އަށް މީހުންނާ އެކު ލ. ގަމަށް ދަތުރުކުރި ބޯޓެއް މުލަކު ފަރަށް އަރައިފި

އަށް މީހުންނާ އެކު މާލެއިން ފުރައިގެން ލ. ގަމަށް ދަތުރުކުރި ބޯޓެއް މ. މުލަކު ފަރަށް އަރައިފި އެވެ. އެމްއެންޑީއެފްން ބުނީ 'ނީލްވިލާ' ނަމަކަށް ކިޔާ އެ ބޯޓު މުލަކު ފަރަށް އަރައިގެން ރިޕޯޓްކޮށްފައި ވަނީ ރޭ 19:50ގައި ކަމަށާއި ހާދިސާ ހިނގި އިރު ފަސް ދިވެހިންނާއި ތިން ބިދޭސީއެއް ބޯޓުގައި ތިބި ކަމަށެވެ. އަދި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. ބޯޓު ފުން ކުރުމުގެ މަސައްކަތް އެމްއެންޑީއެފުގެ ޑައިވަރުންނާއި ފުލުހުންގެ އިތުރުން ދޯނީގެ ވެރިފަރާތުން އަންނަނީ ކުރަމުންނެވެ. ބޯޓު ދިޔަވަމުންދާތީ ދިޔަ ހިއްކުމަށް މުލަކު ކައުންސިލުގެ ބެލުމުގެ ދަށުގައި ހުރި ފެން ހިއްކާ ޕަމްޕްތަކެއް ދީފައިވާ ކަމަށް ކައުންސިލުން ބުނެ އެވެ. އަދި ރައްޔިތުންގެ ފަރާތުން އެއްވެސް އެހީތެރިކަމަށް އެދިއްޖެ ނަމަ ބޯޓު ފުންކުރުމަށް ރައްޔިތުން ނިކުތުމަށް ތައްޔާރަށް ހުރި ކަމަށް ކައުންސިލްގެ ރައީސް އަޝްރަފް ޖަމްޝީދު ވިދާޅުވި އެވެ. މި ދުވަސް ކޮޅަކީ ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސް ދުވަސްވެރެކެވެ. ވިލާގަނޑުގައި ސާޅިސް މޭލަށް ވައި ގަދަ ވާނެ ކަމަށް މެޓު އޮފީހުން ލަފާކުރާ އިރު ށ. އަތޮޅުން ފެށިގެން ގދ. އަތޮޅާއި ހަމައަށް ވަނީ ވައިޓް އެލާޓް ނެރެފަ އެވެ. ވައިޓް އެލާޓް ދެމި އޮންނާނީ މިއަދު ހެނދުނު 10:30 އިން ފެށިގެން ހަވީރު 15:30 އަށެވެ. އެ ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ބެލުމަށް ފަހު ދަތުރު ކުރުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ