮމިޝަނުން މި ޕެޓިޝަނަކީ އާންމު ކުރެވޭނެ މައުލޫމާތު ޕެޓިޝަނެއްތޯ ބަލަން ޖެހޭ ކަމަށް ބުނި ކަމަށާއި ނަމަވެސް އެކަމަށް ޕެޓިޝަންގެ މައުލޫމާތު ހިއްސާކުރުމަށް އިލެކްޝަންސް އިން އެދުނު ކަމަށެވެ. ނަމަވެސް އެކަން ދެނެގަތުމަށް ޕެޓިޝަންގެ މައުލޫމާތު ބޭނުންވާނެ ކަމަށް އިލެކްޝަނުން ނުދެކޭކަމަށް އަކްރަމް ވިދާޅުވިއެވެ.
އަކްރަމް ވަނީ މި މައްސަލައިގައި ހަރަކާތްތެރިވާ އިންފޮމޭޝަމް ކޮމިޝަންގެ ބައެއް ބޭފުޅުންގެ މަސްލަހަތު ހިމެނޭ ކަމަށް ތުހުމަތު ކޮށްފައެވެ. އަދި މި މައްސަލައިގައި ކޯޓަށް ދާންޖެހުނަސް ދާނެ ކަމަށާއި، އިލެކްޝަންސް އިން ކުރާ ކޮންމެ ކަމަކަށްވެސް ޖަވާބުދާރީ ވާނެކަމަށް އަކްރަމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ