އިތުރުވާ ފައިސާ ކަނޑަންދެން ޗައިނާގެ ވާހަކަ ދައްކާނަން: ނަޝީދު

ޗައިނާއިން ލޯނު ނަގައިގެން ސަރުކާރުން ކުރިއަށްގެންދިޔަ ޕްރޮޖެކްޓުތަކަށް ހަރަދުވި މިންވަރަށް ވުރެ އިތުރަށް އެ ގައުމަށް އަނބުރާ ފައިސާ ނުދެއްކޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. މިއަދު ރައްޔިތުންގެ މަޖިލީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޗައިނާއަށް ނަޝީދު ފާޑުވިދާޅުވުމާ ގުޅޭގޮތުން "ސަން"އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެމަނިކުފާނު ވަނީ ރާއްޖެއިން ޗައިނާއަށް ދައްކަން ޖެހޭ ލޯނުތަކުގެ ވާހަކަ ދައްކަވައިފައެވެ. އެމަނިކުފާނު ވިދާޅުވީ 2021 ވަނަ އަހަރުން ފެށިގެން ރާއްޖެއިން ޗައިނާއަށް "އިންތިހާއަށް ބޮޑު" އަދަދުތަކުން ފައިސާ އަނބުރާ ދައްކަން ފަށަންޖެހޭ ކަމަށެވެ. އަދި އެ ފައިސާ ބޭނުންކޮށްފައި ހުރި ޕްރޮޖެކްޓުތަކުން މާލީ މަންފާއެއް ނުލިބޭތީ، ޕްރޮޖެކްޓުތަކުން އެ ފައިސާ ދެއްކޭނެ ގޮތެއް ނެތް ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ، ޕްރޮޖެކްޓުތަކަށް ހަރަދުވި މިންވަރު ރާއްޖެއިން ޗައިނާއަށް އަނބުރާ ދައްކަން ޖެހޭނެ ކަމަށެވެ. އެކަމަކު، ހަރަދުތަކަށް ވުރެ އިތުރަށް ދައުލަތުން ދައްކަން އެއްބަސްވި މިންވަރު ޗައިނާއަށް ނުދެއްކޭނެކަމަށް ވިދާޅުވިއެވެ. "އަޅުގަނޑު ހަމައެކަނި މި ދަންނަވާ ވާހަކައަކީ މިތަނަށް ހަރަދުކުރި ވަރު އެނގިވަޑައިގަންނަވާނެއޭ. އެހެރީ ކޮންކްރީޓު ފެންނަން. އޭތި މިނޭނެ، އޭތި ކިރޭނެ، ކިތައް ދަގަނޑުތޯ އެނގޭނެ. އެއަށް ދިޔަ ހަރަދު އެނގޭނެ. އެ އަދަދަށް އަޅުގަނޑުމެން އަނބުރާ ފައިސާ ދައްކަން ޖެހޭނެ. އެކަމަކު އެއަށް ވުރެ އިތުރަށް ފައިސާ ދެއްކުމަކީ [ކުރެވޭނެ ކަމެއް ނޫން]،" ނަޝީދު ވިދާޅުވިއެވެ. އިތުރުވާ ފައިސާ އަނބުރާ ޗައިނާއަށް ދައްކާނަމަ އެ ފައިސާ ދައްކަން ޖެހޭނީ ރައްޔިތުންގެ އަތުން ފައިސާ ނަގައިގެން ކަމަށް ދޭހަވާ ގޮތަށް ނަޝީދު ވާހަކަފުޅު ދެއްކެވިއެވެ. "ތިބޭފުޅުން އަތުން އަތުލައިގެން ދެއްކެން އޮތީ. ސަރުކާރުގައި އޮތް ލާރިއެއް ނޫން ދައްކަން އޮތީ،" ނަޝީދު ވިދާޅުވިއެވެ. https://sun.mv/123944 އެމަނިކުފާނު ވިދާޅުވީ އެއީ ޗައިނާއަށް ދައްކަން ޖެހޭ ފައިސާގެ ތެރެއިން ޕްރޮޖެކްޓަށް ހަރަދުވި މިންވަރުގެ އިތުރަށް ދައްކަން ޖެހޭ ފައިސާ ކަނޑާލަންދެން ޗައިނާގެ ވާހަކަ ދައްކަވާނެ ކަމަށެވެ. "މި ވާހަކަ ތަކުރާރުކޮށް އިރާދަކުރެއްވިއްޔާ އަޅުގަނޑު ދައްކަމުން ގެންދާނަން. އަޅުގަނޑު ދެކޭ ގޮތުގައި ޗައިނާ ސަފީރުވެސް އެކަމުގައި ކަންބޮޑުވުމެއް ނުބާއްވަވާނެ. ޗައިނާ ސަރުކާރުންވެސް އަޅުގަނޑު ދެކޭ ގޮތުގައި މިކަމާ ކަންބޮޑުވުމެއް ނުބާއްވާނެ. އަޅުގަނޑު ދެކޭ ގޮތުގައި އެ ބޭފުޅުން އިތުރުވެފައި އޮތްބައި ކަނޑާލަދެއްވާނެ. އަދި އަޅުގަނޑު މި ވާހަކަ ދައްކަމުން ގެންދާނަން އެ ބޭފުޅުން އިތުރުވެފައި އޮތްބައި ކަނޑާލަދެއްވަންދެން،" ނަޝީދު ވިދާޅުވިއެވެ. އެމަނިކުފާނު މިއަދު ވިދާޅުވީ، ޗައިނާއިން ކަންތައްތައް ކުރާ ގޮތާ ބެހޭގޮތުން ވާހަކަ ނުދައްކައި ހުރުމަކީ ގައުމަށާއި ދުނިޔެއަށްވެސް ގެއްލުން ހުރި ކަމެއް ކަމަށެވެ. "މި ގޮތަށް އޮތް ކަމެއްގައި، މުޅި ޖުމްލަކޮށް ހުރިހާ ގައުމުތަކުގެ މަސައްކަތްތައް ފާހަގަވާ އިރުގައި، އެއީ ޖިބޫޓީއަށް ވިޔަސްވެސް ސްރީލަންކާއަށް ވިޔަސްވެސް އީސްޓް ޓިމޯއަށް ވިޔަސްވެސް ކޮންމެ ގައުމަކަށް ވިޔަސް، މި ކަންތައްތައް ވެފައި ހުރި ގޮތް ތާރީހީ ނަޒަރަކުން ދެކިއްޖެއްޔާ ދެން އެކަމާ ގުޅޭގޮތުން ފެންނަ އެއްޗެއް ނުބުނެ ހުރެއްޖެއްޔާ އެއީ މި ގައުމަށްވެސް އަދި އަޅުގަނޑުމެންގެ ރައްޔިތުންނަށްވެސް އަދި ދުނިޔެއަށްވެސް ގެއްލުން ހުރި ކަމެއް،" ނަޝީދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ