ހުޅުމާލެ ފޭސް 2 ގައި ކޮވިޑަށް ޓެސްޓްކުރާ ސެންޓަރެއް ހުޅުވަން ނިންމައިފި

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކޮވިޑަށް ޓެސްޓްކުރާ ސާމްޕަލް ސެންޓަރެއް މިއަދު ހުޅުވަން ނިންމާފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން ސެންޓަރުން ބުނެފިއެވެ.
އެޗްޕީއޭ އިން ބުނީ ހިޔާ ފްލެޓްގެ "އެޗް 8" ޓަވަރުގައި މިއަދު މެންދުރު ފަހު 3:30 އިން ފެށިގެން އިރުއޮއްސި 6:30 އަށް ކޮވިޑަށް ޓެސްޓުކުރެވޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށެވެ. އަދި މީގެ ފަހުން ކޮންމެ ދުވަހަކު ވެސް އެތަނުން ހިދުމަތް ދޭނެ ކަމަށްވެސް އެޗްޕީއޭން ބުނެފައިވެއެވެ.
ހިޔާ ފްލެޓްތަކުގައި މިހާރު ގިނަ ބަޔަކު ދިރިއުޅެން ފަށާފައިވާއިރު، މި ސެންޓަރު މިއަދު މި ހުޅުވަނީ ދެ ވަނަ ފިޔަވަހީގައި ކޮވިޑަށް ޓެސްޓުކުރާނެ ތަނެއް ނެތިގެން އާންމުންގެ ޝަކުވާ ވެސް ގިނަވެފައި ވަނިކޮށެވެ. ހުޅުމާލޭގައި މިހާރު ކޮވިޑަށް ޓެސްޓުކުރެވެނީ ފުރަތަމަ ފިޔަވަހީގައި ރުއްގަނޑު 1 ގައި ހަދާފައިވާ ސެންޓަރަކުން އެކަންޏެވެ.
"އެޗް 8" ޓަވަރުގައި ހުޅުވާ މި ސެންޓަރާ އެކު، މާލެ ސަރަހައްދުގައި އެޗްޕީއޭއިން ކޮވިޑް ޓެސްޓު ހަދައިދޭ ހަ ސެންޓަރަކުން މިހާރު ހިދުމަތް ލިބޭނެއެވެ. އެއީ ސޯޝަލް ސެންޓަރާއި ހެންވޭރު ފުޓުބޯޅަ ދަނޑާއި އެފްއޭއެމް އިމާރާތާއި ވިލިމާލެ ފްލޫ ކްލިނިކާއި ހުޅުމާލެ ފޭސް 2 އަދި ހުޅުމާލެ ރުއްގަނޑު 1 އިންނެވެ.
ކޮވިޑް ޖެހިފައިވޭތޯ ބެލުމަށް ހަދާ، އެންމެ އަވަހަށް ނަތީޖާ ލިބޭ ރެޕިޑް އެންޓިޖެން ޓެސްޓް ވެސް އެޗްޕީއޭގެ ކޮވިޑަށް ޓެސްޓުކުރާ ސެންޓަރުތަކުގައި މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ވަނީ ހަދައިދޭން ފަށައިފައެވެ. އެކަމަކު އެ ޓެސްޓް ހަދާނީ ބަލީގެ އަލާމާތް ހުންނަ މީހުންގެއެވެ.
ކޮވިޑްގެ އައު ވޭރިއަންޓް ރާއްޖޭގައި ހަލުވި ކަމާއިއެކު ފެތުރެމުން އަންނާތީއާއި އަދި ކޮންމެ ދުވަހަކުވެސް ކޮވިޑަށް ޓެސްޓު ކުރުމަށް ސާމްޕަލް ނަގާ ސަރަހައްދުތަކުގައި ކިޔު ބޮޑުވެ އާންމުންގެ ޝަކުވާތައް ބޮޑުވަމުން ދިއުމުން އިތުރު ސާމްޕަލް ސެންޓަރުތައް އަންނަނީ ގާއިމު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ