އައްޑޫގެ ރައްޔިތުން ޓޫރިޒަމަށް ކުރި އުއްމީދު ފެނަށް!

ރާއްޖޭގައި ދެވަނައަށް އެންމެ އާބާދީ ބޮޑު، އައްޑޫ ސިޓީގެ ރައްޔިތުނަކީ ވެސް ތަރައްގީއަށް ލޯބިކުރާ ބަޔަކު ދިރިއުޅެމުންދާ ސިޓީއެކެވެ. އަސާސި ކަންކަމުން ފެށިގެން ބޮޑެތި އުމްރާނީ ތަރައްގީ އާއި ނަފާވެރިކަން ހޯދުމަށް މަސައްކަތް ކުރާ ރައްޔިތުންތަކެއް ދިރިއުޅެމުންދާ ސިޓީއެކެއެވެ. ކޮންމެ ރަށެއްގެ ރައްޔިތުންގެވެސް އެންމެ ބޮޑު ބޭނުމަކަށްވެފަ އޮންނަނީ އެ ރަށަކުން ލިބޭ އާމްދަނީ ނުވަތަ އާއިލާ ގާތުގައި ތިބިގެން އާމްދަނީ ހޯދޭނެ މަގެއް ތަނަވަސްވުމެވެ.
ބައެއް ރައްޔިތުން އެ ތަނަވަސްކަން ހޯދަނީ އަމިއްލަ ވިޔަފާރިންނާއި ކައިރި ރިސޯޓުތަކުގައި މަސައްކަތްކޮށްގެން ނުވަތަ ރަށުގައި ހުންނަ ކޮންމެވެސް މުއައްސަސާއެއްގައި މަސައްކަތްކޮށްގެންނެވެ.
އައްޑޫ ރައްޔިތުންނަކީވެސް މިދެންނެވި ފަދަ މަސައްކަތްކޮށްގެން އާމްދަނީ ހޯދަމުންދާ ބައެކެވެ. އެގޮތުން ކައިރި ރިސޯޓުތަކުގައި މަސައްކަތް ކުރި ޒުވާނުންވެސް މަދެއްނޫނެވެ. އެ ޒުވާނުންގެ އުންމީދު ބައްޓަންވެފަ އޮތީ ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީއާއި ކުރިއެރުމަށެވެ. އެހެންނަމަވެސް އެ އާމްދަނީ ހޯދުމަށް އައްޑޫ ރައްޔިތުން މިހާރުވަނީ ނުކުޅެދިފައެވެ. ސަބަބަކީ ކޮވިޑް ބަލިމަޑުކަމާއެކު އައްޑޫގެ ޓޫރިޒަމަށް ބޮޑެތި ގޮންޖެހުންތާކާ ކުރިމަތި ލާންޖެހުމެވެ. އެގޮތުން އައްޑުގެ ތިން ރިޒޯޓެއް ބަންދުކުރުމާއެކު އެ ދާއިރާގައި މަސައްކަތް ކުރި އެންމެން މަގުމަތިވިއެވެ. އާމްދަނީ ލިބެމުން އައި މަގު ބަންދުވިއެވެ.
އެހެންނަމަވެސް ސަރުކާރުން އައްޑޫގެ ޓޫރިޒަމަށް ބޮޑެތި ކުރިއެރުންތައް ލިބިގެންދާނެ ކަމަށް ބުނި ހިސާބުން އައްޑޫގެ ރަައްޔިތުންގެ އުންމީދުތަކުގައި ކުލަޖެހުނު ކަހަލައެވެ. ސަރުކާރުން މިހެން ބުނީ ނަމަވެސް މީހާރު އައްޑޫ ސިޓީގެ ޓޫރިޒަމަށް ކުރި އުންމީދު ނާ އުއްމީދަށް ބަދަލުވެޖެއެވެ. އައްޑޫ ރައްޔިތުން މުޅިން މަޔޫސްވެ އެކަމާ އަޑު އުފުލަން މިއަދު މިވަނީ ފަށާފައެވެ.
މިކަމާ ގުޅޭގޮތުން ރާއްޖެއަށް ފަތުރުވެރިން ގެންނަ ކުންފުންޏެއް ކަމަށްވާ ރިސޯޓް ލައިފްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝާޒް ވަލީދު ވިިދާޅުވީ ސަރުކާރުން ލިބެން ޖެހޭ އެއްބާރުލުން ނުލިބޭތީ އައްޑޫ ސިޓީގެ ޓޫރިޒަމަށް ކުރި އުންމީދު ނާ އުންމީދަކަށް ބަދަލުވެފައިވާ ކަމަށެވެ.
ނާ އުންމީދުވި ކަންތައްތަކުގެ ތެރޭގައި ޗާޓަރު ތިން ފްލައިޓް އެތެރޭގެ އުދުހުންތަކަށް ފަސޭހަ ގަޑިއެއް ދިނުމަށް ރައްޔިތުން އެދުނުނަމަވެސް ސަރުކާރަށް މިހާތަނަށް މިކަން ކޮށްދެވިފައިނުވެއެވެ.
ޝާޒް ވިދާޅުވީ ސަރުކާރުގެ ބައެއް އިސް ފަރާތްތަކުން އައްޑޫއަށް ފަތުރުވެރިކަން ފުޅާ ކުރުމަށް ކަންކަން ކޮށްދޭނެ ކަމަށް ބުނި ނަމަވެސް އެކަމަށް އަދި އަމަލީ އެއްވެސް ސިފައެއް ނާންނަ ކަމަށެވެ. އެ ވާހަކަތައް ދެން ގަބޫލުކުރެވޭނީ ރައްޔިތުން އެދުނު ކަންކަން ފުރިހަމަވުމުން ކަމަށެވެ.
މި މައްސަލައާ ގުޅިގެން އައްޑޫ ސިޓީ މީދޫ ކައުންސިލަރު އާމިނަތު ސާލިހާ ވިދާޅުވީ އައްޑޫގެ ރައްޔިތުންނަށް ދޮގު އުންމީދުތައް ދިނުން ސަރުކާރުން ހުއްޓާލަން ޖެހޭ ކަމަށެވެ. އަދި ޗާޓަރު ތިން ފްލައިޓް އެތެރޭގެ އުދުހުންތަކަށް ފަސޭހަ ގަޑިއެއް ދިނުމަށް ވަލީދު އެދުނު އެދުމަށް ސަރުކާރުން އެއްބާރުލުން ނުދީ އައްޑޫގެ ޓުއަރިޒަމް ކުރިއަރާނެ ކަމަށް ގަބޫލުކުރަނީ ކީއްވެތޯ އައްސަވާ ސާލިހާ ވަނީ ސުވާލު އުފައްދާފައެވެ.
ސަރުކާރުގެ އެއްބާރުލުން ނުލިބިގެން އައްޑޫގެ ޓޫރިޒަމަށް އަނެއްކާވެސް ހުއްޓުމެއް އައިސްފައިވާއިރު އައްޑޫގެ ފަތުރުވެރިކަން ކުރިއަރުވައި 8000 ވަޒީފާ އާއި އެކު 8000 ޓޫރިސްޓު އެނދު ތަރައްގީ ކުރައްވާނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ރިޔާސީ އިންތިހާބުގެ ތެރޭގައި ވައުދުވެވަޑައިގެންފައެވެ.
މީގެއިތުރުން ގަން އިންޓަނޭޝަނަލް އެއާޕޯޓު ޒަމާނީ ވަސީލަތްތަކާއެކު ތަރައްގީ ކުރެވި، ދުނިޔޭގެ ފަސް މަންޒިލަކުން ދުވާލަކު ފަސް ފްލައިޓު ފަސް އަހަރު ދުވަހުގެ ތެރޭ ޖެއްސުމަކީ ވެސް ރައީސްގެ ވައުދުފުޅެކެވެ.
އައްޑޫގައި ހިންގަމުންދިޔަ ދެ ރިސޯޓު ކަމަށްވާ ކެނަރީފް އަދި ޝަންގްރިއްލާ ރިސޯޓު ބަންދުކޮށްފައިވާއިރު ހަންކެޑެގައި ރިއަލް އެސްޓޭޓް ޓޫރިޒަމް ފައްކާ ކުރަން ނިންމާފައިވާކަން ސަރުކާރުން ވަރަށް ފަހުން ވަނީ އިއުލާންކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ