އިންޑިއާ ދަތުރުން 90 މިލިއަން ޑޮލަރުގެ އެހީ ލިބުނު: ރައީސް

ރައީސް ވަހީދު އިންޑިއާ އަށް ކުރެއްވި ފަސް ދުވަހުގެ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އިބްރާހިމް ނާސިރު މާލޭ އިންޓަނޭޝަނަލް އެއާޕޯޓްގައި ނޫސްވެރިންނާ ބައްދަލުކުރައްވައި މިރޭ ވިދާޅުވީ އިންޑިއާ އަށް ކުރެއްވި ދަތުރުފުޅަކީ ކާމިޔާބު ދަތުރުފުޅެއް ކަމަށާއި އެ ދަތުރުފުޅާ ގުޅިގެން އިންޑިޔާގެ އެގްޒިމް ބޭކުން ދޭން ބުނެފައިވާ 40 މިލިއަން ޑޮލަރު ލިބޭ ގޮތް ފަހިވުމުގެ އިތުރުން އެލްސީ ހުލުވުމަށް 25 މިލިއަން ޑޮލަރާއި ބަޖެޓް ސަޕޯޓްގެ ގޮތުގައި 25 މިލިއަން ޑޮލަރު ދޭން އިންޑިއާ ސަރުކާރުން އެއްބަސްވެފައިވާ ކަމަށެވެ.
"އިންޑިއާ ސަރުކާރުން އަޅުގަނޑުމެން ވަރަށް ހިތްހަމަޖެހޭ ގޮތަށް އެހީ ވެދެއްވުމަށް ވިދާޅުވި. އެގޮތުން އިންޑިޔާގެ އެގްޒިމް ބޭކުން ދޭން ކުރިން ހަމަޖެހިފައިވާ 40 މިލިއަން ޑޮލަރު މިހާރު އެކަން ފަހިވާގޮތަށް ހަމަޖެހިފައި އޮތީ. އެލްސީ ހުލުވުމަށް 25 މިލިއަން ޑޮލަރާއި ސްޓޭންޑްބައި ކުރެޑިޓްގެ ގޮތުން، ބަޖެޓް ސަޕޯޓްގެ ގޮތުގައި 25 މިލިއަން ޑޮލަރު ދޭން ވަނީ އެއްބަސްވެފައި،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އިންޑިޔާގެ ވިޔަފާރީގެ މަރުކަޒު މުމްބާއީ އަށް ވަޑައިގެން އެންމެ މުހިންމު އެއް ކަމަކަށް ކުރެއްވި މަސައްކަތްޕުޅަކީ ޓާޓާ ގުރޫޕާ އެކު ސަރުކާރުން އެއްބަސްވެފައިވާ ފުލެޓް އެޅުމުގެ މަޝްރޫއުގެ މަސައްކަތް ހުއްޓިފައި ވާތީ އެކަން ހައްލުކޮށް، އެ މައްސައްކަތް ފެށުމަށް މަގުފަހި ކުރުމާއި އިންޑިއާ އިން ރާއްޖެ އަންނަ ޓޫރިސްޓުންގެ ނިސްބަތް މަތިކުރެވޭތޯ ތާޖުގުރޫޕާ އެކު މަޝްވަރާކުރެއްވުން ކަމަށެވެ.
ރައީސް އަދި ވިދާޅުވީ ޒުވާނުންނަށް އިތުރު ފުރުސަތު ހޯދައިދިނުމުގެ މަގުސަދުގައި ރިލަޔަންސާ ވާހަކަފުޅު ދެއްކެވި ކަމަށާއި އެގޮތުން ޒުވާނުންނަށް އިތުރު ވަޒީފާ ހޯއްދަވައި ދެއްވުމުގެ ގޮތުން އެ ކުންފުނި މެދުވެރިކޮށް ރާއްޖޭގައި އައިޓީ ޕާކެއް ނުވަތަ އައިޓީ އިންޑަސްޓްރީޒެއް އުފެއްދޭތޯ މަޝްވަރާކުރެއްވި ކަމަށެވެ.
"ރިލަޔަންސާ ބޮޑަށް ވާހަކަ ދެއްކީ ޒުވާނުންނަށް ވަޒީފާ ހޯދައިދިނުމަށް ޓަކައި މަސައްކަތްތަކެއް ފެއްޓޭނެ ގޮތެއް ވޭތޯ. އައިޓީ ޕާކެއް ހެދޭތޯ ނޫނީ ވިއްޔާ އައިޓީ އިންޑަސްޓްރީއެއްގެ އެކި މަސައްކަތް ރާއްޖެ ގެނެސް ރާއްޖޭގައި މަސައްކަތްތެރިކަން އުފެދޭނެ ގޮތެއްވުން،" ރައީސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ