ސްޕްރީމް ކޯޓްގެ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު އިތުރު ފަރާތްތަކަށްވެސް ހުޅުވާލައްވައިފި

ސްޕްރީމް ކޯޓްގެ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު އިތުރު ފަރާތްތަކަށްވެސް ޖުޑީޝަލް ސާރވިސްނކޮމިޝަން (ޖޭއެސްސީ) ހުޅުވާލައްވައިފި އެވެ. އިތުރު ފަރާތްތަކަށް އިއްޔެ މި ފުރުޞަތު ޖޭއެސްސީ އިން ހުޅުވާލައްވައިފައި މިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރުމަށް ދެ އަންހެން ބޭފުޅުންގެ ނަންފުޅު ރައީސުލޖުމްހޫރިއްޔާ ހުށަހެޅުއްވުމާ ގުޅިގެން ގިނަ އަދަދެއްގެ އިލްމުވެރިން އެކަމާ މެދު ކަންބޮޑުވުން ފާޅުކުރައްވަމުން ގެންދަވަނިކޮށެވެ. އަންހެނުން ފަނޑިޔާރުކަން ކުރުމަކީ ހަރާމް ކަމެއް ކަމަށާއި، އެ ނިންމުން ބަދަލު ކުރެއްވުމަށް ދީނީ އިލްމުވެރިން ވަނީ ރައީސުލްޖުމްހޫރިޔާ އިބްރާޙީމް މުޙަމަދު ޞާލިޙަށް އިލްތިމާސް ވެސް ކުރައްވައިފައެވެ. އަންހެނުން ފަނޑިޔާރުކަންކުރުން އިސްލާމީ ޝަރީޢާ ހުއްދަ ނޫންކަމަށް، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ނެރެފައިވާ ފަތުވާއެއް ވެސް ވަނީ އާންމުވެފައެވެ. އެއީ އަންހެނުން ފަނޑިޔާރުކަން ކުރުމާބެހޭ ގޮތުން މިދިޔަ ޖުލައި މަހުގެ 9 ވަނަ ދުވަހު ފަތުވާ އާ ބެހޭ އެންމެ މަތީ މަޖިލީހުން ނެރުއްވައިފައިވާ ފަތުވާއެކެވެ.
ސްޕްރީމް ކޯޓްގެ ފަނޑިޔާރުންގެ ޢަދަދު ހަތަކަށް އިތުރު ކުރުމާ ގުޅިގެން އިތުރަށް ބޭނުންވާ ފަނޑިޔާރުންގެ ގޮތުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ޖުޑީޝަލް ސާރވިސްނކޮމިޝަން (ޖޭއެސްސީ) ހުށަހެޅުއްވީ ދެއަންހެން ބޭފުޅުންގެ ނަންފުޅެވެ. މިއީ ރާއްޖޭގެ ތާރީޚްގައިވެސް އަންހެން ބޭފުޅުން ސްޕްރީމް ކޯޓްގެ ފަޑިޔާރުކަމަށް އައްޔަން ކުރުމަށް ނިންމަވައި ނަން ހުށަހެޅުނު ފުރަތަމަ ފަހަރެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރުމަށް ޖޭއެސްސީއަށް ރައީސުލްޖުމްހޫރިއްޔާ ހުށަހެޅުއްވީ، ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ސިވިލް ކޯޓުގެ ކުރީގެ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު ގެ ނަންފުޅެވެ. މި ދެ ނަން ފުޅު ބަލައިގަނެ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް ކުރިމަތިލުމަށް ޖޭއެސްސީ އިން އިއްޔެ ވަނީ ހުޅުވާލައްވައިފައެވެ. އެކަމަ ޝަޢުޤްވެރިވާ ފަރާތްތަކުން މާދަމާ 12 ޖެހުމުގެ ކުރިން އެކަމަށް ކުރިމަތި ލާންޖެހޭނެއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލާނާ ޖެހެނީ އިސްލާމީ ޝަރީއާ ނުވަތަ ޤާނޫނުގެ ނުވަތަ ޤާނޫނާއި އިސްލާމީ ޝަރީއާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވާ މީހުންނެވެ. އަދި ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަން ކުރުމުގައި މަދުވެގެން ހަތް އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވާ މީހުންނަށްވެސް ވާން ޖެހެއެވެ.
ސުޕްރީމް ކޯޓަށް އިތުރު ދެ ފަނޑިޔާރުން އައްޔަން ކުރައްވަނީ ކޯޓުތަކުގެ ޤާނޫނަށް ގެނައި އިސްލާޙްގެ ދަށުން، ބެންޗުގެ އަދަދު ހަތަކަށް އިތުރުކުރުމުންނެވެ. މިހާރު ސްޕްރީމް ކޯޓްގެ ބެންޗްގައި ތިއްބަވަނީ ފަސް ފަނޑިޔާރުންނެވެ.
ޤާނޫނު އަސާސީގައި ބުނާ ގޮތުން ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަންކުރާނީ ޖޭއެސްސީގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ނަންތަކެއް ފޮނުއްވުމުން އެ މަޖިލީހުން ފާސްކުރައްވައި ގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ