ކޮމިޝަންތަކަށް ބާރުދޭ ބިލް ގާނޫނު އަސާސީއާ ހިލާފު: ރިޔާޒު

ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް އިފެއްދެވި ރިޔާސީ ދެ ކޮމީޝަނަށް ބާރުދޭ ބިލު ގާނޫނު އަސާސީއާ ހިލާފުކަމަށް ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ އަށް ނިސްބަތްވާ، ރައްޔިތުންގެ މަޖިލީހުގެ ވިލިފުށީ ދާއިރާ މެމްބަރު ރިޔާޒު ރަޝީދު ވިދާޅުވެއްޖެ އެވެ. މަރުތަކުގެ މައްސަލަ ބަލާ ކޮމީޝަނާއި ކޮރަޕްޝަންގެ މައްސަލަ ބެލުމަށް ރައީސް ސޯލިހު ވެރިކަމުގެ ފުރަތަމަ ދުވަހު އުފެއްދެވި ރިޔާސީ ދެ ކޮމިޝަނަށް ބާރުދޭ ބިލަށް ވޯޓަށް އެހުމަށް ތިން ފަހަރެއްގެ މަތިން ތާވަލު ކުރުމުން ބޭނުންވާ ގާނޫނީ އަދަދަށް މަޖިލީހުގެ މެމްބަރުން ހާޒިރު ނުވުމުން ވޯޓަށް އެހިފައި ނުވެ އެވެ. އެކަމާ ގުޅިގެން މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރިޔާޒު ވިދާޅުވީ، އެ ބިލަކީ ގާނޫނު އަސާސީއާ ތައާރަޒްވާ ބިލެއް ކަމަށާއި އެ ބިލް އެގޮތަށް އޮވެ ތާއިދު ކުރެވެން ނެތް ކަމަށެވެ. "[ރިޔާސީ ކޮމިޝަންތަކަށް] ބާރު ދިނުމަށްޓަކައި ފޮނުއްވާފައިވާ ބިލަކީ ގާނޫނު އަސާސީއާ ތައާރަޒުވާ ކަންތައްތަކެއް ހުރި ބިލެއްކަން އޭރު ވެސް ދެއްކިން. މިއަދުވެސް އެވާހަކަ ދެއްކިން. އަދި މިނިވަން މުއަސަސާތަކާ ބެހޭ ކޮމެޓީން އެކަން ކުރެއްވި ގޮތް ގޯސްކަމާއި ކޮމެޓީން ފާސްކުރެއްވި ގޮތާ ހިލާފުކަމަށް މިތަނަށް އައީވެސް، އެ ވާހަކަ ވެސް މަޖިިލީހުގެ ރައީސްގެ ސަމާލުކަމަށް ގެނައިން. އަޅުގަނޑަކީ މި ކޯލިޝަންގެ ތެރޭ އޮތް ޖޭޕީގެ މެމްބަރަކަށް ވަތީ އެވާހަކަ މިއަށް ވުރެ ފުޅާކޮށް ދައްކަން ބޭނުން ނުވީ، އެހެން މެމްބަރުންނަށް ވެސް އެނގޭކަމަކަށް ވާތީ،" ކުރިން އިދިކޮޅު މައި ޕާޓީ ޕީޕީޕީއެމްގެ ޕީޖީ ނައިބު ލީޑަރުކަން ކުރެއްވި ރިޔާޒު ވިދާޅުވި އެވެ. ރިޔާޒު ވިދާޅުވީ، އެފަދަ މައްސަލަތައް ބަލަން ގާނޫނު އަސާސީގައި ދައުލަތުން ވަރަށް ގިނަ މުއަސަސާތަކެއް ހެދި، ގާނުނުން އަސާސީން އެ މުއަސަސާތަކަށް ބާރު ދީފައިވާ ކަމަށެވެ. އަދި އެ މުއަސަސާތައް ހެދިފައިވަނިކޮށް ރައީސް ސޯލިހް އެފެއްދެވި ރިޔާސީ ކޮމީޝަންތަކަށް ބާރު ދިނުމަކީ "ގާނޫނު އަސާސީގެ ދުސްތޫރީ" ބާރުތައް ކުޑަވެގެން ދާނެ ކަމެއް ކަމަށެވެ. "އެހެންވީމާ މި ދަންނަވަނީ، މިއީ ގާނޫނު އަސާސީއާ ހިލާފުވާ [ބިލެއްކަން] ގަބޫލު ކުރެވެއޭ. ގާނޫނު އަސާސީއާ ހިލާފުނުވާ މިންވަރަށް އަޅުގަނޑުމެން މި ބިލް ކުޑަކޮށް [މަޖިލީހުގެ ތަޅުމަށް] ގެނެސްގެން އަޅުގަނޑު އެއްގޮތަކަށް ވެސް މިކަމަށް ދެކޮޅެއް ނޫން،" ރިޔާޒު ވިދާޅުވި އެވެ. ރިޔާޒު އެ ބިލަށް ދެކޮޅު ހެއްދެވި އިރު، އޭނާ ނިސްބަތްވާ ޖުމްހޫރީ ޕާޓީގެ ޕާލިމަންޓަރީ ގުރުޕުގެ ލީޑަރު އަދި ސަރުކާރު ކޯލިޝަންގެ ޕީޖީ ލީޑަރު، ކިބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ވިދާޅުވެފައި ވަނީ، އެ ބިލަށް ވޯޓަށް ނޭހިގެން އުޅެނީ، އެ ބިލް ފާސްކުރަން ބޭނުން ނުވާ މެންބަރުންތަކެއް ގަސްތުގައި އެ ބިލަށް ވޯޓަށް އެހޭ އަދަދަށް މެމްބަރުން ހާޒިރުވުމަށް ބޭނުން ނުވާތީ ކަމަށެވެ. އަދި އެގޮތަށް އަމަލު ކުރާ މެންބަރުންނާ މެދު ފިޔަވަޅު އެޅުމަށް ހުށަހަޅުއްވާނެ ކަމަށް އޭނާ މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ. ރިޔާސީ ކޮމިޝަންތަކަށް ގާނޫނީ ބާރުދޭ ބިލަށް އިދިކޮޅު "ޕްރޮގްރެސިވް ކޮންގްރެސް" ކޯލިޝަނުން ތާއީދެއް ނުކެރެވެެ. އެބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި އެއީ ގާނޫނު އަސާސީއާ ހިލާފު ބިލެއް ކަމަށެވެ. އަދި ސަރުކާރު އެހާ އަވަސް އަރުވާލައިގެން އެ ބިލް ފާސް ކުރުމަށް އުޅުއްވަނީ، މަޖިލިސް އިންތިހާބުގެ ކުރިން އިދިކޮޅު ކެންޑިޑޭޓުން ހައްޔަރު ކުރުމަށް ކަމަށް އެބޭފުޅުން ތުހުމަތު ކުރައްވަ އެވެ. ތިން ފަހަރެއްގެ މަތިން ކޮމިޝަންތަކަށް ބާރުދޭ ބިލަށް ވޯޓަށް އެހުމަށް ތާވަލު ކުރުމުން ވެސް އެ ބިލަށް ވޯޓަށް ނޭހި ލަސްވުމުން، ރައީސް ސޯލިހް ވަނީ ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ. https://sun.mv/116036 ދެ ކޮމިޝަނަށް ދިނުމަށް ބިލުގައި ހިމެނޭ ބާރުތައް: ބަލާ މައްސަލަތަކުގައި ފުލުހުންނާއި ދައުލަތުގެ މުއައްސަސާތަކުގެ އެހީތެރިކަން ހޯދުން ރާއްޖޭން ބޭރުގެ އިންވެސްޓިގޭޓަރުން ގެނައުން ތަންތަން ބަލައި ފާސްކުރުމުގައި ފުލުހުންގެ އެހީ ހޯދުން ބަލައި ފާސްކޮށް ތަކެތި ހިފެހެއްޓުން މައްސަލައާ ގުޅުން ހުރި މީހުންގެ ބޭންކް އެކައުންޓް ފްރީޒްކުރުން ކޯޓު އަމުރަށް އެދެވުން ކޮމިޝަނުން ބަލަން ކަނޑައަޅާ މައްސަލަތައް އިތުރު އެއްވެސް މުއައްސަސާއަކުން ނުބެލުން ބަލަން ފަށާ މައްސަލައެއްގެ މައުލޫމާތު އެހެން ތަހުގީގީ އިދާރާއަކުން ހޯދާފައިވާ ނަމަ އެ މައުލޫމާތާއި ހެކި ކޮމިޝަނާ ހަވާލުކުރަން އެންގުން ކޮމިޝަނުން ތަހުގީގުކުރާ މައްސަލަތަކަށް ހުރަސް އެޅުމަކީ ޖިނާއީ ކުށެއް ގޮތުގައި ކަނޑައެޅުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ